ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑުން ސެމީއަށް އެއް ފައި ލީއިރު އާސެނަލްގެ އުއްމީދުތައް ބަރަނި ފަށެއްގައި

ޔުނައިޓެޑުން ސެމީއަށް އެއް ފައި ލީއިރު އާސެނަލްގެ އުއްމީދުތައް ބަރަނި ފަށެއްގައި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 9 އެޕްރީލް 2021

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިންގެ ގްރާނާޑާ އާ ވާދަކޮށް 0-2 އިން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކުރި އިރު އާސެނަލް އިން ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާހާ އާ ވާދަކޮށް ކުޅުނު މެޗް 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ސްޕެނިޝް ލީގުގެ ނުވަ ވަނައިގައި މިވަގުތު އޮތް ގްރާނާޑާ އާ ދެކޮޅަށް ރަށުން ބޭރުގައި ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ޑިފެންޑަރު ވިކްޓާ ލިންޑެލޯފް ދިން ދިގު ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްފައިވަނީ މާކަސް ރެޝްފޯޑެވެ. އޭގެ ފަހުން ގްރާނާޑާ އަށް ލަނޑު ޖަހާނެ ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ގްރާނާޑާގެ ޔަންހެލް ހެރޭރާ ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލްގެ ބޭރުން ދަނޑީގައި ޖެހުނު އިރު ރޮބާޓޯ ސޮލްޑާޑޯ ފޮނުވާލި ބާރު ބޯޅައެއް ވަނީ ގޯލާ އަމާޒު ނުވެ އަރިމަތިން ބޭރަށް ގޮސްފަ އެވެ.

ޔުނައިޓެޑުން ރޭގެ ،މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑެސް އެވެ. މި ޕެނަލްޓީ އަކީ ގްރާނާޑާގެ ކުޅުންތެރިޔަކު ފެނާންޑެސް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅޭ އިރު އަވޭ ދެ ގޯލާއެކު މޮޅެއް ލިބިފައި އޮތުމަކީ ޔުނައިޓެޑަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ޓީމަށް އޮތް ހަމައެކިނި ކަންބޮޑުވުމަކީ ސަސްޕެންޝަންގެ ސަބަބުން އެ ޓީމްގެ އެއް މިޑްފީލްޑަރު މެކްޓޮމިނޭ އާއި ދެ ޑިފެންޑަރުން ކަމަށްވާ ލޫކް ޝޯ އަދި ހެރީ މެގުއާ އަށް ދެވަނަ ލެގުގައި ނުކުޅެވުމެވެ.

ރޭ އާސެނަލް އާއި ސްލާވިއާ ޕްރާހާ އާސެނަލްގެ ދަނޑުގައި ކުޅެ އެއްވަރުވި މެޗުގައި ދެ ޓީމުންވެސް ލަނޑު ޖެހީ މެޗުގެ ފަހުކޮޅު އެވެ. ފުރަތަމަ ލަނޑު އާސެނަލް އިން ކާމިޔާބުކުރި އިރު މި ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކުރީ ނިކޮލަސް ޕެޕޭ އެވެ. ސްލާވިއާ އިން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗް ނިމިނިމި އޮއްވައި ކާމިޔާބުކޮށްދިނީ ތޯމަސް ހޯލްސް އެވެ. ރޭގެ މެޗްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު އެއްވެސް ޓީމަކަށް އަނެއް ޓީމުގެ ގޯލަށް  ނުރައްކާ ކުރެވޭ ވަރުގެ ގިނަ ހަމަލާ ތަކެއް ފޮނުވާލެވޭ ވަރެއް ނުވި އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އަޔަކްސް އެމްސްޓެޑަމް އާއި ރޯމާ ވާދަކުރި މެޗް ރަށުން ބޭރުގައި ކުޅެ ރޯމާއިން 1-2 އިން ކާމިޔާބުކުރި އިރު ޑައިނަމޯ ޒަގްރެބް އާއި ވިޔަރެއާލް ވާދަކުރި މެޗު ނިމުނީ 0-1 އިން ވިޔަރެއާލް އަށް ރަށުން ބޭރުގައި ކުރި ލިބިގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!