ފުރަތަމަ ސަފްޙާ / ޚަބަރު / އިނގިރޭސި ލީގު ކަޕުން ޗެލްސީ ކަޓައިފި

އިނގިރޭސި ލީގު ކަޕުން ޗެލްސީ ކަޓައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 30 ސެޕްޓެމްބަރު 2020

އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޗެލްސީ މުބާރާތުން ކަޓައިފި އެވެ. ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގުން ޗެލްސީ އަށް ބަދަލުވި ފޯވާޑް ޓީމޯ ވާނާ އެވެ. މިއީ މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ޗެލްސީ އަށް ބަދަލުވިފަހުން ވާނާ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް އަށްވުރެ ރަގަޅަށް ޗެލްސީން ކުޅެފައިވީ ނަމަވެސް ފަހު ހާފުގައި ޓޮޓެންހަމުން ވަނީ ކުޅުން ރަގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. މެޗުގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ފޯވާޑް އެރިކް ލަމޭލާ އެވެ. އޭގެ ކުރިން ޓޮޓެންހަމްގެ ސާޖިއޯ ރިގުލަން ޗެލްސީގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޗެލްސީގެ އާ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ދިފާއުކޮށް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރުކޮށްލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ ސީދާ ދިޔައީ ޕެނަލްޓީ ޝޫޓްައުޓަށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކޮންމެ ޓީމަކުންވެސް ފަސް ޕެނަލްޓީ ޖެހިއިރު އޭގެ ތެރެއިން ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ހަމަ އެކަނި ކުޅުންތެރިއަކީ ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރ މޭސަން މައުންޓެވެ. މައުންޓް ޖެހި ބޯޅަ ދިޔައި ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!