ފުރަތަމަ ސަފްޙާ / ޚަބަރު / އިހުތިޖާޖަށް ނުކުތް ޔުނައިޓެޑްގެ ސަޕޯޓަރުން ޓްރެއިނިން ގްރައުންޑަށް ވަދެގެންފި

އިހުތިޖާޖަށް ނުކުތް ޔުނައިޓެޑްގެ ސަޕޯޓަރުން ޓްރެއިނިން ގްރައުންޑަށް ވަދެގެންފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 އެޕްރީލް 2021

މެންޗެސްޓަ ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކުރި އެ ކްލަބްގެ ސަޕޯޓަރުންގެ ގްރޫޕަކުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދާ ސަރަހައްދަށް މިއަދު ހެނދުނު ވަދެގެންފި އެވެ.

ޔުނައިޓެޑްގެ ޓްރެއިނިންގ އޭރިއާ އަށް ވަދެގަތް ވިއްސަކަށް ސަޕޯޓަރުން ވަނީ ޔުނައިޓެޑްގެ ވެރިޔާ ގްލޭޒާ އާ ދެކޮޅު ޝުއޫރުތައް ފާޅުކޮށް ފައިވާ ބެނާތައް ހިފައިގެން އެ ސަރަހައްދުގައި އިހުތިޖާޖުކޮށްފަ އެވެ. ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ވަނީ އިހުތިޖާޖުގައި ބައިވެރިވި މީހުންނާއި ވާހަކަ ދައްކައިފަ އެވެ. ފަހުން އެ މީހުން އެތަނުން ފޮނުވާލައިފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކުއެވެ.

އިހުތިޖާޖުކުރި މީހުން ޓްރެއިނިންގް ބާއްވާ ސަރަހައްދަށް ގޮސްފައިވަނީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިން އެ ތަނަށް ދިއުމުގެ ކުރިންނެވެ. އަދި އެއަށްފަހު އެ މީހުން އެ ސަރަހައްދަށް ވަދެވެން އޮތް ދެ ދޮރޯށި ބްލޮކް ކުރިއެވެ. އިރުގަނޑެއްވަންދެން އެގޮތަށް ތިބުމަށްފަހު ސީނިއާ ޓީމު ކުޅޭ ދަނޑާ ހަމައަށް އެ މީހުން ވަނެވެ. އަދި އެ ތަނުގައި ބެނާތައް ހިފައިގެން ފޮޓޯ ނެގުމަށްފަހު ސޯލްޝެއާ އާ ވާހަކަ ދައްކަން ބޭނުންވާ ކަމަށް އެ މީހުން ބުންޏެވެ.

ސޯލްޝެއާ ސަޕޯޓަރުންނާ ވާހަކަ ދެއްކި އިރު އޭނާގެ ގާތުގައި ޓެކްނިކަލް ޑައިރެކްޓަ ޑަރަން ފްލެޗާ އަދި ފަސްޓް ޓީމް ކޯޗް މައިކަލް ކެރިކްގެ އިތުރުން ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ކަމަށްވާ ބެމެންޖާ މަޓިޗް ވެސް ހުއްޓެވެ.

މިކަމާ ގުޅޭގޮތުން ޔުނައިޓެޑުން ވަނީ ފަހުން ބަޔާނެއްވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއަދު ހެނދުނު ސަޕޯޓަރުންގެ ގްރޫޕަކުން ޓްރެއިނިންގ އޭރިއާ އަށް ވަދެ އިހުތިޖާޖްކުރި ކަމަށާއި އެހެން ނަމަވެސް އެއްވެސް ގެއްލުމެއް ދީފައި ނުވާ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!