ފުރަތަމަ ސަފްޙާ / ޚަބަރު / މުބާރާތުން ކެޓުމުން މޮރީނިއޯ އަށް ގޯސްވީ ކުޅުންތެރިން

މުބާރާތުން ކެޓުމުން މޮރީނިއޯ އަށް ގޯސްވީ ކުޅުންތެރިން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 19 މާރޗް 2021

ފުޓްބޯޅަ އާއި ދިރިއުޅުމުގެ އެންމެ “ބޭސިކް” ވެސް ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިންގެ ކިބައިން ރޭ ނުފެންނަ ކަމަށްބުނެ ކޯޗު ހޯސޭ މޮރީނިއޯ އެޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގްގެ މެޗުގައި ޓޮޓެންހަމް ރޭ ވަނީ ކްރޮއޭޝިއާގެ ޑީނަމޯ ޒާގްރެބްއާ ވާދަކޮށް 3-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ރޭގެ މެޗަށް ޓޮޓެންހަމް ނުކުތީ އަމިއްލަ ދަނޑުގައި 0-2 އިން މޮޅުވެ ވަރަށް ބޮޑު ޔަގީންކަމަކާ އެކު އެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު 2-0 އިން ބަލިވެފައި އޮވެ އޭގެފަހުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ޓޮޓެންހަމް ކޮޅަށް ޑީނަމޯ ޒާގްރެބް އިން އިތުރު ގޯލެއް ޖަހައި މުބާރާތުން ކަޓުވާލި އެވެ. ރޭގެ މެޗުގައި ޑީނަމޯ ޒާގްރެބްގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ މިސްލާވް އޯސިޗް އެވެ.

“އަހަރެން މާޔޫސްވެފައި މިހުރީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އެޓިޓިއުޑުން. އަހަރެންގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފުޓްބޯޅައިގެ ބޭސިކަށް ވުރެ ބޮޑަށް ދިރިއުޅުމުގެ ބޭސިކް ކަންކަން ވެސް ނުފެނުނު. އެއީ އަމިއްލަ ވަޒީފާއަށް އިހުތިރާމްކޮށް އެ ހިތްވަރު ނެރުންފަދަ ކަންކަން” ޓޮޓެންހަމްގެ ކުޅުމަށް ފާޑުކިޔަމުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާގެ ފަރާތުން ޓޮޓެންހަމް ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، މިއީ އެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ.

“އަހަރެންގެ ކެރިއަރާއި މި ވަޒީފާއަށް ކުރާ އިހްތިރާމާއެކު ކޮންމެ މެޗެއް ވެސް ވަރަށް މުހިއްމު. މެޗަށްފަހު ޑީނަމޯގެ ޑްރެސިން ރޫމަށް ގޮސް އެކުޅުންތެރިންނަށް އަހަރެން މަރުހަބާ ކީން. އެކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގު. ފުޓްބޯޅައަކީ އިދިކޮޅު ޓީމަށް ވުރެ މޮޅެތި ކުޅުންތެރިން ތިބެގެން ކުރިއެރުން ލިބޭނެ ކުޅިވަރެއް ނޫން. އެބައެއްގެ ވިސްނުމާއި ގަބޫލުކުރުން ވެސް މުހިއްމު. އެމީހުން އަހަރެމެން ބަލިކުރީ އެ ވިސްނުމުގައި” މެޗަށް ފަހު މާޔޫސްކަމުގައި ހުރި މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމަށް ތައްޓެއް އެންމެފަހުން ލިބުނީ 2008 ވަނަ އަހަރު އެވެ. މި ސީޒަނުގެ ޔޫރޮޕާ ލީގަކީ ތައްޓެއް ހޯދުމަށް އެޓީމަށް އޮތް ރަނގަޅު ފުރުސަތެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އަށް ވަނައިގައި މިވަގުތު އޮތުމާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އެޓީމަށް އޮތީ އުނދަގޫ ދަތުރެކެވެ. މި ސީޒަނުގައި ތައްޓެއް ހޯދުމަށް މޮރީނިއޯ އަށް އޮތް ހަމައެކަނި ފުރުސަތަކީ އިނގިރޭސި ލީގު ކަޕެވެ. އެ މުބާރާތުގެ ފައިނަލަށް ޓޮޓެންހަމް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި އަންނަ މަހު ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގެ މެޗުތައް ރޭ ނިމުނުއިރު އިނގިރޭސި ކްލަބްތައް ކަމަށްވާ އާސެނަލާއި މެންޗެސްޓަރ ޔުނައިޓެޑް ވަނީ އެގްރިގޭޓް ނަތީޖާއިން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އާސެނަލް ރޭ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން 1-0 އިން ބަލިވި ނަމަވެސް އެގްރިގޭޓުން އެޓީމު މޮޅުވީ 3-2 އިންނެވެ. އޭސީ މިލާނާ ވާދަކޮށް 1-0 އިން ރޭ މޮޅުވެ 2-1 ގެ އެގްރިގޭޓް ނަތީޖާއިން ޔުނައިޓެޑް ކުރިހޯދިއިރު މެޗުގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ. އެހެން މެޗުތަކަށް ބަލާއިރު މި ސީޒަނުގައި ޑޮމެސްޓިކް ލީގުގެ ޗެމްޕިއަންކަން ހޯދި ރޭންޖާސް ރޭ ވަނީ ސްލާވިއާ ޕްރާހާއާ ވާދަކޮށް ޔޫރޮޕާ ލީގުން ކަޓައިފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ދެން ޖާގަ ހޯދީ ސްޕެއިންގެ ގްރަނާޑާ އާއި ވިޔަރެއާލްގެ އިތުރުން އިޓަލީގެ ރޯމާ އަދި ނެދަލެންޑްސްގެ އަޔަކްސް އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ޗެމްޕިއަން ބަޔާން މިއުނިކް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓަރ ސިޓީ، ރެއާލް މެޑްރިޑް، ޕޯޓޯ، ބޮރޫޝިއާ ޑޯޓްމަންޑް އަދި ޕީއެސްޖީ އެވެ.

ޔޫރަޕްގެ ބޮޑު ދެ މުބާރާތުގެ ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނާނީ މިއަދު އެވެ. ޗެމްޕިއަންސް ލީގުގެ ގުރު ނެގުން ހަވީރު ހަތަރެއް ޖަހާއިރު އޮންނައިރު ޔޫރޮޕާ ލީގުގެ ގުރުނެގުން އޮންނާނީ ހަވީރު ފަހެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!