ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ ލަނޑުޖެހިޔަސް ލުކާކޫ ހުރީ ދޫކުރާ ގޮތަކަށް ނޫން

ރޮނާލްޑޯ ލަނޑުޖެހިޔަސް ލުކާކޫ ހުރީ ދޫކުރާ ގޮތަކަށް ނޫން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 4 އެޕްރީލް 2021

އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ގޯލުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލި  ނުވެ ސަލާމަތްވި އިރު ރޮމޭލޫ ލުކާކޫ ޖެހި ގޯލުން އެއްވަނައިގައި އޮތް އިންޓަ މިލާން މޮޅުވެ އަށް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ރޭ ރަށުން ބޭރުގައި ޓޮރިނޯ އާ ވާދަކޮށް ޔުވެންޓަސް އިން ކުޅުނު މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޔުވެންޓަސްގެ ފޯވާޑް ފެޑެރީކޯ ކިއެސާ މެޗުގެ 13 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ލީޑް ހޯދައިދިން ނަމަވެސް މެޗުގެ 27 ވަނަ މިނެޓްގައި ޓޮރިނޯ އިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ. އަދި ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި ޓޮރިނޯ އިން އިތުރު ލަނޑެއް ޖަހައި ލީޑް ނެގި އެވެ. ޔުވެންޓަސް އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ރޮނާލްޑޯ ޖެހީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ދިހަ ވަނަ ފަހަރަށް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޔުވެންޓަސް އަށް ރޭ އިތުރު ހުރަހެއް ކުރިމަތިވި އިރު 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޖެހެމުން އަންނަ އިންޓަ މިލާނުން ވަނީ އެއްވަނައިގައި ލީޑު ފުޅާކުރުމަށްޓަކައި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައިފަ އެވެ. ރަށުން ބޭރުގައި ބޮލޯނާ ގެ މައްޗަށް 0-1 އިން ރޭ އިންޓަ މިލާނުން ކުރި ހޯދި އިރު އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބެލްޖިއަމްގެ ފޯވާޑް ލުކާކޫ އެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި 68 ޕޮއިންޓާއެކު އެއް މެޗު މަދުން ކުޅެގެން އިންޓަ މިލާން އޮތްއިރު ދެވަނައިގައި އޮތީ އޭސީ މިލާނެވެ. ޔުވެންޓަސް ޓޭބަލްގެ ތިން ވަނައިގައި އޮތް އިރު އެ ޓީމާ އިންޓަ އާ ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!