ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑާއި އެތުލެޓިކޯ މޮޅުވިއިރު ބާސެލޯނާ ބަލިވެއްޖެ

ރެއާލް މެޑްރިޑާއި އެތުލެޓިކޯ މޮޅުވިއިރު ބާސެލޯނާ ބަލިވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 ޑިސެމްބަރު 2020

ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް މޮޅުވިއިރު އަލަށް ޕްރޮމޯޓްވި ކާޑިޒް އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ރެއާލުން 1-0 އިން ސެވިއްޔާ ބަލިކުރިއިރު އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފަ އެވެ. ރޭ މެންދަމު ކުޅުނު މެޗުގައި ރަށުން ބޭރުގައި ކާޑިޒް އަތުން ބާސެލޯނާ ބަލިވީ 2-1 އިންނެވެ. ރޭގެ ނަތީޖާތަކާ އެކު ތާވަލުގެ އެއް ވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ އެވެ. ރެއާލުން ވަނީ 11 މެޗުން 20 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ރޭގެ މެޗުން ބަލިވުމުން އެއް ވަނައިގައި އޮތް އެތުލެޓިކޯއާ 12 ޕޮއިންޓުގެ ފަހަތުން ބާސެލޯނާ އޮތީ ހަތް ވަނައިގަ އެވެ. 10 މެޗުން ބާސެލޯނާ އަށް ލިބިފައިވަނީ އެންމެ 14 ޕޮއިންޓެވެ. ބާސެލޯނާ އަތުން މޮޅުވި ކާޑިޒް ވަނީ މި ސީޒަނުގައި ރެއާލް ވެސް ބަލިކޮށްފަ އެވެ. އެޓީމު އޮތީ 12 މެޗުން ހޯދި 18 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

ރޭގެ މެޗުގައި ރެއާލުން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލަކީ ސެވިއްޔާގެ ގޯލްކީޕަރު ޔަސިން ބޯނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ 1991 ވަނަ އަހަރުގެ ފަހުން ސެވިއްޔާގެ ގޯލްކީޕަރެއް އަތުން ލީގުގައި ބައިކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މެޗުގައި ރެއާލްގެ ކަރީމް ބެންޒެމާ އަށް ލަނޑުޖަހާނެ ފުރުސަތުތައް ވަނީ ލިބިފަ އެވެ. ސެވިއްޔާ އިން ރެއާލްގެ ގޯލާ އަމާޒުކޮށް މެޗުގައި ފޮނުވާލެވުނީ އެންމެ ދެ ހަމަލާ އެވެ.

މިއީ މިދިޔަ ހަތަރު މެޗުގެ ތެރެއިން ރެއާލަށް ލިބުނު ފުރަތަމަ މޮޅެވެ. މި ހަފްތާގައި ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރެއާލް ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަދްބާއާ ދެކޮޅަށެވެ. އަނެއް ބުރަށް ދިއުމަށް އެ މެޗުން ރެއާލް މޮޅުވުން މަޖުބޫރެވެ.

އެތުލެޓިކޯ އިން ރޭ ވަލަޑޮލިޑް ބަލިކުރި މެޗުގައި ލަނޑުތައް ޖަހައިދިނީ ތޯމަސް ލެމާ އާއި މާކޮސް ލޮރެންޓޭ އެވެ. ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އެތުލެޓިކޯ ވެސް އަންނަނީ ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. މި ހަފްތާ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބަލިނުވެ ސަލާމަތްވެއްޖެ ނަމަ ބަޔާން މިއުނިކާ އެކު އެ ގްރޫޕުން އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެތުލެޓިކޯ އަށް ލިބޭނެ އެވެ.

ރޭ އެންމެ ހައިރާންކުރުވަނިވި ނަތީޖާ އަކީ 1991 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން ކާޑިޒް މޮޅުވުމެވެ. މެޗުގެ ކުރީކޮޅު ކާޑިޒް އަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ ޖިމެނޭޒް އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކުރެވުނީ ކާޑިޒްގެ ޕެޑްރޯ އަލްކާލާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ކާޑިޒް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ކުރިން މެންޗެސްޓަރ ސިޓީ އަށް ކުޅުނު އުމުރުން 35 އަހަރުގެ ސްޕެއިން ފޯވާޑް އަލްވާރޯ ނެގްރެޑޯ އެވެ.

ބާސެލޯނާ އިން ރޭ ފޮނުވާލި 21 ހަމަލާގެ ތެރެއިން ލިއޮނަލް މެސީ ވަނީ 10 ހަމަލާ ފޮނުވާލައިފަ އެވެ. އެކަމަކު އޭގެތެރެއިން ފަސް ހަމަލާ ކާޑިޒްގެ ގޯލްކީޕަރު ޖެރެމިއަސް ލެޑެސްމާ ވަނީ ދިފާއުކޮށްފަ އެވެ. ބާސެލޯނާއިން މެޗު ޑޮމިނޭޓް ކުރިނަމަވެސް ކާޑިޒް އިން ދިޔައީ ކައުންޓަ އެޓޭކުގައި ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!