ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ގްރީސްގެ އޮލިމްޕިއާކޯސް އާ ދެކޮޅަށް ކުޅެ އާސެނަލް ކުރި ހޯދިއިރު އޭސީ މިލާނާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. ރަށުން ބޭރުގައި 1-3 އިން އޮލިމްޕިއާކޯސްގެ މައްޗަށް އާސެނަލުން ކުރި ހޯދިއިރު އަމިއްލަ ރަށުގައި ޔުނައިޓެޑުން އޭސީ މިލާނާ ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.
އިނގިރޭސި ލީގުގެ ދިހަ ވަނައިގައި މިވަގުތު އޮތް އާސެނަލުން ގްރީކް ލީގުގެ އެންމެ ކުރީގައި އޮތް އޮލިމްޕިއާކޯސް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އާސެނަލުންނެވެ. އާސެނަލް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑުން އާސެނަލަށް ދާދި ފަހުން ބަދަލުވި ނޯވޭގެ ފޯވާޑް މާޓިން އޮޑެގާޑެވެ. 0-1 އިން ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު އާސެނަލުން ނިންމާލި ނަމަވެސް ދެވަނަ ހާފު ފަށައިގެން 15 މިނެޓް ނުވަނީސް އޮލިމްޕިއާކޯސް އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ،. މެޗުގެ 58 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންސް ލައިނަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު އޮލިމްޕިއާކޯސް އަށް ކާމިޔާބުކޮށްދިނީ ޔޫސެފް އެލް އަރާބީ އެވެ.
އާސެނަލް އާއި އޮލިމްޕިއާކޯސް ރޭ ވާދަކުރި މެޗުގައި ދެވަނަ ފަހަރަށް އާސެނަލަށް ލީޑު ނަގައިދިނީ މެޗުގެ 79 ވަނަ މިނެޓްގައި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ވިލިއަން އެވެ. އަދި އޭގެ ހަ މިނެޓް ފަހުން ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލް ލަނޑެއް ޖަހައި އާސެނަލަށް ކުއާޓަރ ފައިނަލްގެ އުއްމީދު އިތުރު ކޮށްދިނެވެ.
އިޓާލިއަން ލީގުގެ ދެވަނައިގައި އޮތް އޭސީ މިލާނާއި، އިނގިރޭސި ލީގުގެ ދެބަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ ފަހު ހާފު ފަށައިގެން ފަސްވަނަ މިނެޓްގެ ތެރޭގައި މި ލަނޑު ބޮލުންޖަހައި ގޯލަށް ވައްދާލައިގެން ޔުނައިޓެޑަށް ކާމނިޔާބުކޮށްދިނީ އަމަޑް ޑިއާލޯ އެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިޓަލީގެ އެޓަލާންޓާއިން ޔުނައިޓެޑަށް ގެނައި 18 އަހަރުގެ މި ކުޅުންތެރިޔާ ޔޫރޮޕާ ލީގުގައި ޔުނައިޓެޑަށް ކުޅެދިން މިއީ ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ލީޑު ނެގުމުގެ ކުރިން ފުރަތަމަ ހާފުގައި އޭސީ މަލާނުން ޔުނައިޓެޑްގެ ގޯލުގެ ދާގަނޑުގައި ބޯޅަ އެއް ތަތްކޮށްލި އެވެ. އެކަމަކު އޭސީ މިލާންގެ ފްރޭންކް ކެސީ ޖެހި ގޯލު ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. މެޗުގެ ނަތީޖާ އާސީ މިލާނަށް ހަމަހަމަކޮށްދިން ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ސައިމަން ކެޖާ އެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ.