ތިން އަހަރުތެރޭ ޔުވެންޓަސް އިން ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފި އެވެ.
ޔުވެންޓަސް ރޭ ކާމިޔާބުކުރީ އިޓާލިއަން ކަޕެވެ. ރޯމްގައި ކުޅުނު ފައިނަލުގައި އެޓަލާންޓާއާ ވާދަކޮށް ޔުވެންޓަސް މޮޅުވީ 0-1 އިންނެވެ.
މެޗުގެ ހަމައެކަނި ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ ސާބިއާގެ ފޯވާޑް ޑޫސަން ވްލަހޮވިޗް އެވެ. އޭނާ ގޯލު ޖެހީ އަންދްރޭ ކެމްބިއާސޯ ދިން ބޯޅައަކުންނެވެ.
މިފަހަރުގެ އިޓާލިއަން ކަޕަކީ ޔުވެންޓަސްގެ ތާރީހުގައި 15 ވަނަ ތައްޓެވެ. އެއީ އިޓަލީގެ ރެކޯޑެކެވެ.
ޔުވެންޓަސް މިދިޔަ ދެ އަހަރެއްހާ ދުވަހު ހޭދަކުރީ އުނދަގޫ ހާލަތެއްގަ އެވެ. އެ ކްލަބް ހިންގުމުގައި ވެރިން އިހުމާލުގެ ކްލަބް މާލީ ހިސާބުތައް އޮޅުވާލުމުގެ ކުށް ސާބިތުވެ އަދަބު ލިބުނެވެ. އެގޮތުން އިޓަލީ ލީގުގައި އެޓީމަށް ލިބުނު ޕޮއިންޓުގެ އަދަދެއް އުނިކުރުމާއިއެކު މި ސީޒަނުގައި ޔޫއެފާގެ އެއްވެސް މުބާރާތެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.
މި ސީޒަނުގައި ކުޅުން ރަނގަޅުކޮށް އެޓީމު މިހާރު ވަނީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެ އެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އިން ލީޑުގައި އޮވެ ނިންމާލަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މެޗުގެ ފަހުކޮޅު އެޓަލާންޓާގެ އަޑެމޯލާ ލުކްމަން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑި އަށް އަމާޒުވި އެވެ.
ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހި ޒުވާބު ކުރުމުން މެޗުގެ ފަހުކޮޅު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ ފަހު ވަގުތު ބެންޗުން ބޭރުކުރި އަލެގްރީ އަކީ ފަސް ތައްޓާ އެކު އިޓާލިއަން ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ.
ޔުވެންޓަސް އަތުން ބަލިވި އެޓަލާންޓާ އަށް އެންމެ ފަހުން ތައްޓެއް ލިބުނީ 1963 ވަނަ އަހަރު އެވެ. އެ ފަހަރު އިޓާލިއަން ކަޕް ކާމިޔާބުކުރި ފަހުން އެޓީމަށް އިތުރު ތައްޓެއްގައި އަތްލެވޭ ގޮތެއްނުވެ އެވެ. އިޓާލިއަން ކަޕުން ބަލިވިޔަސް އަދި މި ސީޒަނުގައި އެޓީމަށް ތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެޓަލާންޓާ ދެން ވާދަކުރާނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގަ އެވެ. އެ މެޗުގައި ނުކުންނާނީ ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ.