ފަހަކަށް އައިސް ފޯމު ދަށްވެފައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި 2-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
މިދިޔަ މެޗުތަކުގައި ނެރުނު ދަށް ނަތީޖާތަކާ އެކު ލީގުގެ ގަދަ ހައެއްގައި އޮތުމަށް މި ސީޒަނުގައި ޓާގެޓް ކުރި ސަސް އަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. ލީގުގައި ތިން ބުރު ކުޅޭއިރު ރެލިގޭޝަންގައި ކުޅެން ޖެހޭނީ ހަތް ވަނަ އަދި އަށް ވަނަ ލިބޭ ދެޓީމެވެ. މި ދެޓީމު ރެލިގޭޝަނުގައި ވާދަކުރާނީ ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެޓީމާ އެވެ. ލީގުގައި ބުރާސްތި ދުވަހުގެ ރޭ ކްލަބް ވެލެންސިއާ އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވުމުން ސަސް ވަނީ ފުލަށް ވެއްޓިފަ އެވެ. އެކަމަކު ރޭ ހޯދި މުހިއްމު މޮޅާއެކު އެޓީމު މިހާރު އޮތީ 14 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ދެ ވަނަ ބުރުގެ ކުޅުން ނިމޭއިރު ގަދަ ހައެއްގައި އޮވެވޭނެކަން އެޓީމަށް މިހާރު ވަނީ ޔަގީންވެފަ އެވެ. ލީގުގެ ހަ ވަނައިގައި ކްލަބް އީގަލް އާއި ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ދެ ވަނަ ބުރު ނިމޭއިރު ގަދަ ހަތަރެއްގައި ހިމެނުމުގެ ފުރުސަތު މި ދެޓީމަށް ވެސް އެބައޮތެވެ.
މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ 14 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެކަމަކު އެޓީމުގެ ފަހަތުގައި އޮތް ޓީމުތަކުން ދެ ވަނަ ބުރުގެ މެޗުތައް ހަމަކުރާއިރު ދަ ގްރާންޑޭ އަށް ހަތަރު ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ ކުރީކޮޅު ރަނގަޅު ފޯމެއްގައި އޮވެފައި ޓީމަށް ދިމާވި އެކި މައްސަލަތަކާ ހެދި ދަ ގްރާންޑޭ އަށް މިހާރު ނަތީޖާ ނުނެރެވެ އެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅެއް ނުލިބުނުއިރު ލީގުގެ ދެ ވަނަ ބުރުގައި އެޓީމަށް ހަމައެކަނި މޮޅެއް ލިބުނީ ޓީސީ އަތުންނެވެ.

ސަސް އާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ރޭގެ މެޗުގެ ފުރަތަމަ ގޯލު 30 ވަނަ މިނެޓުގައި ޖެހީ ޓީސީ ސްޕޯޓްސް ކްލަބުން ސަސް އަށް ބަދަލުވި ނަޝާހު އަހުމަދު (ނައްޓު) އެވެ. ސަސްގެ ޖަޕާން މިޑްފީލްޑަރު އެއިސޫކޭ މޯރީ ހުރަސްކޮށްލި ބޯޅަ ނައްޓު ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ. ސަސް އިން ލީޑު ފުޅާކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓުގަ އެވެ. މޮރޮކޯގެ މިޑްފީލްޑަރު އަޖްނާން މުހައްމަދުގެ އެހީތެރިކަމާ އެކު މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ހޮކޭ އަކީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ޓީމުގެ ކެޕްޓަނެވެ. މެޗުގައި ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން 56 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. މިއީ އޭރިޔާ ތެރެއިން ސަސްގެ މުހައްމަދު ހަނީފް (ބެންޖޯ) އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗަށް ފަހު ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ތިން ޕޮއިންޓާ އެކު ލީގުގެ ކުރީގައި އުޅޭ ޓީމުތަކާ ގާތްކުރުމުގެ ފުރުސަތު ލިބުމުން ހިތްހަމަޖެހޭ ކަމަށާއި، ޔޫވީން ވެލެންސިއާ ބަލިކުރުމުން ރޭގެ މެޗަށް ނުކުތްއިރު ސަސް އޮތީ ޕްރެޝަރުގައި ކަމަށެވެ. ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ އެކި ސަބަބުތަކާ ހުރެ މި ބުރުގައި އެޓީމު ދިޔައީ ދަށްކޮށް ކަމަށާއި ބްރޭކަށް ފަހު ތިން ވަނަ ބުރަށް ނުކުންނައިރު ޓީމު ރަނގަޅު ކުރެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ލީގުގައި މިރޭ 10 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ އެވެ.