އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވުމުން އެ ޓީމުގެ ފަހަތަށް ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ދެ ޓީމު ކަމަށްވާ ވެސްޓެހޭމް އާއި ލިވަޕޫލްއަށް އުއްމީދު އާވެއްޖެ އެވެ.
މިހާތަނަށް ލީގުގައި ކުޅުނު 36 މެޗުން ލިބުނު 64 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގައި ޗެލްސީ އޮތް އިރު އެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން ފަސް ވަނައިގައި އޮތް ވެސްޓްހޭމްއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ޗެލްސީއަށްވުރެ ދެ މެޗު މަދުން ކުޅެގެން ހަ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ލެސްޓަ ސިޓީ އާ ދެކޮޅަށް ނުކުންނަން ޗެލްސީއަށް ޖެހިފައި އޮތުމާއެކު އެ ޓީމުން ރޭ ނުކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަން މެންޗެސްޓަ ސިޓީ އާ ދެކޮޅަށް ކުޅެ ޗެލްސީން ކުރި ހޯދި މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގެ ފުރަތަމަަ އެގާރައިގައި ކުޅެން ނުކުތީ އެންމެ ހަތަރު ކުޅުންތެރިންނެވެ.
ރޭގެ މެޗުގައި އާސެނަލް އަތުން 0-1 އިން ޗެލްސީ ބަލިވި އިރު އާސެނަލް އިން ޗެލްސީގެ ގޯލަށް ވައްދާލި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޗެލްސީގެ ޖޮގީނިއޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރީ އުމުރުން އެންމެ 20 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު އެމިލް ސްމިތެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވި ނަމަވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ޗެލްސީންނެވެ. އާސެނަލް އިން ލަނޑު ޖަހައި މެޗުގައި ކުރި ހޯދި ފަހުން ޗެލްސީން އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ހަމަލާއެއް ގޯލު ދަނޑީގައި ވެސް ވަނީ ޖެހިފަސ އެވެ.