ފުރަތަމަ ސަފްޙާ / ޚަބަރު / އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ އަނދިރި ފަރާތް
ފަހުމިނެޓް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ އަނދިރި ފަރާތް

އެޑްމިން
އެޑްމިން
1 މަސް ކުރިން 16 ޖެނުއަރީ 2026

ދުނިޔޭގެ އެންމެ މަގްބޫލް ފުޓްބޯޅަ ލީގަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ގިނަ ބައެއްގެ ޖަވާބަކަށް ޔަގީނުން ވެސް ވާނީ އިނގިރޭސި ޕްރިމިއާ ލީގެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ލީގަކީ ވެސް އެއީ އެވެ. ދުނިޔޭގެ މޮޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންގެ ހުވަފެނީ މަންޒިލަކަށް ވެފައި އޮންނަނީ ވެސް އިނގިރޭސި ޕްރިމިއާ ލީގެވެ. މީގެ 34 އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގު ފެށިފަހުން މިއަދާ ހަމައަށް އައިއިރު ވެސް ހަގީގަތަކަށް ނުވެ އޮތް ވަރަށް ފާހަގަކޮށްލެވޭ އެއް ކަމެއް އެބައޮތެވެ. އެއީ އިނގިރޭސި ރައްޔިތެއްގެ ކޯޗްކަމުގެ ދަށުން އެއްވެސް ކްލަބަކަށް ޕްރިމިއާ ލީގު ކާމިޔާބުކުރެވިފައި ނުވުމެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލީގުގެ ޗެމްޕިއަންކަން އެގައުމުގެ ރައްޔިތަކު ކޯޗަކަށް ހުރެގެން އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 1992 ވަނަ އަހަރު އެވެ. އެކަމަކު އުމުރުން މިހާރު 82 އަހަރުވެފައިވާ ހަވާޑް ވިކިންސަންގެ އިރުޝާދުގެ ދަށުން ލީޑްސް ޔުނައިޓެޑް ލީގު ޗެމްޕިއަންކަން ހޯދިއިރު ޕްރިމިއާ ލީގުގެ ނަން އަދި އުފަން ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގު ތައާރަފްވީ ޖެހިގެން އައި ސީޒަންގަ އެވެ. ޕްރިމިއާ ލީގު ފެށި ފަހުން ތަފާތު 12 ކޯޗަކު ވަނީ ލީގުގެ ތަށި އުފުލާލައިފަ އެވެ. އެކަމަކު އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އިނގިރޭސި ވިލާތް ނޫން އެހެން ގައުމުތަކަށް ނިސްބަތްވާ ކޯޗުންނެވެ. މި 12 ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި ތަފާތު ބޮޑުކޮށް އޮތީ މެންޗެސްޓާ ޔުނައިޓެޑަށް 13 ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ސްކޮޓްލެންޑްގެ ސަރ އެލެކްސް ފާގަސަން އެވެ. ދެވަނައިގައި އޮތީ ޔުނައިޓެޑްގެ އަވަށްޓެރިޔާ މެންޗެސްޓާ ސިޓީއަށް ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައިވާ ސްޕެއިންގެ ޕެޕް ގާޑިއޯލާ އެވެ.

އިނގިރޭސި ކޯޗުންގެ ނުފޫޒް ޕްރިމިއާ ލީގުގައި ކުޑަ

އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު އޮތް 29 ކްލަބްގެ ތެރެއިން ދާއިމީ ކޯޗުންގެ ގޮތުގައި އިނގިރޭސި ރައްޔިތުން ހަވާލުވެ ތިބީ އެންމެ ހަތަރު ކްލަބްގަ އެވެ. އެއީ ލިއަމް ރޮސީނިއޯ ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީ އާއި، ސީން ޑައިޝްގެ އިރުޝާދުގެ ދަށުން ލީގުގައި ވާދަކުރަމުން އަންނަ ނޮޓިންހަމް ފޮރެސްޓްގެ އިތުރުން އެޑިން ހޯވް ހަވާލުވެ ހުރި ނިއުކާސަލް ޔުނައިޓެޑާއި ސްކޮޓް ޕާކާ އިރުޝާދު ދެމުން އަންނަ ބާންލީ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް މައިކަލް ކެރިކް މިވަގުތު ހުރި ނަމަވެސް އެމަގާމުގައި އޭނާ އެހުރީ ވަގުތީ ގޮތުންނެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އިރުޝާދުދެނީ. ޕްރިމިއާ ލީގުގައި މިވަގުތު ހުރި އެންމެ މޮޅު އިނގިރޭސި ކޯޗަކީ އޭނާ.

