އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި 4-2 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެޓީމުގެ ސަޑިއޯ މާނޭއާ ސަލާންކުރަން މަސައްކަތްކުރި ވަގުތު ކުޅުންތެރިޔާ އެކަމަށް ދެކޮޅު ހެދިނަމަވެސް، މާނޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށް ކްލޮޕް ބުނެފި އެވެ.
ގަދަ ހަތަރަކުން ޖާގަ ހޯދަން ކުރާ މަސައްކަތުގައި ރޭގެ މެޗު ކާމިޔާބުކުރުން ލިވަޕޫލަށް އޮތީ މަޖުބޫރުވެފަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ މާނޭ ރޭގެ މެޗުގެ ދެ ވަނަ ހާފުގެ ފަހުކޮޅު ކުޅެން އެރީ ބެންޗުންނެވެ. މާނޭގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކްލޮޕް ހިމެނި ޑިއޯގޯ ޖޯޓާ ވަނީ މޮޅު ކުޅުމެއް ދައްކައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.
ކްލޮޕް ބުނީ މާނޭ ނުތަނަވަސްވީ މެސެޖު ފޯރުކޮށްދިނުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ. މެޗުގެ ފުރަތަމަ އެގާރައިގައި މާނޭ ނުހިމަނަން ނިންމައި އެކަން ކުޅުންތެރިޔާއަށް އެންގުނީ ތަންކޮޅެއް ފަހުން ކަމަށް ކްލޮޕް ބުންޏެވެ.
“އެއްވެސް މައްސަލައެއް ނެތް މާނޭއާ ދެމެދު. މެޗުގެ ކުރިން އޮތް ޓްރެއިނިންގެ ފަހުކޮޅު އަހަރެން ނިންމީ ޖޯޓާ ފުރަތަމަ އެގާރައިގައި ހިމަނަން. އެކަހަލަ ބަދަލެއް ގެންނަ ނަމަ އަހަރެން އާއްމުކޮށް ކުޅުންތެރިންނަށް އަންގަން. އެކަމަކު އެދުވަހު އެވަރަށް ވަގުތު ނުލިބުނު. އެއީ އެއްވެސް މައްސަލައެއް ނޫން” ސެނެގޯލްގެ ފޯވާޑް ފުރަތަމަ އެގާރައިން ބާކީކުރި ގޮތާ ގުޅޭގޮތުން ކްލޮޕް ބުންޏެވެ.
Jurgen Klopp has played down Sadio Mane's handshake snub at full-time, explaining that it was due to a late decision in training to play Diogo Jota against Man Utd.
— Sky Sports Premier League (@SkySportsPL) May 14, 2021
ކްލޮޕް އިތުރަށް ބުނީ ފަރިތަކުރުންތަކުގައި ވަރަށް ގިނަ ފަހަރަށް ފަހުވަގުތު ޓީމަށް ބަދަލު ގެންނަން ކަމަށާއި އެކަމަކު އެދުވަހު އެކަން ކުޅުންތެރިންނަށް އަންގަން ހަނދާން ނެތުނީ ކަމަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެކަމުގައި މާނޭއާ ދެމެދު އެއްވެސް ހިތްބުރަކަމެއް ނެތްކަމަށާއި، ހުރިހާ ކަމެއް ރަނގަޅު ކަމަށް ކްލޮޕް ބުންޏެވެ.
ރޭގެ މޮޅާއެކު ލިވަޕޫލް ވަނީ 35 މެޗުން 60 ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 36 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލެސްޓާ އަށް 36 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ލިވަޕޫލް މޮޅުވުމުން ހަ ވަނަ އަށް ވެއްޓުނު ވެސްޓް ހޭމް ޔުނައިޓެޑަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. އެއް ވަނައިގައި 80 ޕޮއިންޓާ އެކު އޮތް މެންޗެސްޓަރ ސިޓީ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ 70 ޕޮއިންޓާ އެކު އެވެ.
ލީގުގެ ފަހު ތިން މެޗުގައި ލިވަޕޫލް ނުކުންނާނީ ވެސްޓް ބްރޮމް އާއި ބާންލީ އަދި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ. މި މެޗުތައް ކާމިޔާބުކޮށްފިނަމަ ލިވަޕޫލަށް ގަދަ ހަތަރަކުން ފުރުސަތު ލިބުން ގާތެވެ.