ފުރަތަމަ ސަފްޙާ / ޚަބަރު / ސަސް ބަލިކޮށް ގްރީން ކުރިއަށް ޖެހިލައިފި
ފަހުމިނެޓް

ސަސް ބަލިކޮށް ގްރީން ކުރިއަށް ޖެހިލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-0 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް ލީގު ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އޮތީ ހަތް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މިރޭގެ މޮޅާ އެކު އެޓީމު ވަނީ 11 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ތާވަލަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. އަށް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ސަސް މިހާރު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ އެޓޭކިން ގޭމެކެވެ. ގިނަ ހަމަލާތަކެއް އުފެއްދިއިރު ދެޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ހަމަލާތައް ހުއްޓުވުމުގައި ދެޓީމުގެ ކީޕަރުން ވެސް މުހިއްމު ދައުރެއް އަދާކުރިއިރު ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަނީފް ސާގިބްގެ ކުޅުން ފާހަގަކޮށްލެވުނެވެ.

މެޗުގެ ފުރަތަމަ ލަނޑު ހަތް ވަނަ މިނެޓުގައި ޖެހީ ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ސަސްގެ ކުޅުންތެރިއަކު ކީޕަރަށް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޗޯޓު ޖެހި ލަނޑެކެވެ. މިއީ މި ސީޒަނުގައި ޗޯޓު ޖެހި ފުރަތަމަ ލަނޑެވެ. ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ. މިއީ ހަލީލް ގަމާލްގެ އެހީތެރިކަމާ އެކު ޔާން ޖެހި ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފުގައި ސަސް އިން ކުރިއަށް ޖެހިގެން ކުޅުނުއިރު ކައުންޓަ އެޓޭކްގައި ގްރީން ސްޓްރީޓްސް އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ 89 ވަނަ މިނެޓުގައި ސަސް އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ހަސަން އަދުހަމް (ސަޑޭ) ޖެހި ޕެނަލްޓީ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނަމަވެސް ކީޕަރު ސާގިބް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފަ އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް އެވެ. ސާގިބް ވެފައިވަނީ މި ސީޒަނުގެ ލީގުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފުރަތަމަ ކީޕަރަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!