އިޓާލިއަން ލީގުގެ ފުލުގައި އޮތް ސަލެނިޓާނާ ރޭ 2-0 އިން ބަލިކޮށް ޔުވެންޓަސް އިން ލީގުގައި ކުރިއަށް ދިއުމުގެ އުއްމީދެއް އާކޮށްފި އެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ. މިއީ ލީގުގައި ޑިބާލާ މި ސީޒަނުގައި ޖެހި ހަތަރު ވަނަ ގޯލެވެ. ޑިބާލާގެ ގޯލަށް ފަހު ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ޖިއޯޖިއޯ ކިއެލީނީ ގޯލަށް ވައްދާލި ބޯޅައެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ.
ޔުވެންޓަސްގެ ދެ ވަނަ ގޯލު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއެއް ޑިބާލާ އަތުން ވަނީ ބޭކާރުވެފަ އެވެ.
މެޗަށް ނުކުތްއިރު ޔުވެންޓަސް އޮތީ ޖެހިޖެހިގެން ދެ މެޗުން ބަލިވެ ފޯމު ދަށްވެފަ އެވެ. އެޓީމު ބަލިވީ ލީގުގައި އެޓަލާންޓާ އަތުން 1-0 އިން އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުން 4-0 އިންނެވެ. މުހިއްމު މޮޅާ އެކު ޔުވެންޓަސް މިހާރު ވަނީ 15 މެޗުން ހޯދި 24 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެއް ވަނައިގައި އޮތީ ޔުވެންޓަސް އަށް ވުރެ 11 ޕޮއިންޓް ކުރީގައި އޮތް ނަޕޯލީ އެވެ. އެޓީމަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް އޭސީ މިލާނަށް 14 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ.
1999 ވަނަ އަހަރަށް ފަހު އިޓާލިއަން ލީގަށް އަލަށް ކޮލިފައިވި ސަލެނިޓާނާ އޮތީ ލީގުގެ ފުލުގަ އެވެ. އެޓީމަށް 15 މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.