ފުރަތަމަ ސަފްޙާ / ޚަބަރު / އަނިޔާގެ ސަބަބުން ރެއާލްއާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ

އަނިޔާގެ ސަބަބުން ރެއާލްއާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 ނޮވެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުގައި އަނިޔާގެ ސަބަބުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ނުކުޅޭނެކަމަށް އިންޓަ މިލާނުން ބުނެފި އެވެ.

މުހިއްމު ފޯވާޑަށް މިރޭގެ މެޗު ގެއްލުނީ އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. 27 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގައި މިހާތަނަށް ހަތް ލަނޑު ޖަހައިފަ އެވެ. މިދިޔަ އަހަރު އިންޓަ މިލާނަށް ބަދަލުވެ މިހާތަނަށް ކުޅުނު 41 މެޗުގައި ލުކާކޫ ވަނީ 28 ލަނޑު ޖަހައިފަ އެވެ.

ރެއާލް އާއި އިންޓަ ހިމެނޭ ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ޝަކްތާ ޑޮނެސްކެވެ. ދެ ވަނައިގައި އޮތް ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަބަޗް އާއި ތިން ވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ފުލުގައި އޮތް ރެއާލަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ޝަކްތާ އިން އަމިއްލަ ދަނޑުގައި މިރޭ ނުކުންނާނީ މޮންޗެންގްލަބަޗްއާ ދެކޮޅަށެވެ.

އަނިޔާގެ ސަބަބުން މިދިޔަ ތިން މެޗު ގެއްލުނު އިންޓަގެ އަލެކްސިސް ސަންޗޭޒް މިހާރު ވަނީ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ. އެކަމަކު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ރެއާލާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ސަންޗޭޒް ކުޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

މިރޭގެ މުހިއްމު މެޗަށް ނުކުންނައިރު ރެއާލްގެ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޝަނަށް ގޮސްފަ އެވެ. މެޗުގެ ކުރިން ހެދި ޓެސްޓުތަކުން ރެއާލުން ކޮވިޑަށް ޕޮޒިޓިވްވީ މިލިޓާއޯ އެކަންޏެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ޑިފެންޑަރު ނަޗޯ އާއި ޑެނީ ކަރުވަހާލް އަދި މާޓިން އޮޑިގާޑް މިރޭގެ މެޗުގައި ނުކުޅޭނެ އެވެ.

ސްޕެނިޝް ލީގުގައި ރެއާލްގެ ރެކޯޑް ރަނގަޅުވި ނަމަވެސް ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބުމުން މިރޭ އިންޓަ ބަލިކުރުން އެޓީމަށް މަޖުބޫރެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުނީ މިރޭގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ކޮންމެވެސް އެއް ޓީމަކަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި އެހެންވެ މިއީ ފައިނަލެއް ކަމަށެވެ.

“އަހަރެމެންނަށް އެނގޭ އިންޓަ އަކީ އުނދަގޫ ޓީމެއްކަން. ވަރަށް ފިޒިކަލް ރަނގަޅު މޮޅު ޓީމެއް އެއީ. އެމީހުން ކުޅެނީ މޮޅު ފުޓްބޯޅައެއް. މިއީ އަހަރެމެންނަށް އަނެއްކާ އުނދަގޫ މެޗެއް. މިއީ ފައިނަލެއް” ރެއާލަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން ބުންޏެވެ.

އިންޓަގެ ކޯޗު ކޮންޓޭ ބުނީ އޭނާގެ ނަޒަރުގައި މިއީ ފައިނަލަކަށް ވުރެ ބޮޑަށް ގްރޫޕް ސްޓޭޖުގެ “އެލިމިނޭޝަން” މެޗެއް ކަމަށެވެ.

“ދެޓީމުން ވެސް މޮޅެއް ބޭނުންވާނެ. އަހަރެމެން މަސައްކަތްކުރާނީ ހުރިހާ ހިތްވަރެއް ލައިގެން މިރޭގެ މެޗުން މޮޅުވާން. މިއީ އަހަރެމެންނަށް ވަރަށް އުނދަގޫ މެޗަކަށްވާނެ” ކޮންޓޭ ބުންޏެވެ.

ރެއާލް އާއި އިންޓަ ވާދަކުރާ ޗެމްޕިއަންސް ލީގުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!