ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު މޮޅަށްފަހު ސްކޯލްސް އާއި ހާގްރީވްސްއަށް ސޯލްޝެއާ ރައްދުދީފި

ބޮޑު މޮޅަށްފަހު ސްކޯލްސް އާއި ހާގްރީވްސްއަށް ސޯލްޝެއާ ރައްދުދީފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 30 އެޕްރީލް 2021

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޭ އިޓަލީގެ ރޯމާ އާ ވާދަކޮށް 2-6 އިން މޮޅުވެ ފައިނަލްގެ ފުރުސަތު މެންޗެސްޓަ ޔުނައިޓެޑުން ބޮޑުކުރި މެޗަށް ފަހު އެ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޕައުލް ސްކޯލްސް އަށާއި އޮވެން ހާގްރީވްސްގެ ވާހަކަތަކަށް ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ރައްދުދީފި އެވެ.

ޔޫރޮޕާ ލީގުގައި ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބީޓީ ސްޕޯޓްސްއިން ލައިވް ކުރަމުން ދިޔައިރު މެޗުގެ ދެ އެނަލިސްޓުންގެ ގޮތުގައި ތިބި ސްކޯލްސް އާއި ހާގްރީވްސް ބުނެފައިވަނީ މެޗުގެ ދެވަނަ ހާފަށް ފެށުމުގެ ކުރިން ޔުނައިޓެޑްގެ މެދުތެރެއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މެޗަށް ސޯލްޝެއާ ނެރުނު ފުރަތަމަ އެގާރައިގައި މެދުތެރެ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި އޮތީ ޕައުލް ޕޮގްބާގެ އިތުރުން ފްރެޑް އަދި ސްކޮޓް މެކްޓޮމިނޭ އާ އެވެ. ފުރަތަމަ ހާފު ނިމުނު އިރު ޔުނައިޓެޑް އޮތީވެސް 1-2 އިން ބަލިވެފަ އެވެ.

ޔުނައިޓެޑްގެ މެދުތެރެ ބެލެހެއްޓުމުގައި މުހިއްމު ދައުރެއް ކުރިން އަދާކުރި ސްކޯލްސް އާއި ހާގްރީވްސްގެ ލަފަޔާ ހިލާފަށް ދެވަނަ ހާފު ޔުނައިޓެޑުން ފެއްޓީ އެއްވެސް ބަދަލަކާ ނުލަ އެވެ. އެ ޓީމުން ފުރަތަމަ ބަދަލުވެސް ގެނައީ މެޗު ނިމެން 14 މިނެޓަށް ވެފައި އޮއްވަ އެވެ. އެވަގުތުވެސް ބަދަލުގެނައީ ފޯވާޑް ލައިނަށެވެ. މާކަސް ރެޝްފޯޑްގެ ބަދަލުގައި މޭސަން ގްރީންވުޑެވެ. އެކަމަކު އޭރު ޔުނައިޓެޑުން އޮތީ މެޗު އެ މީހުންގެ ކޮޅަށް އަނބުރާލައިފަ އެވެ. މެދުތެރެއަށް އެއްވެސް ބަދަލެއް ނުގެނެސް ނަތީޖާ އޮތީ 2-5 އަށް ބަދަލުކޮށްފަ އެވެ.

“ވަރަށް ފަސޭހަ ވާނެ ކޮންމެ މީހަކަށްވެސް ބުނެލަން އަރުވަންވީ ކޮން ކުޅުންތެރިންނެއް ކަން. އެކަމަކު ކާކު ވަކި ނުލާ ކުޅޭނީ. އަހަރެން އެރުވީ ވަރަށް ރަގަޅު ޓީމެއް. ޓޮޓެންހަމް އާ ދެކޮޅަށް އެ ޓީމް ވަރަށް ރަގަޅަށް ކުޅުނު. މޭސަން ގްރީންވުޑް ހިތްހަމައެއް ނުޖެހޭނެ ފުރަތަމަ އެގާރައިގަ ނުކުޅެވުނީމަ. އެކަމަކު މީގަ މުހިއްމީ ބެލެންސް އެއް އޮތުން.” މެޗަށް ފަހު ބީޓީ ސްޕޯޓްސް އާ ވާހަކަދައްކަމުން ސޯލްޝެއާ ބުންޏެވެ.

“ޕޮގްބާ މިރޭ ކުޅުނު ޕޮޒިޝަން ވަރަށް ރަގަޅު. އޭނާ އަށް ކޮންމެވެސް ވަރަކަށް ފްރީކޮށް ކުޅެން ފުރުސަތު ދީފަ އޮންނާނީ. އޭނަގެ ފަހަތުން ސަޕޯޓްދޭނެ ބަޔަކު ތިބޭނެ. މިއަދު ތަފާތަކަށްވީ އަހަރެމެންނަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ކުރެވުން.” ސޯލްޝެއާ އިތުރަށް ބުނެފައިވެ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ހަ ގޯލުގެ ތެރެއިން ބްރޫނޯ ފެނާންޑެސް އާއި އެޑިންސަން ކަވާނީ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކުރި އިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްފައިވަނީ ޕޮގްބާ އާއި ގްރީންވުޑެވެ.

ރޯމާ އާއި ޔުނައިޓެޑް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!