ފުރަތަމަ ސަފްޙާ / ޚަބަރު / ނަތީޖާ ނެރެން އަދިވެސް މޮޅީ ހަމަ މޮރީނިއޯ
ފަހުމިނެޓް

ނަތީޖާ ނެރެން އަދިވެސް މޮޅީ ހަމަ މޮރީނިއޯ

އެޑްމިން
އެޑްމިން
2 ހަފްތާ ކުރިން 30 ޖެނުއަރީ 2026

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދާން ކުޅެންޖެހޭ ޕޮލޭ އޮފްގެ ޖާގައެއް ބުދަ ދުވަހުގެ ރޭ ޕޯޗްގަލްގެ ބެންފީކާއިން ކަށަވަރުކުރި އިރު އެޓީމުގެ ހީރޯއަކަށް ވީ ގޯލްކީޕަރު އަނަޓޮއްލީ ޓްރޫބިން އެވެ.

ޕޯޗްގަލްގެ ޕޯޓޯއަށް މީގެ 22 އަހަރު ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެންފީކާއިން ޕްލޭ އޮފްގެ ޖާގަ އެއް ކަށަވަރުކުރީ ރެއާލް މެޑްރިޑާ ދެކޮޅަށް ލިޒްބަންގައި ކުޅުނު މެޗު 2-4 އިން ކާމިޔާބުކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް ބެންފީކާއިން ނުކުތްއިރު އެ ޓީމަށް ޕްލޭ އޮފްގެ ޖާގައެއް ކަށަވަރުކުރަން ލިބިފައި އޮތީ ހަނި ފުރުސަތެކެވެ. ރެއާލް ބަލިކުރެވުނަސް ބެންފީކާއާ އެންމެ ގާތުން ވާދަކުރަމުން އައި ފްރާންސްގެ މާސޭއިން ކުޅުނު މެޗުގެ ނަތީޖާއަށްވެސް ބަލަން ޖެހެ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތު ގާތްގަނޑަކަށް ހަމަވި އިރު ބެންފީކާ އޮތީ 2-3 އިން ކުރީގަ އެވެ. އެކަމަކު މުބާރާތުގައި އިތުރަށް ކުރިއަށްދެވެން އޭރު އޮތީ އަދި އިތުރު އެއް ގޯލް ކާމިޔާބުކޮށްގެންނެވެ. އެހާ ހިސާބުން ދެން ފެނުނީ ބެންފީކާއަށް ރަގަޅު ހިސާބަކުން ހިލޭ ޖެހުމެއް ލިބުނު ތަނެވެ. އެއާއެކު މޮރީނިއޯ ބެންފީކާގެ ގޯލްކީޕަރު ޓްރޫބިނަށް އެންގީ ކުރިއަށް އަރާށެވެ. މެޗުގެ ނަތީޖާ 2-4 އަށް ބަދަލުވީ ބެންފީކާއިން ފޮނުވާލި ހިލޭޖެހުން ޓްރޫބިން ބޮލުންޖަހައި ރެއާލްގެ ގޯލަށް ވައްދާލުމާއެކު އެވެ.

“އެއީ ވަރަށް ރީތި ގޯލެއް. ވަރަށް ތާރީހީ ގޯލެއް. މުޅި ސްޓޭޑިއަމް ވެއްޓޭވަރަށް ސަޕޯޓަރުން ކައްކުވާލި ގޯލެއް. އަހަރެންނަށް ހީވަނީ އެއީ އަހަރެމެންނަށް ހަމަ ކާމިޔާބުވުން ހައްގު ގޯލެއްހެން.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުންޏެވެ.

“ރެއާލް މެޑްރިޑް ބަލިކުރެވުމަކީ މިއީ ބެންފީކާއަށް ވަރަށް ބޮޑު ޝަރަފެއް.” ކާމިޔާބާ ގުޅޭ ގޮތުން މޮރީނިއޯ ބުނެފައިވެ އެވެ.

ބެންފީކާގެ ކީޕަރު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ. އެޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުން ޖާގަ ހޯދާފަ.

ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ފަހު 18 މެޗު އެއް ވަގުތެއްގައި ކުޅެމުން އައިއިރު ބެންފީކާގެ ފަހު ގޯލް ކާމިޔާބުކޮށްދިން ޓްރޫބިނަށް މުބާރާތުގައި ބެންފީކާއަށް ކުރިއަށްދެވެން އޮތީ ކިތައް ގޯލް ޖަހައިގެން ކަމެއް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެގިފައެއް ނެތެވެ. ޓްރޫބިން ގޯލް ކާމިޔާބުކުރުމާ ހަމައަށް ގޯލްގެ ތަފާތުން މާސޭއަށް ފުރުސަތު ލިބޭގޮތަށް އޮތް އިރު ޓްރޫބިން ހީކޮށްގެން ހުރީ 2-3 ގެ ނަތީޖާއަކީ ބެންފީކާ ސަލާމަތްވާނެ ނަތީޖާއެއް ކަމަށެވެ.

ބެންފީކާގެ ހަތަރު ވަނަ ގޯލް ކާމިޔާބުކުރުމުގެ ދެތިން މިނެޓް ކުރިން ޓްރޫބިން ވަނީ ވަގުތު ނަގާލުމުގެ ގޮތުން ރެއާލުން ބެންފީކާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ސަލާމަތްކުރަމުން ދަނޑުމައްޗަށް ވެއްޓިވެސްގެންފަ އެވެ.

“ކުރިން އަހަރެންނަކަށް ނޭގުނު އަހަރެމެން ޖަހަން ޖެހެނީ ކިތައް ގޯލްކަމެއް. އަހަންނަށް ފެނުނީ އެންމެން އަހަރެންނަށް އަތުން އިޝާރާތްކުރާތަން. އެހިސާބުން އަހަރެންނަށް އެނގުނީ އިތުރު ގޯލެއް އަދި ޖަހަންޖެހޭކަން.” ޓްރޫބިން މެޗަށްފަހު ބެނުފައިވެ އެވެ.

“އަހަރެން މިހިރީ ބުނާނެ އެއްޗެއްވެސް ނޭގިފަ،. ވަރަށް އުފާވެރި ވަގުތުކޮޅެއް އެއީ. އަހަރެންނަށް ގޯލެއް ޖެހުން ވީ މުޅިން އާ ކަމަކަށް. އަހަރެމެންގެ އުމުރުން 24 އަހަރު ވީއިރު މިއީ ގޯލެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރު.” ޔުކްރެއިނަށް އުފަން ޓްރޫބިން ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!