ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
ދަގަނޑޭ ވަނީ އޭނާ ފުޓްބޯޅަ ކެރިއަރު ފެށި ކްލަބް ވެލެންސިއާއަށް ބަދަލުވިކަން މިރޭ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ސެންޓޭ ވެސް ވަނީ ވެލެންސިއާއާ ގުޅެން އެއްބަސްވެފަ އެވެ. އަދި، އާ ސީޒަނަށް އެފްއޭއެމަށް ހުށަހެޅި ވެލެންސިއާގެ ޓީމު ލިސްޓުގައި މި ދެކުޅުންތެރިންގެ ނަން ވަނީ ހިމަނައިފަ އެވެ.
ދަގަނޑޭއާ އެކު ސެންޓޭ އަކީ ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ދަގަނޑޭ މިދިޔަ ސީޒަނުގެ ކުރީކޮޅު ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ފަހު ސީޒަނުގެ ފަހުކޮޅު ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ފެނުނީ ކްލަބް އީގަލްސް އިންނެވެ.
BACK TO WHERE IT ALL STARTED!! ????
Delighted to join @ClubValencia for 2020-21 season. pic.twitter.com/5MG0OGhu1d
— Ali Ashfaq (@AliAshfaq07) November 30, 2020
އެންމެ 16 އަހަރުގައި ދަގަނޑޭ ގަލޮޅު ދަނޑަށް ތައާރަފްވީ ވެލެންސިއާ އިންނެވެ. އެއަށްފަހު ދަގަނޑޭ ވެގެންގޮސްފައިވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ވިދުންގަދަ ތަރިއަށެވެ. ވެލެންސިއާގެ އިތުރުން ދަގަނޑޭ ވަނީ ވީބީ އައްޑޫ އެފްސީ އަށާއި މާޒިޔާގެ އިތުރުން ނިއު ރޭޑިއަންޓަށް ކުޅެފަ އެވެ. ދަގަނޑޭ ވަނީ ނިއު ފުރަތަމަ ޑިވިޝަނުގައި އޮވެގެން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ބ. އޭދަފުއްޓަށް އުފަން ސެންޓޭ ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ 2007 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ. އޭގެފަހުން ސެންޓޭ ވަނީ އެއްފެންވަރެއްގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭވައިއެލްގެ އިތުރުން ސެންޓޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް އަދި އީގަލްސް އަށް ކުޅެފަ އެވެ. 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދައްކައި ރަން ބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑް ސެންޓޭ ހޯދި އެވެ. އަދި ޖެހިގެން އައި 2017 ވަނަ އަހަރު ނިއު އަށް ބަދަލުވުމަށް ފަހު މި ދެ އެވޯޑް ސެންޓޭ ދިފާއުކުރި އެވެ.
ދަގަނޑޭ އާއި ސެންޓޭ ވެލެންސިއާއާ ގުޅުމަކީ އެ ކްލަބުގެ ރަން ދުވަސްތައް އަނބުރާ ގެނައުމަށް ލިބުނު ހިތްވަރެކެވެ. މި ދެކުޅުންތެރިންގެ އިތުރުން ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ބައެއް ކުޅުންތެރިން މި ސީޒަނުގައި ވެލެންސިއާއިން ފެންނާނެ އެވެ.
ފުރަތަމަ ޑިވިޝަނުން ވެލެންސިއާ 2018 ވަނަ އަހަރު ރެލިގޭޓްވުމުން އެޓީމު މިދިޔަ ސީޒަނުގައި ކުޅުނީ ދެ ވަނަ ޑިވިޝަނުގަ އެވެ. ފުރަތަމަ ޑިވިޝަނަށް އަލުން އެޓީމު ކޮލިފައިވީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާއަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޑިސެމްބަރު އަށް ވަނަ ދުވަހު އީގަލްސް އާއި މާޒިޔާ ވާދަކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ލީގުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު 14 ވަނަ ދުވަހުގެރޭ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.