ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރޭ ޗައިނާ އަތުން 0-5 އިން ރާއްޖެ ބަލިވި ނަމަވެސް ދެރަ ނުވާ ކަމަށާއި، މިހާރު ކުރަމުން އަންނަ މަސައްކަތަކީ މުސްތަގްބަލަށްޓަކައި ރަގަޅު ޓީމެއް ބިނާކުރުން ކަމުގައި ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ބުނެފި އެވެ.
ރޭ ދުބާއީ ގައި ރާއްޖޭގެ ގައުމީ ޓީމުން ގްރޫޕް އޭ ގެ ދެވަނައިގައި އޮތް ޗައިނާ އަތުން ބަލިވުމާއެކު ގްރޫޕްގެ ތިންވަނަ މަގާމަށް ވާދަ ނުކުރެވޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ގްރޫޕްގެ ފަސްވަނައިގައި އޮތް ގުއާމް އާ ދެކޮޅަށް ކުޅުނު ދެ މެޗުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕްގެ ހަތަރު ވަނައިގައި ރާއްޖެ އޮތްއިރު ތިންވަނައިގައި އޮތް ފިލިޕީންސްއިން ވަނީ މިހާތަނަށް 10 ޕޮއިންޓް ހޯދައިފަ އެވެ. ގްރޫޕްގައި ރާއްޖެ އާއި ފިލިޕީންސް އަށް ބާކީ އޮތީ ދެ ޓީމް އަންނަ ހޯމަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗް އެކަންޏެވެ.
“އެންމެންނަށްވެސް ހީވެދާނެ އަހަރެމެން ތިބޭނީ ވަރަށް ދެރަވެފައޭ. އެކަމަކު އަސްލު އަހަރެމެން ދެރައެއް ނުވޭ. އަހަރެމެން މި އައީ ވަރަށް ދުރުން. މިއީ ވޭތުވެދިޔަ އެއް އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި އަހަރެމެން ކުޅުނު ދެވަނަ މެޗް. އަހަރެމެންނަށް މި މެޗްތަކަށް ތައްޔާރުވާން ލިބުނީ ވަރަށް ކުރު މުއްދަތެއް. ދަނޑުގައި ކުރެވުނީ އެންމެ 11 ޕްރެކްޓިސް.” މެޗަށްފަހު ވާހަކަދައްކަމުން ރާއްޖޭގެ ކޯޗް ކޫޕްމަން ބުންޏެވެ.
“އަސްލު އަހަރެމެން ބޭނުންވީ ރީތިކޮށް އިންތިޒާމްވެގެން ފުޓްބޯޅަ ކުޅެން. އަހަރެމެން ބޭނުމެއް ނޫން އަވަސް އަރުވާލާކަށް. އަހަރެން ބެލިން ޗައިނާ އާއި ރާއްޖެ މާލޭގައި ބައްދަލުކުރި މެޗް. އެ މެޗްގައި ފެންނަނީ ރާއްޖެއިން ދިގު ބޯޅަތަކެއް ޖަހައި، އެ ހުރިހާ ބޯޅައެއް ގެއްލޭ ތަން. އަހަރެން ބޭނުންވަނީ ފަހަތުން ފަށައިގެން ބިލްޑްކޮށްގެން ފުޓްބޯޅަ ކުޅެން. މިހެން ކުޅޭއިރު ފުރަތަމަ ކޮޅުގަ ގޯސްތައް ހެދޭނެ. އެއީ މައްސަލައެއް ނޫން. އެކަމަކު އަހަރެމެން އެބަ ޖެހޭ މުސްތަގްބަލަށްޓަކައި އެކަން ކުރަން ފަށަން. އަދި ވަކިން ހާއްސަކޮށް ޓީމްގައި ތިބި ޒުވާން ކުޅުންތެރިންގެ ކުރިމަގަށްޓަކައި މިއީ ވަރަށް މުހިއްމު ކަމެއް.” މިދިޔަ އަހަރުގެ ކުރީކޮޅު މަގާމާއި ހަވާލުވި ކޯޗް ބުންޏެވެ.
ގްރޫޕް އޭގައި ރާއްޖެ އިން ޗައިނާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވީ 0-5 އިންނެވެ. ރޭގެ މެޗްގައި ޗައިނާގެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ރޭގެ މެޗްގައި ޗައިނާއިން ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް ދިވެހި ޓީމުން ކޮންމެވެސް ވަރަކަށް ބޯޅަ ހިފަހައްޓައިގެން ހަމަލާ އުފައްދަން މަސައްކަތްކުރިތަން ފެނުނެވެ.
“ޔަގީނުންވެސް އަހަރެމެން ބޭނުން މެޗުން މޮޅުވާން. އެކަމަކު އަހަރެމެން މި ތިން މެޗް މި ބޭނުންކުރަނީ ރަގަޅު ޓީމެއް ބިނާ ކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ގިނަ ކަންތައްތަކެއް ދެނެގަންނަން ލިބޭ ރަގަޅު ފުރުސަތެއް.” މަގާމާއި ހަވާލުވި ފަހުން ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗް ބުންޏެވެ.
“އަހަރެންނަކަށް އެއްވެސް މީހަކު ކުށްވެރިކުރެވޭކަށް ނެތް. މި ހާލަތުގައި ކުޅުންތެރިންގެ ރަގަޅު އެނަލިސިސް އެއް ނުހެދޭނެ. ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފަ. އަހަރެން ގަބޫލުކުރާ ގޮތުގަ ތިޔަ ހުރިހާ އެންމެންނަށްވެސް ފެންނާނެ އަހަރެމެން ރަގަޅު ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރި ތަން.” ގައުމީ ކޯޗް އިތުރަށް ބުނެފައިވެ އެވެ.
ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗަކީ ސީރިއާ އާ ދެކޮޅަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗެވެ. ގްރޫޕްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ސީރިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން 0-4 އިން ރާއްޖެ ވަނީ ބަލިވެފަ އެވެ. ގްރޫޕްގެ ފަހު މެޗްގައި ރާއްޖެ އަށް ފިލިޕީންސް ބަލިކުރެވިއްޖެ ނަމަ ޕްލޭ އޮފް އަކަށް ނުގޮސް އޭޝިއަން ކަޕް ކޮލިފައިންގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. ބަލިވެއްޖެ ނަމަ ޖެހޭނީ އެހެން ގްރޫޕްތަކުން ހަތަރު ވަނަ އަށް އަންނަ ޓީމްތަކުން ނެރެފައިވާ ނަތީޖާތަކަށް ބަލާށެވެ.