ޓީމެއްގައި ކުޅުންތެރިއެއްގެ މުހިއްމުކަން އެނގޭނީ ފުރަތަމަ ތިން މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުން ނޫން ކަމަށާއި، މެންޗެސްޓަރ ޔުނައިޓެޑްގެ ޑޮނީ ވެން ޑަ ބީކް (ޑޮނީ) އެ ކްލަބަށް މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެ މުހިއްމު ކުޅުންތެރިއަކަށް ވާނެކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުން ސޯލްޝެއާ ބުނެފި އެވެ.
އަޔަކްސް އަށް 175 މެޗު ކުޅެދިނުމަށް ފަހު ނެދަލެންޑްސްގެ ޑޮނީ 40 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. 23 އަހަރުގެ މިޑްފީލްޑަރު ޔުނައިޓެޑަށް ބަދަލުވުމުން އޭނާގެ ދައުރު ޔުނައިޓެޑް ޓީމުގައި ބޮޑުވާނެކަމަށް ބެލެވުނެވެ. އެކަމަކު މި ސިޒަނުގެ މިހާތަނަށް ޑޮނީ ކުޅުނު ހަތް މެޗުގެ ތެރެއިން އިނގިރޭސި ލީގު ކަޕްގެ މެޗުތައް ފިޔަވައި އެހެން މުބާރާތެއްގެ މެޗެއްގެ ފުރަތަމަ އެގާރައިން ޑޮނީ އަށް ފުރުސަތު ލިބިފައެއްނުވެ އެވެ. އަދި، އެންމެ ފަހުން ލީގުގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ބެންޗުގައި އިން ޑޮނީ އަށް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ. އާއްމުކޮށް ޑޮނީ ބެންޗުން އަރައި ކުޅެން ފުރުސަތު ލިބެނީ މެޗުގެ ފަހުކޮޅު އެވެ.
“ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ ކުޅުންތެރިއަކު އަހަރެން ގާތުގައި އެހެން ބުނާނަމަ ދެރަވެދާނެ. ޑޮނީ ވާނީ މި ޓީމަށް ވަރަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް. އެކަމާ ކަންތައް ބޮޑުނުވޭ” ޑޮނީ އަށް ފުރުސަތު ނުލިބޭތީ އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން ސޯލްޝެއާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ ޕީއެސްޖީ އަތުން މޮޅުވި ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ދެކޮޅަށެވެ. ސޯލްޝެއާ ބުނީ ކޮންމެ ދޭއް ނޫނީ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހޭއިރު ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންގެ ބޭނުން އޭނާ ކުރަންޖެހޭނެ ކަމަށެވެ. ޑޮނީ އަށް ފުރަތަމަ އެގާރައިން ފުރަތަމަ ނުލިބޭތީ ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ފާޑުކިޔައިފަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ޔުނައިޓެޑްގައި ގިނަ މިޑްފީލްޑަރުންތަކެއް ތިބި އިރު ޑޮނީ އެޓީމުން ގެނައި ސަބަބު ނުވިސްނޭ ކަމަށެވެ.
“އެވާހަކަ ދެކެވުނަސް އަހަރެން ބުނާނީ ޓީމުގައި މުހިއްމު ކުޅުންތެރިއަކަށް ވުމަށް ފުރަތަމަ ތިން މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުމަކީ މުހިއްމު ކަމެއް ނޫނޭ” ކުރީގެ ކުޅުންތެރިންނާއި މީޑިއާ އިން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެމުން ސޯލްޝެއާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކުޅުންތެރިންނަކީ ޖެސީ ލިންގާޑް އާއި އެރިކް ބާއީ އެވެ. މި ކުޅުންތެރިންގެ އިތުރުން ބައެއް ކުޅުންތެރިން ކުދިކުދި އަނިޔާގައި ތިބި ކަމަށް ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑް ހިމެނޭ ގްރޫޕް އެޗްގައި ޕީއެސްޖީ މިރޭ ރަށުން ބޭރުގައި ނުކުންނާނީ އިސްތަންބޫލް ބެސިކްޝެއާއާ ދެކޮޅަށެވެ. މިރޭ ކުޅޭ އެންމެ ވާދަވެރި މެޗަކީ ގްރޫޕް ޖީގައި ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ގްރޫޕް އީގައި ޗެލްސީ މިރޭ ރަށުން ބޭރުގައި ނުކުންނާނީ އެފްސީ ކްރަސްނޮޑާއާ ދެކޮޅަށެވެ.
ޗެލްސީ މެޗާއި ޕީއެސްޖީ މެޗު މިރޭ ރާއްޖެ ގަޑިން 22:55 ގައި ފަށާއިރު އެހެން ހުރިހާ މެޗެއް ފަށާނީ ދަންވަރު އެކެއް ޖަހާއިރު އެވެ.