ފުރަތަމަ ސަފްޙާ / ޚަބަރު / ފައިން ދޮންވެލި ނުހިކެނީސް މޮރީނިއޯއަށް ފެނަބާޗޭ ސަޕޯޓަރުންގެ ލޯބި ލިބިއްޖެ
ފަހުމިނެޓް

ފައިން ދޮންވެލި ނުހިކެނީސް މޮރީނިއޯއަށް ފެނަބާޗޭ ސަޕޯޓަރުންގެ ލޯބި ލިބިއްޖެ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 3 ޖޫން 2024

ތުރުކީގެ ފެނަބާޗޭގެ ކޯޗުކަމާ ހަވާލުވި ހޯސޭ މޮރީނިއޯ އެގައުމަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފެނަބާޗޭގެ ކޯޗުކަމާ ހަވާލުވާން މޮރީނިއޯ އިއްޔެ ވަނީ ތުރުކީގެ އިސްޓަމްބޫލަށް ގޮސްފަ އެވެ. މޮރީނިއޯ އަށް ކްލަބުގެ ވެރިން މަރުހަބާ ކީއިރު ސްޓޭޑިއަމް ކައިރިއަށް މޮރީނިއޯ ގެންދިޔައީ ޕްރައިވެޓް ޖެޓެއްގަ އެވެ. މޮރީނިއޯ ކޯޗުކަމާ ހަވާލުވުމުގެ ރަސްމިއްޔާތު އޮތީ ފެނަބާޗޭގެ ސުކްރު ސަރަކޮގްލޫ ސްޓޭޑިއަމްގަ އެވެ.

ސްޓޭޑިއަމްގައި މޮރީނިއޯ އަށް ހާއްސަކޮށް ސްޓޭޖެއް ހަދާފައި ހުރިއިރު، ސޮއިކުރުމުގެ ރަސްމިއްޔާތުގެ އޮތީ އެތަނުގަ އެވެ. އޭރު މުޅި ދަނޑު އޮތީ އެތައް ހާސް ސަޕޯޓަރުންނާ އެކު ފުރާލާފަ އެވެ. ކޯޗުކަމާ ހަވާލުވުމަށް ފަހު މޮރީނިއޯ ވަނީ ފެނަބާޗޭގެ ސަޕޯޓަރުން ދިން ހޫނު މަރުހަބާގެ އިހުސާސްތައް ބަންޑުންކޮށްލާފަ އެވެ.

“އާއްމުކޮށް ކޯޗަކަށް ލޯބި ލިބެނީ ކާމިޔާބީ ހޯދާ ފަހުން. އެކަމަކު މި ކްލަބުގައި އަހަރެންނަށް ލޯބި މި ލިބުނީ އޭގެ ކުރިން. މިއީ އަހަރެންނަށް ވަރަށް ބޮޑު ޒިންމާއެއް. އަހަރެން މި ވައުދުވަނީ. މިވަގުތުން ފެށިގެން އަހަރެން ނިސްބަތްވަނީ މި އާއިލާއަށް. މި ކްލަބުގެ ޖާޒީއަކީ އަހަރެންގެ ގައިގެ ހަންގަނޑު” އާދަޔާހިލާފު އުފާވެރިކަމެއް އިހުސާސްކުރަމުން ދިޔަ މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ މީގެކުރިން ޔޫޕަރްގެ މަޝްހޫރު ކްލަބްތަކަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މޮރީނިއޯ ކޯޗުކޮށްދިން މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާން ހިމެނެ އެވެ. ކޯޗިން ކެރިއަރު ޕޯޗުގަލްގެ ޕޯޓޯ އިން ފެށި މޮރީނިއޯ އެންމެ ފަހުން ހުރީ އިޓަލީގެ ރޯމާގެ ކޯޗުކަމުގަ އެވެ. އެކަމަކު އެއިން އެއްވެސް ޓީމަކުން މަރުހަބާ ނުކިޔާ ވަރަށް ފެނަބާޗޭ އިން މޮރީނިއޯ އަށް މަރުހަބާ ކިއެވެ.

މޮރީނިއޯ ފެނަބާޗޭގެ ޖާޒީ ދައްކާލަނީ. އެ ކްލަބުން ކީ އާދަޔާހިލާފު މަރުހަބާއެއް

އުމުރުން 61 އަހަރުގެ މޮރީނިއޯ ރޯމާގެ ކޯޗުކަމުން ވަކިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެފަހުން ހުސްކޮށްހުރި މުއްދަތުގައި ސައުދީ ލީގާއި ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުގެ ހުށަހެޅުން ލިބުނެވެ. އެ ހުރިހާ ހުށަހެޅުމެއް ދޫކޮށް މޮރީނިއޯ ބޭނުންވީ ފެނަބާޗޭގެ ކޯޗުކަމާ ހަވާލުވާށެވެ.

މޮރީނިއޯގެ ފެނަބާޗޭ މިދިޔަ ސީޒަން ނިންމާލީ ލީގު ދެ ވަނައިގަ އެވެ. އެކަމަކު އެޓީމުން 99 ޕޮއިންޓް ހޯދި އެވެ. ފެނަބާޗޭ އަށް ތުރުކީގެ ޗެމްޕިއަންކަން އެންމެ ފަހުން ލިބުނީ 2014 ވަނަ އަހަރު އެވެ. އެހެންވެ އެ ކްލަބުން ބޭނުންވަނީ މޮރީނިއޯއާ އެކު ލީގު ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ވާދައެއް ކުރާށެވެ.

މޮރީނިއޯ އަކީ އޭނާ ކޯޗުކޮށްދިން ހުރިހާ ގައުމެއްގައި ލީގު ހޯދާފައިވާ ކޯޗެކެވެ. އަދި، ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި ކޮންފަރެންސް ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗަކީ މޮރިނިއޯ އެވެ. ކޯޗިންގެ 24 އަހަރުވީ ތާރީހުގައި މޮރީނިއޯ ވަނީ 21 ތަށި ހޯދާފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!