ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 5-1 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި ސީޒަނަށް ވަރުގަދަކޮށް ނުކުތް ޔޫވީން ލީގުގައި އެންމެ ފުރަތަމަ ކުޅުނު 11 މެޗުން މޮޅެއް ނުހޯދުނެވެ. އެކަމަކު ޖެހިޖެހިގެން ހޯދި ދެ ވަނަ މޮޅާ އެކު ލީގުގައި ކުރިއަށް ދިއުމުގެ އުއްމީދު އެޓީމުން މިވަނީ ބޮޑުކޮށްފަ އެވެ. މި މެޗުގެ ކުރިން ޔޫވީން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-1 އިންނެވެ.
ތާވަލުގެ ފުލުގައި އޮތް ނަމަވެސް އެޓީމުން މިހާރު ވަނީ 13 މެޗުން 09 ޕޮއިންޓް ހޯދައިފަ އެވެ. އެޓީމުގެ ކުރިން ލީގުގެ ހަތް ވަނައިގައި ސަސް އޮތީ 13 މެޗުން ލިބިފައިވާ 12 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ސަސް އާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މެޗުގައި ޔޫވީގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ނާޖިހު އަލީ އެވެ. އެޓީމުގެ ބިދޭސީ ގޯލްކީޕަރު ރުސްލާން އަމިރޯވް އިނީ ބެންޗުގަ އެވެ. ޔޫވީން މޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެޓީމު 3-1 އިން ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ސިލިޗް ކީރްލޯ ޖެހިއިރު އޭގެ ތިން މިނެޓު ފަހުން ޔޫވީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު އެވެ. ދެ ގޯލުގެ ލީޑެއްގައި އޮއްވައި ސަސްގެ މިޑްފީލްޑަރު އަހުމަދު ހަމީދު ވަނީ 32 ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. ފަރަގު ކުޑަކުރިތާ ގިނަ އިރުތަކެއް ނުވަނީސް މެޗުގެ 38 ވަނަ މިނެޓުގައި ޔޫވީގެ އިސްމާއީލް އީސާ (މެސީ) ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
ޔޫވީގެ ހަތަރު ވަނަ ލަނޑާއި ފަސް ވަނަ ލަނޑު ޖެހީ ފަހު 10 މިނެޓުގަ އެވެ. 81 ވަނަ މިނެޓުގައި އަލީ ހައިޝަމް (ޗުންޕު) އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހިއިރު ލިބުނު ޕެނަލްޓީއަކުން ޔޫވީގެ ފަސް ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ އީސަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އީސަ އެވެ.
ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ ރޭގަނޑު 10 ޖަހާއިރު އެވެ.