ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާނުން ޑޯޓްމަންޑް ބަލިކޮށް އެއް ވަނަ އަށް އަރައިފި

ބަޔާނުން ޑޯޓްމަންޑް ބަލިކޮށް އެއް ވަނަ އަށް އަރައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 ނޮވެމްބަރު 2020

ޖަރުމަނު ބުންޑަސްލީގާ ގައި ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

ބަޔާން އެއް ވަނަ އަށް އެރީ ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާރުބީ ލައިޒިގަށް 16 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި ޑޯޓްމަންޑް އޮތީ 15 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓް ހަމަކޮށްފައިވާ ޔޫނިއަން ބާލިން އެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މި ލަނޑުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ ރިއުސް އެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލާބާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ބަޔާނުން މެޗުގައި ލީޑު ނެގި ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން މިނެޓުތެރޭ ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީ އެވެ. ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިރޯއި ސާނޭ އެވެ. އޭގެ ތިން މިނެޓު ފަހުން ޑޯޓްމަންޑަށް ފަރަގު ކުޑަކޮށްދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. މެޗުގެ ބާކީ ބައިގައި ޑޯޓްމަންޑުން ވަނީ ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ރިއުސް އާއި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗަށް ފަހު ޑޯޓްމަންޑުގެ ކޯޗު ލޫސިއެން ފެވާ ބުނީ އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުންނުހިފުނު ކަމަށާއި، މެޗުން ބަލިވުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށެވެ. އެކަމަކު މެޗުން ރަނގަޅު ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ކޯޗު ބުންޏެވެ.

“ޖުމްލަކޮށް ވަރަށް ފުރިހަމަ މެޗެއް. ޓީވީން މެޗު ބެލި ސަޕޯޓަރުން ވަރަށް ޝައުގުވެރިވާނެ މި މެޗަށް. އަހަރެމެންނަށް އެތައް ބައިވަރު ފުރުސަތެއް ލިބުނު ލަނޑުޖަހަން. ފުރަތަމަ ހާފުގައި ވެސް ނިންމާލަން ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު އަހަރެމެން ޖެހޭނީ ކަންކަމުގައި ވީ އެންމެ ރަނގަޅަކަށް ވިސްނަން. ކުޅުންތެރިން ކުރީ ބުރަ މަސައްކަތެއް. ތިން ގޯލު ވަދެ މެޗުން ބަލިވުމަކީ ގަބޫލުކުރަން ފަސޭހަކަމެއް ނޫން” ޑޯޓްމަންޑްގެ ކޯޗު މެޗަށް ފަހު ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!