އިޓާލިއަން ލީގުގައި ރޭ ލަޓާރޯ މާޓީނޭޒް ހެދި ހެޓްރިކާ އެކު 5-0 އިން ސެލާނިޓާނާ ބަލިކޮށް އިންޓަ މިލާން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
އިންޓަ އެއް ވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް އޭސީ މިލާނަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ 27 މެޗުން 50 ޕޮއިންޓް ލިބިފައިވާ ޔުވެންޓަސް އެވެ. އެޓަލާންޓާ ފަސް ވަނައިގައި 47 ޕޮއިންޓާ އެކު އޮތްއިރު ހަ ވަނައިގައި އޮތް ރޯމާ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.
ރޭގެ މެޗުގައި މާޓީނޭޒް ހެޓްރިކް ހެދީ 22 ވަނަ މިނެޓާއި 40 އަދި 56 ވަނަ މިނެޓުގައި ޖެހި ލަނޑުތަކުންނެވެ. ފުރަތަމަ ދެ ލަނޑު ޖަހަން މާޓީނޭޒް އަށް އެހީތެރިވީ ނިކޯލޯ ބަރެއްލާ އެވެ. އާޖެންޓީނާގެ ފޯވާޑް ހެޓްރިކް ފުރިހަމަކުރީ އެޑިން ޒެކޯ ދިން ޕާހަކުން ވައްދާލި ގޯލުންނެވެ. މާޓީނޭޒްގެ އިތުރުން ޒެކޯ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗުގެ ކުރިން މާޓީނޭޒް އިންޓަ އަށް ގޯލެއް ޖެހީ އިޓާލިއަން ސުޕަ ކަޕްގައި ޔުވެންޓަސްއާ ދެކޮޅަށް މިދިޔަ ޖެނުއަރީ މަހު އެވެ. ލީގުގައި މިދިޔަ ޑިސެމްބަރު މަހު ސެލާނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މާޓިނޭޒް ގޯލު ޖެހި އެވެ.
އިޓާލިއަން ލީގުގައި ބާކީ 11 މެޗު އޮތްއިރު ލީގު ހޯދުމުގެ ފުރުސަތު ތިން ޓީމަށް ވަނީ ހުޅުވިފަ އެވެ. ލީގުގައި މާދަމާ ނަޕޯލީ އާއި އޭސީ މިލާން ވާދަކުރާއިރު އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އިންޓަ އަށް އެއް ވަނަ ގެއްލޭނެ އެވެ. އެކަމަކު ބާކީ މެޗު ކާމިޔާބުކޮށްގެން އެއް ވަނަ އަށް އަލުން އެރުމުގެ އަމިއްލަ ބާރު އިންޓަ އަށް އެބައޮތެވެ.