ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލްގެ މާނޭ ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ލިވަޕޫލްގެ މާނޭ ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 2 އޮކްޓޫބަރު 2020

ލިވަޕުލްގެ ފޯވާޑް ސަޑިއޯ މާނޭ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މި ހަބަރު އައިސްފައި މިވަނީ ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ ކޯވިޑަށް ޕޮޒިޓިވްވިކަން އެ ކުލަބުން އިއުލާންކުރިތާ ތިން ދުވަސް ފަހުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ވަނީ މާނޭ ކޯވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުރިކަން ކަށަވަރުކޮށްދީފަ އެވެ. އެ ކުލަބުން ބުނެފައިވާ ގޮތުގައި ސެނަގާލްގެ ފޯވާޑް  މާނޭގެ ފަރާތުން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް މާނޭގެ ހާލު ރަގަޅު ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ލިވަޕޫލުން އާސެނަލްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި  އުމުރުން 28 އަހަރުގެ މާނޭ ކުޅުނު ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނގިރޭސި ލީގު ކަޕްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗަށް ލިވަޕޫލުން އެކުލަވާލި ސްކޮޑްގައި މާނޭ ހިމެނިފައެއް ނުވެއެވެ.

ލިވަޕޫލްގެ ރަސްމީ ވެބްސައިޓްގައި އެ ކުލަބުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ތިއާގޯ އެކޭ އެއްގޮތަށް މާނޭ ވެސް ކޯވިޑާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުން އެކުލަވާލައިފައިވާ އުސޫލުތަކާ އެއްގޮތުން އަމަލުކުރަމުންގެންދާނެ ކަމަށާއި، އެގޮތުން މާނޭ ވެސް ކަނޑައެޅިފައިވާ މުއްދަތަށް އައިސޮލޭޝަންގައި ހުންނާނެ ކަމަށެވެ.

މިހާތަނަށް މި ސީޒަނުގައި ލިވަޕޫލަށް ތިން ގޯލް ކާމިޔާބުކޮށްދީފައިވާ މާނޭ ކޯވިޑަށް ޕޮޒިޓިވްވުމުން ޕްރިމިއަރ ލީގުގައި މި ހަފްތާގައި ލިވަޕޫލުން އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗުގައި ނުފެންނާނެ އެވެ. މި މެޗަށްފަހު ދެން އޮންނާނީ އިންޓަނޭޝަނަލް ބްރޭކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!