ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ލަނޑުތަކާއެކު ކްލަބް ވެލެންސިއާ އިން ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-0 އިން ބަލިކޮށްފި އެވެ.
މުހިއްމު މޮޅާއެކު ވެލެންސިއާ މިހާރު ވަނީ އެއް ވަނައިގައި އޮތް މާޒިޔާއާ ހަތަރު ޕޮއިންޓާ ގާތަށް ޖެހިލާފަ އެވެ. މިއިން ކޮންމެ ޓީމެއް ވެސް 11 މެޗު ކުޅެފައިވާއިރު މާޒިޔާ އޮތީ 25 ޕޮއިންޓުގަ އެވެ. ވެލެންސިއާ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މެޗުން ބަލިވި ސަސް މިހާރު ވަނީ ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް 12 މެޗުން 12 ޕޮއިންޓް ލިބުނުއިރު ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވެސް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ޓީސީން 11 މެޗު ކުޅެފައިވާއިރު އީގަލްސް އިން އަދި ކުޅެފައިވަނީ 10 މެޗެވެ.
ރޭގެ މެޗުގައި ވެލެންސިއާގެ ޓީމުން ސަސްގެ ގޯލަށް އެންމެ ނުރައްކާކުރީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭ އެވެ. ސެންޓޭގެ ދެ ހަމަލާއެއް ފުރަތަމަ ހާފުގެ ކުރީކޮޅު ސަސްގެ ގޯލަށް ފޮނުވާލިއިރު އޭނާ ވެލެންސިއާ އަށް ލީޑު ނަގައިދިނީ މެޗުގެ 33 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ހާފުގެ މެދުން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސަސްގެ ގޯލްކީޕަރު ބޯމަތިން ގޮހެވެ.
ދެ ވަނަ ހާފުގައި ސަސް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އަދި ވެލެންސިއާގެ އަކްރަމް އަބްދުލްގަނީ (އަކޫ) ސަސްގެ ޒުވާން ޑިފެންޑަރު އަހުމަދު އައިހަމް އަށް ފައުލްކުރި ކަމަށް ބުނެ ސަސް އިން ވަރަށް ބޮޑަށް ޕެނަލްޓީއަކަށް އެޕީލްކޮށްފައިވެއެވެ. ވެލެންސިއާގެ ދެ ވަނަ ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ސެންޓޭ ޖެހީ ބޯހަސް މާޓިން ނަގައިދިން ހުރަހަކުންނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ އެވެ. ލީގުގައި މި ގޭމްވީކްގައި އީގަލްސް އިން މެޗެއް ނުކުޅެނީ އެޓީމުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރަމުން އަންނާތީ އެވެ.