ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލުން ބަދަލުހިފައި ލިވަޕޫލް ބޭރުކޮށްލައިފި

އާސެނަލުން ބަދަލުހިފައި ލިވަޕޫލް ބޭރުކޮށްލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 2 އޮކްޓޫބަރު 2020

އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗުން ލިވަޕޫލް ބަލިވެ މުބާރާތުން ކަޓައިފި އެވެ. މި ހަފްތާގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ވާދަކުރި މެޗުން 1-3 އިން ލިވަޕޫލް މޮޅުވެފައި އޮތް ނަމަވެސް ރޭގެ މެޗުގައި އާސެނަލުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލަށް ކުރި ލިބުނީ ލިވަޕޫލުން ޖެހި ދެ ޕެނަލްޓީއެއް  އާސެނަލްގެ ގޯލްކީޕަރު ޖަރުމަނުގެ ބާންޑް ލިނޯ ދިފާއުކުރުމުންނެވެ. ރޭގެ މެޗު އާސެނަލްއަށް ކާމިޔާބުކޮށްދިން ޕެނަލްޓީ ގޯލަށް ވައްދާލީ އުމުރުން 21 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޖޯ ވިލޮކް އެވެ. ލިވަޕޫލުން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން އާސެނަލްގެ ގޯލްކީޕަރު އުމުރުން 28 އަހަރުގެ ލިނޯ މަތަކުރީ ލިވަޕޫލްގެ ޑިވޮކް އޮރިގީ ޖެހި ޕެނަލްޓީ އާއި ހެރީ ވިލްސަން ޖެހި ޕެނަލްޓީ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައިވެސް މި ދެ ޓމު އެއްޓީމު އަނެއް ޓީމާ ވާދަކޮށްފައިވާއިރު އެފަހަރު ޕެނަލްޓީ ޖަހައިގެން ކުރި ހޯދީ ލިވަޕޫލުންނެވެ. އެކަމަކު އެފަހަރު ޕެނަލްޓީ އާ ހަމައަށްދިޔައީ 5-5 އިން މެޗު އެއްވަރުވުމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިހަފްތާގެ ހޯމަ ދުވަހުގެ ރޭ މި ދެޓީމު ބައްދަލުކުރި މެޗުގައި ނުކުޅޭ ގިނަ ކުޅުންތެރިންތަކަކަކަށް ފުރުސަތުދީގެން ދެ ޓީމުންވެސް ރޭ ކުޅުނު މެޗުގައި އެއްވެސް ޓީމަކަށް މާ ރަގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި، ލިވަޕޫލަށް އަލަށް ގެނައި ވޮލްވްސްގެ ކުރީގެ ފޯވާޑް ޑިއޮގޯ ޖޯޓާ އާއި ޑިފެންޑަރ ވާޖިލް ވެން ޑައިކް އާސެނަލްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އިރު އެ ދެ ހަމަލާވެސް އާސެނަލްގެ ގޯލްކީޕަރު ލިނޯ ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގައި އާސެނަލް ވާދަކުރާނީ މެންޗެސްޓަރ ސިޓީ އާއެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!