އިނގިރޭސި ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ލިވަޕޫލަށް ކާމިޔާބެއް ނުހޯދި ދިޔުމަށްފަހު ރޭ ޓޮޓެންހަމްއާ ވާދަކޮށް ފުރިހަމަ މޮޅެއް ހޯދައިފި އެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 1-3 އިންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯ އެވެ. މިއީ ލިވަޕޫލަށް ގޯލެއް ނުޖެހި ލީގުގައި ޖެހިޖެހިގެން ހަތަރު މެޗު ދިއުމަށްފަހު އެ ޓީމުގެ ފަރާތުން ފެނުނު ފުރަތަމަ ގޯލެވެ. ލިވަޕޫލުން ލީޑް ނެގުމުގެ ކުރިން ޓޮޓެންހަމްއަށް ލިބުނު ފުރުސަތެއްގައި އެ ޓީމުގެ ފޯވާޑް ސޮން ހުއެން މިން ލިވަޕޫލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ލިވަޕޫލުން މެޗުގެ ފަހު ހާފު ވެސް ފެށީ ވަރުގަދަކޮށެވެ. ނަތީޖާ އެއްގެ ގޮތުން ފަހު ހާފު ފަށައިގެން ދެވަނަ މިނެޓްގެ ތެރޭގައި ލިވަޕޫލުން އުފެއްދި ހަމަލާ އެއްގައި އެ ޓީމުގެ ސަޑިއޯ މާނޭ ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު ހުށިޔާރުވެގެން ހުރި ލިވަޕޫލްގެ ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލައި ނަތީޖާ 0-2 އަށް ބަދަލުކުރި އެވެ. އޭގެ ދެ މިނެޓް ފަހުން ދެން ފެނުނީ ޓޮޓެންހަމްގެ ޕިއަރޭ އެމިލް ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ގެނެސްދިން ތަނެވެ.
ޓޮޓެންހަމްގެ ލަނޑާއެކުވެސް ލިވަޕޫލުން ފަހަތަށް ނުޖެހި ކުރި މަސައްކަތުގެ ނަތީޖާ އަކަށްވީ މެޗުގެ 65 ވަނަ މިނެޓްގައި އެ ޓީމުގެ ފޯވާޑް މާނޭ ލަނޑަށް ޖަހައި ލިވަޕޫލަށް ލީޑް ފުޅާކޮށްދިނުމެވެ. އޭގެ ކުރިން މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ވެސް ޓޮޓެންހަމްގެ ގޯލަށް ބޯޅައެއް ވައްދާލި އެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމައިފައިވަނީ ހަމަލާ އުފެއްދުމުގެ ތެރޭގައި ލިވަޕޫލްގެ ފޯވާޑް ފިރްމީނޯގެ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.
ރޭގެ ނަތީޖާ އާ އާއެކު ލިވަޕޫލް ވަނީ ޓޭބަލްގެ ހަތަރުވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު މިވަގުތު އޮތީ އެއްވަނައިގައި އޮތް މެންޗެސްޓރ ސިޓީ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.