މި ސީޒަނުގެ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދި މެޗުގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ އަމަލުތައް ބެހެއްޓި ގޮތުން، ޔުވެންޓަސް އިން އޭނާ މަގާމުން ވަކިކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފައިނަލުގައި އެޓަލާންޓާއާ ވާދަކޮށް ޔުވެންޓަސް މޮޅުވީ 0-1 އިންނެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ ޑޫސަން ވްލަހޮވިޗް އެވެ.
މެޗި އޮފިޝަލުންގެ ނިންމުންތަކާއި ގުޅިގެން އަލެގްރީ ވަނީ މެޗުގެ ފަހުކޮޅު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަލެގްރީގެ އަމަލުތައް ހުރިގޮތުން މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ރަތް ކާޑު ދެއްކި އެވެ. ދަނޑުން ފައިބައިގެން ދިޔައިރު އަލެގްރީ ވަނީ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފަ އެވެ.
މެޗަށް ފަހު ކުރިއަށް ދިޔަ އުފާފާޅުކުރުންތަކުގެ ތެރެއިން އަލެގްރީ ވަނީ ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރަށް އަތުން ހަނާ އަޅައިފަ އެވެ. އެއީ ރަނގަޅު އިޝާރާތަކަށް ނުވުމުން އެ މައްސަލަ ޔުވެންޓަސް އިން ވަގުތުން ބަލަން ފެށި އެވެ.
އަލެގްރީގެ މައްސަލަ ބަލަން އިޓަލީ ފެޑެރޭޝަނުގެ ޑިސިޕްލިނަރީ ޓްރިބިއުނަލް އިން ވަނީ ނިންމައިފަ އެވެ. އޭގެފަހުން ޔުވެންޓަސް އިން މިހާރު ވަނީ އަލެގްރީ ކޯޗުކަމުން ވަކިކުރިކަން އިއުލާންކޮށްފަ އެވެ.
“އަހަރެން ޔުވެންޓަސްގެ ކޯޗުކަމުގައި އަންނަ އަހަރު ނެތަސް އަހަރެން ދާނީ ވަރުގަދަ ޓީމެއް ބިނާކޮށްފަ. ކްލަބަށް އޭގެ ސަބަބުން ކުރިއެރުން ލިބޭނެ” މެޗަށް ފަހު ދިން އިންޓަވިއުގައި އަލެގްރީ ބުންޏެވެ.
ޔުވެންޓަސް އިން ދިޔައީ މި ސީޒަނަށް ފަހު އަލެގްރީ، 56، ވަކިކުރަން ތައްޔާރުވަމުންނެވެ. ބަދަލުގައި ގެންނަން ނިންމާފައިވަނީ ބޮލޯނިއާގެ ކޯޗު ތިއާގޯ މޮޓާ އެވެ.
އަލެގްރީގެ އަމަލުތައް ހުރިގޮތުން ލީގު ނިމެންދެން އޭނާ ކްލަބުގައި ބަހައްޓަން ޔުވެންޓަސް އިން ބޭނުމެއްނުވި އެވެ. ލީގުގައި ޔުވެންޓަސް އަށް ބާކީ އޮތީ ބޮލޯނިއާ އާއި މޮންޒާއާ ވާދަކުރާ މެޗުތަކެވެ.
އަލެގްރީގެ ކޯޗުކަމުގައި ޔުވެންޓަސް އިޓާލިއަން ކަޕް ކާމިޔާބު ކުރުމުގެ އިތުރުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ޖާގަ ހޯދައިފަ އެވެ.