ފުރަތަމަ ސަފްޙާ / ޚަބަރު / ޓޮޓެންހަމް ގޮވައިގެން މޮރީނިއޯ އެންމެ އުހަށް

ޓޮޓެންހަމް ގޮވައިގެން މޮރީނިއޯ އެންމެ އުހަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 ޑިސެމްބަރު 2020

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން މިރޭ އަމިއްލަ ދަނޑުގައި 2-0 އިން އާސެނަލް ބަލިކޮށް ލީގު ތާވަލުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޮޓެންހަމް މިރޭ ހޯދި މުހިއްމު މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 11 މެޗުން 22 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. ލެސްޓާ ސިޓީ 21 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު 21 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ލިވަޕޫލުން މިރޭ މެންދަމު އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗު ކާމިޔާބުކޮށްގެން ލިވަޕޫލަށް ދެ ވަނަ އަށް އެރޭނެ އެވެ.

މިރޭގެ މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ސޮން ހެއުން މިން އެވެ. ދެ ވަނަ ލަނޑު ކޭން ޖެހީ ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ކޭންގެ ލަނޑަކީ ޕްރޮފެޝަނަލް ކެރިއަރުގައި ކްލަބާއި ގައުމަށް ކާމިޔާބުކޮށްދިން 200 ވަނަ ލަނޑެވެ. އަނެއްކޮޅުން މިރޭގެ ލަނޑާ އެކު ކޭން ވެފައިވަނީ ލަންޑަން ޑާބީގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ ލަންޑަން ޑާބީގައި މިހާތަނަށް 11 ލަނޑު ޖަހައިފަ އެވެ. ސޮން އާއި ކޭންގެ ފަރާތުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ފެންނައިރު މި ދެކުޅުންތެރިން އެކުގައި ވަނީ މި ސީޒަނުގެ ލީގުގައި 10 ލަނޑު ޖެހުމުގައި ބައިވެރިވެފަ އެވެ.

ޓޮޓެންހަމް އަތުން ބަލިވެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް މިހާރު ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އާސެނަލް މިވަގުތު އޮތީ 11 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގަ އެވެ. އެޓީމަށް ހަތަރު މޮޅު ލިބުނުއިރު ހަ މެޗުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލުން ވަނީ ކުރިއަށް ޖެހިގެން ކުޅެ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު ޓޮޓެންހަމްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ އާސެނަލްގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި މިރޭ ލެސްޓާ އިން ވަނީ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް 2-1 އިން ބަލިކޮށްފަ އެވެ. މެޗުގައި ލެސްޓާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި އަޔޯޒޭ ޕެރޭޒް ކާމިޔާބުކޮށްދިންއިރު މޮޅުވި ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ޖެމީ ވާޑީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!