ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ކްލަބް އީގަލްސް އިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ. މިރޭ ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް އީގަލްސް އިން މެޗު ކާމިޔާބުކުރީ 3-2 އިންނެވެ.
މިއީ ސީޒަނުގައި އީގަލްސް އިން ލީގުގައި ހޯދި ދެ ވަނަ މޮޅެވެ. މި ދެ މޮޅު ވެސް ޔޫވީއާ ވާދަކޮށް ހޯދީ އެއް ނަތީޖާއަކުންނެވެ. މޮޅާ އެކު އީގަލްސް އިން ވަނީ އަށް ޕޮއިންޓް ހަމަކޮށް ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ ވާދަކުރުމުގެ އުއްމީދު އާކޮށްފަ އެވެ. އެޓީމު ހަތް ވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ލީގުގެ ހަ ވަނައިގައި އޮތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މެޗުން ބަލިވި ޔޫވީ އޮތީ އަށް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ލީގުގެ ފުލުގަ އެވެ. ވަރުގަދަ ސްކޮޑަކާ އެކު ލީގާ ކުރިމަތިލި ޔޫވީ އަކީ ލީގުގައި މިހާތަނަށް މޮޅެއް ނުލިބޭ ހަމައެކަނި ޓީމެވެ.

އީގަލްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މެޗުގެ ފުރަތަމަ ހާފު ނިމުނީ ޔޫވީ ކުރީގައި އޮވެގެންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. މެޗުގައި ބާކީ ގޯލުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި އީގަލްސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ހިސާމް ސަލީމް (ކޮކީ) އެވެ. އޭގެފަހުން 61 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އެވެ. އީގަލްސް އިން ލީޑު ފުޅާކުރި ލަނޑު އޭގެ ދިހަ މިނެޓުފަހުން ޖަހައިދިނީ އޮސާމާ އަހުމަދު އެވެ. ޔޫވީގެ ދެ ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ އަނަޓޯލީ ވްލަސިޗޭވް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްގެ ދެ ވަނަ ލަނޑު ޖަހައިދިން ނާއިމް އެވެ.
Second win for Club Eagles so far. Both wins against United Victory, with the same scoreline ???? pic.twitter.com/SoUJ0vW4VW
— Fahuminet (@fahuminet) January 28, 2021
ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. އެދުވަހުގެ ހަވީރު ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ފެބްރުއަރީ ތިން ވަނަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް ވާދަކުރާއިރު އެރޭ ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.