މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. މޮޅާ އެކު ދަ ގްރާންޑޭ ދެ ވަނަ އަށް އެރީ 15 ޕޮއިންޓާ އެކު އެވެ. ގްރާންޑޭ މޮޅުވުމުން 12 ޕޮއިންޓާ އެކު ކްލަބް ވެލެންސިއާ މިހާރު އޮތީ ތިން ވަނައިގަ އެވެ. ގްރީން ސްޓްރީޓްސް 11 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މިއަދުގެ މެޗުގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. ޓީސީގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު ޝާޒް މަގާމް ދޫކޮށްލިއިރު އޭނާ ވަނީ ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ޝާޒްގެ ބަދަލުގައި އެޓީމަށް މިއަދު އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު އެވެ. އެނގިފައިވާ ގޮތުގައި ޓީސީން މަސައްކަތްކުރަމުން އަންނަނީ އެޓީމުގެ ކޯޗުކަމަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖެއްސުމަށެވެ.
@DaGrandeSC climbs to 2nd after defeating @TC_Fraternity! ????⏫ pic.twitter.com/tIG2pZ080D
— Fahuminet (@fahuminet) January 28, 2021
މިއަދުގެ މެޗުގެ ތިން ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ލީޑު ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. ގްރާންޑޭ ލީޑުގައި އޮއްވައި ޓީސީ އަށް ލިބުނު ޕެނަލްޓީއެއްގައި ކަސިއުސް މެލްކޮމް ވަނީ 22 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދަ ގްރާންޑޭ އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަހާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަ ގްރާންޑޭގެ މުލަކޭ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް އީގަލްސް އެވެ.