ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލަވެސް އާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވެ އެ ޓީމުގެ ފޯވާޑް އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެ އެވެ. ރޭގެ މެޗުގައި އަލަވެސް އަތުން 1-2 އިން ރެއާލް ބަލިވިއިރު 29 އަހަރުގެ ހަޒާޑަށް އަނިޔާވެގެން ދަނޑުން ފައިބައިފައިވަނީ މެޗު ފެށިގެން 30 މިނެޓް ވެސް ނުވަނީހެވެ.
ރޭގެ މެޗަކީ މި ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހަޒާޑް ކުޅުނު ހަތަރު ވަނަ މެޗެވެ. މިދިޔަ އަހަރު 150 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީން ރެއާލް އަށް ބަދަލުވި ހަޒާޑް ރެއާލް އަށް ކުޅެން ފެށި ފަހުން އެ ޓީމުގެ ޖޯޒީގައި އަދި ކުޅެފައިވަނީ 27 މެޗެވެ. މިފަހަރުގެ ސީޒަން ފެށުނުއިރުވެސް ހަޒާޑް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އެކަމަކު އަނިޔާއިން ރަގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސް ތިން މެޗެއް ކުޅުނު ތަނާ ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އަނެއްކާވެސް ނުކުޅެ މަޑުކުރަންޖެހުނެވެ. އޭގެ ފަހުން ހަޒާޑް ވަނީ ނޮވެމްބަރު 21 ވަނަ ދުވަހު ކުޅުނު ލީގު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުމުގެ އިތުރުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި އިންޓަރ މިލާނާ ދެކޮޅަށް ކުޅެ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި ހަޒާޑަށް ލިބުނު އަނިޔާ އެހާ ސީރިއަސް ކަމަކަށް އަދި ހަބަރު ލިބިފައެއް ނުވެއެވެ.
ސްޕެނިޝް ލީގުގައި އަލަވެސް އަތުން ރޭ ވީ ބައްޔަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލް އިން ތަޖުރިބާކުރި ތިންވަނަ ބައްޔެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލްއިން މުޅި މިދިޔަ ސީޒަނުގައިވެސް ލީގުގައި ބަލިވި އަދަދެވެ. ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައި ނުވާއިރު ރޭގެ ނަތީތީޖާގެ ސަބަބުން އެ ޓީމު މިހާރު އޮތީ ޓޭބަލްގެ ހަތަރު ވަނައިގަ އެވެ. ޓޭބަލްގެ އެއްވަނައިގައި ރެއާލް ސޮސިއެޑާޑް އޮތްއިރު އެ ޓީމާ ރެއާލް އާ ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ.
ސްޕެނިޝް ލީގުގައި ރޭ އަލަވެސް އާއި ރެއާލް ވާދަކުރި މެޗުގައި އަލަވެސް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒް އެވެ. އަލަވެސްގެ ދެވަނަ ލަނޑަކީ މެޗުގެ ފަހު ހާފު ފަށައިގެން ހަތަރު ވަރަކަށް މިނެޓް ވީތަނާ އެ ޓީމުގެ ހޮސޭލޫ ކާމިޔާބުކޮށްދިން ލަނޑެކެވެ. ރޭގެ މެޗުގައި ރެއާލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކުރީ ކަސެމީރޯ އެވެ.
މިފަހަރުގެ ލީގުގައި ރެއާލް އިން ކުޅުނު ދިހަ ވަނަ މެޗަށް ރޭ އެ ޓީމު ނުކުތީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި ޓީމުގެ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ރާމޯސް އާއި ފޯވާޑް ކަރިމް ބެންޒެމާ ހިމެނެ އެވެ.