ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު ތަފާތަކުން މޮޅުވެ ބުރު ސްޕޯޓްސް އިން ކުއާޓާ ފައިނަލް ޔަގީން ކޮށްފި

ބޮޑު ތަފާތަކުން މޮޅުވެ ބުރު ސްޕޯޓްސް އިން ކުއާޓާ ފައިނަލް ޔަގީން ކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 29 އެޕްރީލް 2021

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ބުރު ސްޕޯޓްސް ކުލަބާއި ސްޕޯޓްސް ކުލަބް ހޮސްކޯވޯ ވާދަކުރި މެޗު 8-1 އިން ބުރު ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި އެވެ. މި ނަތީޖާއާއެކު ބުރު ސްޕޯޓްސް އާއި އެލްޓީ ސްޕޯޓްސް އަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފަ އެވެ.

މިމެޗުގައި ބުރު ސްޕޯޓްސް އަށް ގެނައީ ޔޫކްރޭންގެ ތިން ކުޅުންތެރިން ވެސް ވަނީ ކުޅެފަ އެވެ.  އޭގެތެރެއިން ފޯވަޑް ޕެޓްރޯވް ވަޑީމް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

ކުލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން ބުރު ސްޕޯޓްސް ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރ ރޯމަން ކުޑްޗެންކޯ އެވެ. އޭގެ ތިން މިނިޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ވަޑީމް އެވެ. ވަޑީމް ވަނީ 19 ވަނަ މިނިޓުގައި ބުރު ސްޕޯޓްސްގެ ތިންވަނަ ލަނޑުވެސް ޖަހައިދީފަ އެވެ. ހާފު ނިމުމުގެ ކުރިން ހޮސްކޯވޯ އަށް ސުން ކަނޑުވާލައިދިނީ އަލީ އުމެއިރެވެ.

ދެވަނަ ހާފުގައި ބުރު ސްޕޯޓްސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ 57 ވަނަ މިނިޓުގައި އަހުމަދު ތަޝްމީން (ތައްތި) އެވެ. އެއަށްފަހު ދެވަނަ ހާފުގައި ކުޅެން އެރި މުހައްމަދު ރިޝާން 74 ވަނަ މިނިޓުގައި ލަނޑެއް ޖެހިއިރު، ދެމިނިޓު ފަހުން ވަޑީމް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި މެޗުގެ 88 ވަނަ މިނިޓުގައި ބުރު ސްޕޯޓްސްގެ ހަތްވަނަ ލަނޑު ތައްތި ކާމިޔާބުކުރިއިރު އަށްވަނަ ލަނޑު 90 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ވަޑީމް އެވެ.

މި ނަތީޖާއާއެކު ތިން ޓީމު ވާދަކުރާ ގުރޫޕް ތިނަކުން ބުރު ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު ހޮސްކޯވޯ  ވަނީ މުބާރާތުން ކަޓާފަ އެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި އެލްޓީ ސްޕޯޓްސް އަތުން ހޮސްކޯވޯ ބަލިވީ 1-0 އިންނެވެ.

ގުރޫޕުގެ އެއްވަނަ ހޯދާ ޓީމެއް ކަށަވަރުވާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެރޭ ކުޅެވޭ ގުރޫޕްގެ ފަހު މެޗަށް ފަހު އެވެ. އެމެޗުގައި ވާދަކުރާނީ އެލްޓީ ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ.

މިމުބާރާތުގައި މިރޭ ވާދަކުރާނީ ގުރޫޕް 4ގެ ކުލަބް ޓީނޭޖާއި ރޭޖް ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!