އަނިޔާ އަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިތާ މާގިނަ ދުވަހެއް ނުވެ އުޅެނިކޮށް ރެއާލް މެޑްރިޑްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ހަޒާޑްގެ އިތުރުން ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.
މި ދެކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމުން މާދަމާރޭ ސްޕެނިޝް ލަލީގާގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ. އަނެއްކޮޅުން ކުރިއަށް އޮތް ދެ ހަފްތާ ގައުމީ ޓީމުތަކުގެ މެޗުތައް ވެސް މި ދެކުޅުންތެރިންނަށް ގެއްލޭނެ އެވެ. އަނިޔާ އިން ރަނގަޅުވުމުން ހަޒާޑް މިހާރު ވަނީ ބެލްޖިއަމްގެ ގައުމީ ޓީމުގައި ވެސް ހިމަނައިފަ އެވެ. އެކަމަކު ހަޒާޑް ޕޮޒިޓިވްވުމުން އޭނާ މިހާރު ވަނީ ޓީމުން ބާކީކޮށްފަ އެވެ.
އަނިޔާގެ ސަބަބުން މުހިއްމު މެޗުތަކެއް މި ސީޒަނުގައި ގެއްލިފައިވާއިރު ހަޒާޑް ސީޒަނުގައި ކުޅެފައިވަނީ އެންމެ ތިން މެޗެވެ. މިދިޔަ ހަފްތާ ލީގުގައި ރެއާލް މޮޅުވި މެޗުގައި ހަޒާޑް ލަނޑު ޖެހިއިރު ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން މޮޅުވި މެޗުގައި ހަޒާޑް ވަނީ ކުޅެފަ އެވެ. އެނބުރި ކުޅުމުގެ ތެރެއަށް އައިސް ހަޒާޑް ފޯމަކަށް އެޅުމަކީ ކޯޗު ޒިނެދިން ޒިދާން އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. އެކަމަކު މުހިއްމު މެޗެއް ކުރީގައި އޮއްވައި އަނެއްކާވެސް ހަޒާޑް ދުވަސްކޮޅަކަށް ޓީމާ ޖެހުނީ ދުރަށްދާށެވެ.
އިއްޔެ ހެދި ކޮވިޑް ޓެސްޓުތަކުން ޕޮޒިޓިވްވީ ހަޒާޑާއި ކަސެމީރޯ އެކަންޏެވެ. ރެއާލުން ބުނީ އޮންނަ އުސޫލުގެ ތެރެއިން އެކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަނުގައި ކަމަށެވެ. މި ދެކުޅުންތެރިން ޕޮޒިޓިވްވުމުގެ ކުރިން މިދިޔަ ހަފްތާ ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.
ދުނިޔޭގެ އެހެން ލީގުތަކަށް ބަލާއިރު ޗެލްސީގެ ޖަރުމަނު މިޑްފީލްޑަރު ކައި ހަވާޓްޒް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ އަށް ވެސް ކޮވިޑް ޖެހިފައިވާކަން މިއަދު ވަނީ ޔަގީންވެފަ އެވެ.