އިނގިރޭސި ވިލާތުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ ލީގުގެ ކްލަބްތަކާ ހަވާލުވެގެން ތިބި އަމިއްލަ ގައުމުގެ ކޯޗުން މިހާ މަދުއިރު ޔޫރަޕްގެ އެންމެ ބޮޑު އަނެއް ހަތަރު ލީގުގައި ކަން އޮތީ ކިހިނެއްތޯ ބަލާލުމަކީ ވެސް މުހިންމު ކަމެކެވެ. މިރޮގުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި އޮތީ އިޓަލީންނެވެ. އިޓާލިއަން ސެރިއޭގައި ހިމެނޭ 20 ކްލަބްގެ ތެރެއިން 16 ކްލަބްގައި ހެޑް ކޯޗުންގެ ގޮތުގައި ތިބީ އިޓަލީގެ ރައްޔިތުންނެވެ. ސްޕެނިޝް ލަލީގާ އަށް ބަލާއިރު 20 ޓީމުގެ ތެރެއިން 11 ޓީމާ ހަވާލުވެގެން ތިބީ ސްޕެއިންގެ ރައްޔިތުންނެވެ. ޖަރުމަންގެ ބުންޑަސް ލީގާގައި އޮތް 18 ޓީމުގެ ތެރެއިން 12 ޓީމްގައި އިރުޝާދުދޭން އިސްކޮށް ތިބީ ޖަރުމަނަށް ނިސްބަތްވާ ކޯޗުންނެވެ. ފްރެންޗް ލީގަށް ބަލާއިރު ލީގުގައި ހިމެނޭ 18 ކްލަބްގެ ތެރެއިން 10 ކްލަބްގެ ކޯޗުންނަކީ ފްރާންސްގެ ރައްޔިތުންނެވެ.

ޕްރިމިއާ ލީގުގެ 34 އަހަރުގެ ތާރީހަށް ބަލާއިރު ވަގުތީ މަގާމުތައް ފުރި ކޯޗުން ވެސް ހިމަނައިގެން އިނގިރޭސި ވިލާތަށް ނިސްބަތް ނުވާ 92 ކޯޗަކު ވަނީ ލީގުގައި ކުޅުނު އެކި ޓީމުތަކަށް އިރުޝާދު ދީފަ އެވެ.

ޕްރިމިއާ ލީގުގެ ޓޭބަލް މިވަގުތު އޮތް ގޮތަށް ބަލާއިރު އެއް ވަނައިގައި މިކެލް އާޓެޓާގެ އާސެނަލް އޮތް އިރު ދެ ވަނައިގައި އޮތީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އެވެ. ތިން ވަނައިގައި އޮތީ އުނާއި އެމެރީގެ އެސްޓަން ވިލާ އެވެ. މިއީ ހުސް ވެސް ސްޕެއިންގެ ރައްޔިތުންނެވެ.

އެންމެ ފުރަތަމަ ވިދާލީ ފާގަސަން

އިނގިރޭސި ޕްރިމިއާ ލީގު އުފަންވި ސީޒަން އިއްތިފާގުންވީ ސަރ އެލެކްސް ފާގަސަން މެންޗެސްޓާ ޔުނައިޓެޑަށް ފުރަތަމަ ތަށި ހޯދައިދިން ސީޒަނަށެވެ. އަދި އެއީ 26 އަހަރު ވަންދެން ތަށްޓެއް ނުލިބި ދިއުމަށްފަހު ޔުނައިޓެޑަށް ލިބުނު ފުރަތަމަ ތަށްޓެވެ. އެއީ ފާގަސަން ޔުނައިޓެޑަށް 13 ޕްރިމިއާ ލީގު ޓްރޮފީއާއެކު ހޯދައިދިން ބޮޑު ކާމިޔާބީގެ ފެށުމެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑުން ތަށި ހޯދުން. އޭރު ކޯޗަކީ ފާގަސަން

ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަންގެ ދެވަނަ ހޯދީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ރޮން އެޓްކިންސަންގެ އިރުޝާދުގެ ދަށުން ކުޅުނު އެސްޓަން ވިލާ އެވެ. އެޓީމާއި ޔުނައިޓެޑާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އޮތެވެ. މިއީ އިނގިރޭސި ރައްޔިތަކަށް ކޯޗެއްގެ ގޮތުން ޕްރިމިއާ ލީގުގައި ކުރެވުނު އެންމެ ބޮޑު ވަރެވެ.

ފާގަސަން ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ޕްރިމިއާ ލީގު ހޯދައިދިން ފަހުން ސްކޮޓްލެންޑްގެ އެހެން ރައްޔިތެއް ކަމަށްވާ ކެނީ ޑަލްގިޝް ބްލެކްބާން ރޯވާސް އަށް 1995 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނެވެ.

ވެންގާ ވެސް ސާބިތުކޮށްދިނީ ތަފާތުވާނެކަން

ފާގަސަން އަށް ފަހު ދެން އެންމެ ބޮޑު ސަމާލުކަމެއް ހޯދި ކޯޗެއްގެ ގޮތުގައި ޕްރިމިއާ ލީގަށް ފާޅުވީ ފްރާންސްގެ އާސެން ވެންގާ އެވެ. ޖަޕާންގެ ކްލަބަކަށް ކޯޗްކަން ކޮށްދިނުމަށްފަހު 1996 ވަނަ އަހަރު ވެންގާ އާސެނަލްއާ ގުޅުމުން އޭނާގެ ގާބިލްކަމާ މެދު ގިނަ ބަޔަކު އޭރު ސުވާލު އުފެއްދި އެވެ. ވެންގާ އާސެނަލްއާ ހަވާލުވުމުގެ ކުރިން އެ ކްލަބަށް ކޯޗްކޮށްދީފައި ވަނީ އިނގިރޭސި ވިލާތުން ބޭރު އެންމެ ދެ މީހުންނެވެ. އެއީ އޮސްވާލްޑޯ އެޑައިލްސްއާއި ރުޑް ގުލިޓެވެ. އާސެނަލްއާ ހަވާލުވުމަށްފަހު ވެންގާ ވަނީ އާސެނަލްގެ ކުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލެއް ގެނެސްފަ އެވެ.

ވެންގާގެ ކޯޗުކަމުގައި އާސެނަލް ހޯދި ބައެއް ކާމިޔާބީތަކާ އެކު. ވެންގާ އަކީ ޕްރިމިއާ ލީގު ދުށް ކާމިޔާބު ކޯޗެއް

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އޭގެ ތެރޭގައި އެއްވެސް މެޗަކުން ބަލި ނުވެ ލީގު ކާމިޔާބުކުރި ފަހަރެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވެންގާ ވަނީ އާސެނަލަށް ހަތް ފަހަރު އެފްއޭ ކަޕް، ހަ ފަހަރު ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދީފަ އެވެ. 1998 ވަނަ އަހަރާއި 2002 ވަނަ އަހަރު އާސެނަލުން ވަނީ ވެންގާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގާއި އެކު އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މުޅި މަންޒަރު ބަދަލުކޮށްލީ މޮރީނިއޯ

ޔުނައިޓެޑާއި އާސެނަލްއަށް ފަހު އިނގިރޭސި ވިލާތުން ބޭރު ކޯޗުން ގެނައުމުގައި ދެން އެންމެ ވަރުގަދައަށް ފޫގަޅާލީ ޗެލްސީ އެވެ. ޗެލްސީން އެންމެ ފުރަތަމަ ގެނައީ “ސްޕެޝަލް ވަން” ގެ ގޮތުގައި މަޝްހޫރުވި ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އެވެ. ޕޯޓޯ އަށް 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު ޗެލްސީއަށް ބަދަލުވި މޮރީނިއޯ ކްލަބާ ހަވާލުވި ފުރަތަމަ ސީޒަން ވެސް ނިންމާލީ ތަށްޓާއެކު އެވެ. އޭރު ޗެލްސީ އަށް ތަށްޓެއް ނުލިބި އޮތްތާ ބައި ގަރުނު ވީއެވެ.

