އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ވާދަކުރި މެޗުގައި ޔުނައިޓެޑަށް ލިބެންޖެހޭ ޕެނަލްޓީއެއް ނުލިބުނީ މެޗުގެ ކުރިން ޗެލްސީގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމެއްގެ ސަބަބުން ކަމަށް ވެދާނެކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ރޭގެ މެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ހާދިސާ އަކަށްވީ ޔުނައިޓެޑުން ފުރަތަމަ ހާފުގައި އުފެއްދި ހަމަލާއެއްގައި އެ ޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑާއި، ޗެލްސީގެ ހަޑްސަން އޮޑޯއި ބޯޅައަށް މަސައްކަތްކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ހަޑްސަންގެ އަތުގައި ބޯޅަ ޖެހުނު ހާދިސާ އެވެ. އެ ހާދިސާ އާ ގުޅިގެން މެޗުގެ ރެފްރީ ސްޓުއާޓް އަޓްވެލް ކުޅުން މެދުކަނޑާލުމަށްފަހު ވީއޭއާރުގެ އެހީގައި ނިންމީ ބޯޅައިގައި އަތްލުމުގެ ނިޔަތެއް އޮވެގެން ހަޑްސަން ކަމެއް ކުރިކަން ފާހަގަ ނުކުރެވޭތީ އެއީ ޕެނަލްޓީއެއް ދޭންޖެހޭ ހާލަތެއް ނޫން ކަމަށެވެ.
ރޭގެ މެޗުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ދޭންޖެހޭ ކަމަށް ގަބޫލުކުރަންތޯ ސޯލްޝެއާ ގާތު ސްކައި ސްޕޯޓްސްގެ ނޫސްވެރިއަކު މެޗަށް ފަހު އެހުމުން ބުނީ އެއީ 100 ޕަސަންޓް ޔަގީންކަމެއް ކަމަށެވެ.
“މިއީ ބޭރުން އަންނަ ނުފޫޒުގެ ސަބަބުން ވާހާ ކަންކަން. ހެރީ މެގުއާ އާއި ވީއޭއާރު އާ ގުޅުވައިގެން މެޗުގެ ކުރިން އެމީހުން އާޓިކަލް އެއް ޝާއިއުކުރުމަކީ އެންމެ ރަގަޅު ގޮތެއް ނޫން. އެއީ ރެފްރީންނަށް ނުފޫޒު ފޯރުވުން. ތިޔަ އެންމެންނަށް އެ އާޓިކަލް ކިޔާލީމަ ފެންނާނެ ހެރީ އާ ގުޅޭ ގޮތުން އޭގަ ލިޔެފަ ހުރި ވާހަކަ އަދި އަހަރެމެންނާ އިދިކޮޅުން ވާދަކުރާ ޓީމުތަކަށް ޕެނަލްޓީ ދިނުމަށް ޕްރެޝަރ ކޮށްފައި ހުރިކަންވެސް.” 2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި ސޯލްޝެއާ ބުންޏެވެ.
“އަހަރެމެންނަށް ފެނިފަ އެބަހުރި އެއްވެސް ޝައްކެއް ކުރަން ނުޖެޖޭ އިރު ވެސް އަހަރެމެންނަށް ގިނައިން ޕެނަލްޓީ ލިބޭ ވާހަކަ ކޯޗުން ވަރަށް ގިނައިން ދައްކާފަ ހުރިތަން. މިއަދަކީ ހަމަ ޔަގީނުންވެސް އަހަރެމެންނަށް ޕެނަލްޓީ އެއް ލިބެންޖެހޭ ދުވަހެއް.” ސޯލްޝެއާ ބުންޏެވެ.
މެޗުގެ ކުރިން ޗެލްސީގެ ވެބްސައިޓއްގައި ޝާއިއުކުރި ކަމަށް ސޯލްޝެއާ އެ އިޝާރާތްކުރާ އާޓިކަލް އަކީ މެޗު ޕްރިވިއު އެއް ގޮތަށް ގެނެސްފައިވާ އާޓިކަލް އެކެވެ. އެ އާޓިކަލްގައި ހުރި ވާހަކަތަކުގެ ތެރެއިން ސޯލްޝެއާގެ ކަންބޮޑުވުން އަމާޒުވެފައި ވަނީ ޔުނައިޓެޑްގެ ކެޕްޓަން އަދި ޑިފެންޑަރު މެގުއާ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ބައެއް ފަހަރު އަމަލުކުރާ ގޮތުން އިދިކޮޅު ޓީމަށް ޕެނަލްޓީ ލިބެންޖެހޭ ހާލަތްތަކުގައިވެސް ވީއޭއާރުގެ އެހީގައި ޔުނައިޓެޑް ކޮޅަށް ނިންމުންތައް އައިސްފައިވާކަމަށް ފާހަގަކޮށް ލިޔެފައިވާ ވާހަކަ އެވެ.