ކުޅުންތެރިންގެ ވަރުބަލިކަން އިތުރުވެ އަނިޔާގެ މައްސަލަތައް ގިނަވުމުގައި އެންމެން ޒިންމާ ނަގަންޖެހޭނެ ކަމަށާއި އެއީ ހަމައެކަނި ބައިނަލްއަގްވާމީ މެޗުތަކުން ކުރިމަތިވާ ކަމެއް ނޫން ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރޭ ދުވަސްވަރެއްގައި ކުޅުންތެރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި، ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ވަރުބަލިކަން އިތުރުވެ އަނިޔާގެ މައްސަލަތައް ކުރިމަތިވާތީ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ބައިނަލްއަގްވާމީ މެޗުތަކަށެވެ. ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކުގެ ކޯޗުންނާއި ފުޓްބޯޅަ ސަޕޯޓަރުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަމުން އަންނަނީ މި ދަނޑިވަޅުގައި ބައިނަލްއަގްވާމީ މެޗުތައް ކުޅުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި، ކުޅުންތެރިންގެ ސަލާމަތަށް ވިސްނަން ޖެހޭނެ ކަމަށެވެ.
“މިއީ އެންމެންގެ ޒިންމާއެއް. ފުޓްބޯޅައިގެ މުޅި ކަލަންޑަރުގެ ޒިންމާ އެންމެން ނަގަން ޖެހޭނެ” ބައިނަލްއަގްވާމީ މެޗުތައް ދިފާއުކުރަމުން ސައުތުގޭޓް ބުންޏެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ފަހު މެޗުގައި އިންގްލެންޑުން މިރޭ ނުކުންނާނީ އައިސްލެންޑާ ދެކޮޅަށެވެ. ނޭޝަންސް ލީގުގައި އެންމެ ފަހުން ބެލްޖިއަމް އަތުން 2-0 އިން ބަލިވެ އިންގްލެންޑަށް ވަނީ އަންނަ އަހަރު އޮންނަ ފައިނަލް ބުރުން ފުރުސަތު ގެއްލިފަ އެވެ. މިފަހަރުގެ ބައިނަލްއަގްވާމީ ބްރޭކުގެ ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު އިންގްލެންޑް ވަނީ ރިޕަބްލިކް އޮފް އަޔަލެންޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ސައުތުގޭޓް ބުނީ ކުޅުންތެރިންގެ ވަރުބަލިކަން ކުޑަކުރުން އޮތް ހަމައެކަނި ގޮތަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭ ގޮތަށް އަލުން ހެދުން ކަމަށެވެ.
ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑާއި ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް އަށް ވަނީ އަނިޔާވެފަ އެވެ. އަދި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އުޅެނިކޮށް ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވަނިކޮށް އަނިޔާގެ ސަބަބުން އިންގްލެންޑުގެ ޖޯޑެން ހެންޑަސަން އާއި ރަހީމް ސްޓާލިން މިރޭ އައިސްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ނުފެންނާނެ އެވެ. ބެލްޖިއަމްއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު އަނިޔާގެ ސަބަބުން މާކަސް ރަޝްފާޑް މިފަހަރުގެ މެޗުތަކުގައި އިންގްލެންޑް ޓީމުން ނުފެނެ އެވެ.
ސައުތުގޭޓް ބުނީ ބައިނަލްއަގްވާމީ ބްރޭކަކީ ގައުމީ ޓީމުތަކަށާއި ކުޅުންތެރިންނަށް މުހިއްމު ދުވަސްތަކެއް ކަމަށެވެ.
“އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން އަހަރެމެންނަށް އެބައޮތް ހަތަރެއް ނޫނީ އެއަށްވުރެ ގިނަ މެޗު. އަހަރެން ބުނާނީ ކުޅުންތެރިން ބޭނުންވެޔޭ ގައުމީ ޓީމު ތަމްސީލުކުރަން. އެމީހުން ބޭނުންވޭ ކުޅޭ މެޗުތަކުގެ އަދަދު އިތުރުކުރަން. ގޯލު ޖަހަން. މުޅި މަންޒަރު އަހަރެން ވެސް ގަބޫލުކުރަން. މިއީ ހުރިހާ ކްލަބަކަށް ވެސް ކުރިމަތިވާނެ ދެރައެއް” ސައުތުގޭޓް ބުންޏެވެ.
އޭނާ އިތުރަށް ބުނީ އިންގްލެންޑުން ކުޅުންތެރިންގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށާއި، މި އަހަރު ހަތް މެޗު ކުޅޭއިރު އެއްވެސް ކުޅުންތެރިއަކު ފަސް މެޗަށް ވުރެ ގިނަ މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނާފައި ނުވާނެ ކަމަށެވެ.
“މިއީ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މައްސަލައެއް ނޫން. މިއީ ހުރިހާ ދިމާލަކުން އަންނަ ބުރައަކުން ކުރިމަތިވާ މައްސަލައެއް. ޔޫރަޕްގެ މެޗުތައް. ކްލަބް މެޗުތައް އަދި ބައިނަލްއަގްވާމީ މެޗުތައް” ސައުތުގޭޓް ބުންޏެވެ.