ޗެލްސީ އަށް ހޯދައިދިން ތިން ވަނަ ޕްރިމިއާ ލީގާ އެކު މޮރީނިއޯ. އިނގިރޭސި ކޯޗުންނަށް ޕްރިމިއާ ލީގުގައި އުހަށް ނުދެވޭ

މިއީ ތަށި ހޯދުމުގައި ކާމިޔާބު ހޯދާފައިވާ ދުނިޔޭގެ ނަން މަޝްހޫރު ކޯޗުން ޕްރިމިއާ ލީގަށް ގެންނަން ފެށި ހިސާބެވެ. އެއާއެކު އިޓަލީގެ ކާލޯ އަންޗެލޮޓީ، އެންޓޯނިއޯ ކޮންޓޭ، ރޮބާޓޯ މަންޗީނީ، ކްލައުޑިއޯ ރަނިއޭރީގެ އިތުރުން ޗިލީގެ މެނުއަލް ޕެލެގްރިނީ، ޖަރުމަނުގެ ޔާގެން ކްލޮޕް، ސްޕެއިންގެ ޕެޕް ގާޑިއޯލާ އަދި ހޮލެންޑްގެ އާނޭ ސްލޮޓް ފަދަ އެތައް ކޯޗުންނެއް ޕްރިމިއާ ލީގުން ވަނީ ފެނިފަ އެވެ.

އިނގިރޭސި ކޯޗުންނަށް ނުވަނީ ކީއްވެ؟

1993 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑްގެ ޓީމުގައި ހިމެނުނު ޑިއޮން ޑަބްލިން ބީބީސީ ސްޕޯޓްއާ ވާހަކަދައްކަމުން ބުނެފައިވަނީ ޕްރިމިއާ ލީގަށް އިނގިރޭސި ވިލާތުން ބޭރުން އައި ގިނަ ކޯޗުންނަކީ ޔޫރަޕްގެ އެކި ލީގުތަކުގައި ކާމިޔާބު ހޯދާފައިވާ ކޯޗުންނަށް ވުމުން އެ ކޯޗުންނަށް ތަށި ހޯދާނެ ގޮތް އެނގެނީ ކަމަށާއި، އިނގިރޭސި ކޯޗުންގެ އެ ތަޖުރިބާ ނެތުމާއެކު އެކަން ނުކުރެވެނީ ކަމަށް ހީވާ ކަމަށެވެ.

“ޕްރިމިއާ ލީގު ތައާރަފްވީ 1992 ވަނަ އަހަރު. އޭގެ ފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އަހަރެންނަށް ޔަގީން އިނގިރޭސި ކޯޗަކު އަދި ޕްރިމިއާ ލީގު އުފުލާލާނެކަން. އެކަމަކު އެއީ ކޮން އިރަކުން ކަމެއް ނޭނގޭ.” ޑަބްލިން ބުނެފައިވެ އެވެ.

ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރެއިން އެގައުމެއްގެ އެންމެ ޝަރަފްވެރި ލީގު އެގައުމަކަށް ނިސްބަތްވާ ކޯޗަކަށް ކާމިޔާބު ނުކޮށްދެވި އޮތް ހަމައެކަނި ލީގަކީވެސް ޕްރިމިއާ ލީގެވެ. އިޓަލީ އަށް ނިސްބަތްވާ ކޯޗުން 29 ފަހަރު ސެރިއޭގެ ތަށި އުފުލާލިއިރު ޖަރުމަނަށް އުފަން ކޯޗުން ވަނީ ބުންޑަސް ލީގާ 24 ފަހަރު ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ކޯޗުން ފްރެންޗް ލީގުގެ ޗެމްޕިއަންކަން 23 ފަހަރު ހޯދިއިރު ސްޕެނިޝް ލަލީގާގެ ތަށި 14 ފަހަރު ސްޕެއިންގެ ކޯޗުން ވަނީ އުފުލާލައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!