ފުރަތަމަ ސަފްޙާ / ޚަބަރު / ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 8 މެއި 2021

ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ބްރެޒިލްގެ ނޭމާ އާކޮށްފި އެވެ. ނޭމާ އެއްބަސްވުން އާކުރިކަން ޕީއެސްޖީ އިން ހާމަކުރީ މިއަދު އެވެ.

ދުނިޔޭގެ ރެކޯޑް އަގެއްކަމަށްވާ 200 މިލިއަން ޕައުންޑަށް ނޭމާ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އެކަމަކު މިދިޔަ އަހަރުތަކުގައި ނޭމާ އެ ކްލަބް ދޫކޮށްލުމާ ގާތަށްދިޔައެވެ. އޭނާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރީ ކުރީގެ ކްލަބް ބާސެލޯނާ އެވެ.

“ކުޅުންތެރިއެއްގެ ގޮތުން އަދި މީހެއްގެ ގޮތުގައި އަހަރެންނަށް މިތަނުގައި ކުރިއެރުން ލިބިއްޖެ” އެއްބަސްވުން އާކުރުމަށް ފަހު ކްލަބްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.

ނޭމާ ޕީއެސްޖީއާ އެކު އެންމެ ފުރަތަމަ ހެދި އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހު އެވެ. ތިން އަހަރުގެ އާ އެއްބަސްވުމާއެކު ނޭމާ 2025 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް ޕީއެސްޖީގައި ހުންނާނެ އެވެ. އެއްބަސްވުމުގައި ވާގޮތުން ނޭމާ އަށް އަހަރު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ.

ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ކުޅުނު 112 މެޗުގައި ނޭމާ ވަނީ 85 ލަނޑު ޖަހައި 51 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. ނޭމާ ބުނީ މީގެ ކުރިން ކްލަބާ މެދު ހިތްހަމަނުޖެހުންތަކެއް ހުރިނަމަވެސް ޕީއެސްޖީގައި އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. އުއްމީދަކީ ގިނަ ތަށިތަކެއް ޕީއެސްޖީ އަށް ހޯދައިދިނުން ކަމަށް ނޭމާ ބުންޏެވެ.

ޕީއެސްޖީއާ އެކު ނޭމާ ލީގު ތައްޓާއި، ލީގު ކަޕާއި ފްރެންޗް ކަޕްގެ އިތުރުން އަދި ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ލީގު ޗެމްޕިއަންކަން ތިން ފަހަރު ހޯދިއިރު ކަޕް ކޮންމެ މުބާރާތެއް ދެ ފަހަރު ޕީއެސްޖީއާ އެކު ނޭމާ ކާމިޔާބުކޮށްފައިވެ އެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގެ ފައިނަލުގައި ޕީއެސްޖީ ބަލިވިއިރު މި ސީޒަނުގެ ސެމީ ފައިނަލުގައި އެޓީމު ބަލިވީ މެންޗެސްޓަރ ސިޓީ އަތުންނެވެ. ނޭމާ އަށް ޕީއެސްޖީ އިން ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު އެ ކްލަބަށް ކާމިޔާބުކޮށްދިނުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!