ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލަކާއެކު ޗެމްޕިއަން އިންޓަ މިލާންގެ މައްޗަށް އިޓާލިއަން ލީގުގައި މިރޭ ޔުވެންޓަސް އިން ހޯދި މޮޅާއެކު އެ ޓީމުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި އެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން އިންޓަ ބަލިކުރީ 2-3 އިންނެވެ.
މިރޭ ޔުވެންޓަސް އިން ހޯދި މޮޅާއެކު އެ ޓީމު މިހާރު އޮތީ 75 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގަ އެވެ. އެކަމަކު ޔުވެންޓަސް އަށް ވުރެ މަދުން އެއް މެޗު ކުޅެގެން ފަސް ވަނައިގައި އޮތް ނަޕޯލީން މާދަމާ ރޭ ފިއޮރެންޓީނާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ޔުވެންޓަސް އަށްވުރެ ޕޮއިންޓެއް އިތުރަށް ލިބިގެން ހަތަރު ވަނައަށް ޖެހިލާނެ އެވެ. ޔުވެންޓަސް އަށް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ، 11 ވަނައިގައި އޮތް ބޮލޯނާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ހަމަޖެހިފައިވާ މެޗެވެ.
އިޓާލިއަން ލީގުގެ ޗެންޕިއަންކަން މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އިންޓައިން ކަށަވަރުކޮށްފައިވާ އިރު އިންޓަ އަށް ވުރެ 10 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެޓަލާންޓާ އެވެ. ލީގުގައި ބާކީ ދެ މެޗު އޮތް އޭސީ މިލާން ތިންވަނައިގައި އޮތީ 78 ޕޮއިންޓާއެކު ދެވަނައިގައި އޮތް އެޓަލާންޓާ އަށްވުރެ ތިން ޕޮއިންޓް މަދުން ލިބިގެންނެވެ. ޔުވެންޓަސް އަށްވެސް އޭސީ މިލލާނާ އެއްވަރަށް ޕޮއިންޓް ލިބިފައި އޮތަސް އެ ޓީމު ފަހަތުގައި އޮތީ ހެޑް ޓު ހެޑް ނަތީޖާ އިން އޭސީ މިލާންގމައްޗަށް ކުރި ނުލިބޭތީ އެވެ.
އިންޓަ މިލާނާ ދެކޮޅަށް ޔުވެންޓަސް އިން މިރޭ ކުޅުނު މެޗުގައި ޔުވެންޓަސް އިން ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު އަނެއް ދެ ލަނޑު ކާމިޔާބުކޮކޮލަންބިއާގެ ހުއާން ކުއާޑްރާޑޯ އެވެ. އިންޓަގެ ފުރަތަމަ ލަނޑު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ކާމިޔާބުކުރި އިރު އެ ޓީމުގެ ދެވަނަ ލަނޑަކީ ޔުވެންޓަސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.