ފުރަތަމަ ސަފްޙާ / ޚަބަރު / ވެސްޓްހޭމް އަތުންވެސް ބަލިވެ މޮރީނިއޯ އާއެކު ޓޮޓެންހަމް ކަނޑުވަނީ
ފަހުމިނެޓް

ވެސްޓްހޭމް އަތުންވެސް ބަލިވެ މޮރީނިއޯ އާއެކު ޓޮޓެންހަމް ކަނޑުވަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 ފެބްރުއަރީ 2021

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވެސްޓް ހޭމް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ޓޮޓެންހަމް ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް ހުރަސް އެޅިއްޖެ އެވެ. ރަށުން ބޭރުގައި ޓޮޓެންހަމުން ވެސްޓް ހޭމް އާ ވާދަކޮށް މިރޭ ބަލިވީ 1-2 އިންނެވެ.

މިއީ ލީގުގައި ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ މެޗެވެ. ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޓޮޓެންހަމް ނުވަ ވަނައިގައި އޮތް އިރު މިރޭ ޓޮޓެންހަމް އަތުން ހޯދި މޮޅާއެކު ވެސްޓް ހޭމް ވަނީ ޓޭބަލްގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. ޓޮޓެންހަމް އާއި ވެސްޓް ހޭމް އާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް މިހާރު އެބަ އޮތެވެ.

މިރޭގެ މެޗުގައި ޖެހި ފުރަތަމަ ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ވެސްޓް ހޭމުންނެވެ. ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި މިކެއިލް އެންޓޯނިއޯ ކާމިޔާބުކުރި އިރު އެ ޓީމުގެ ދެވަނަ ގޯލު މެޗުގެ 47 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ޔުނައިޓެޑުން ވެސްޓް ހޭމް އަށް މިއަހަރުގެ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ބަދަލުވި ޖެސީ ލިންގާޑެވެ. މި ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ފަހުން އެއީ ލަނޑެއް ކަމަށް ނިންމައިފަ އެވެ. ޓޮޓެންހަމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ދިން ބޯޅައަކުން ބްރެޒިލްގެ ލޫކަސް މޯރާ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރަން ޓޮޓެންހަމްގެ ދެ ފޯވާޑުން ކަމަށްވާ ބޭލް އަށާއި ސޮން ހިއުން މިން އަށް ރަގަޅު ފުރުސަތުތަކެއް މެޗުގެ ފަހުކޮޅު ލިބުނެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ބޭލް ފޮނުވާލި ބޯޅަ އާއި އިތުރު ވަގުތުގައި ސޮން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހުރަސް ދަނޑީގައި ޖެހިފައި މަތަވުމުގެ ސަބަބުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!