ސަރުކާރުގެ ކުޅިވަރު ވައުދާ އެއްގޮތަށް އަތޮޅުތަކުގައި އަޅަމުން އަންނަ ފުޓްސަލް ދަނޑުތަކުގެ ތެރެއިން ބ. ދަރަވަންދޫގައި ތަރައްގީކުރި ޓާފް ފުޓްސަލް ދަނޑު ރޭ ރަސްމީކޮށް ހުޅުވައިފި އެވެ. ދަނޑު ހުޅުވުމުގެ ގޮތުން އެރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފަ އެވެ.
ދަރަވަންދޫގައި އެޅި ފުޓްސަލް ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށްފަ އެވެ. ފެންވަރު ރަނގަޅުކޮށް ހަދާފައިވާ މި ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ރޭ އެރަށުގައި ވަނީ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި، މިނިސްޓަރު މަހުލޫފް ދަނޑު ހުޅުއްވައިދެއްވުމުން ދެ ޖިންސުގެ ޒުވާނުންނަށް ހާއްސަކޮށްގެން އެކުވެރިކަމުގެ ދެ ފުޓްސަލް މެޗު އެ ދަނޑުގައި ކުޅުނެވެ. ޓްރިޕަލް އެއިޓް ކުންފުނިން ތަރައްގީކުރި މި ދަނޑުގެ މަޝްރޫއަށް ސަރުކާރުން ވަނީ އެއް މިލިއަން ސާޅީސް ދެ ހާސް ރުފިޔާ ހަރަދުކޮށްފަ އެވެ.
Delighted to attend the opening ceremony of B. Dharavandhoo’s Futsal Pitch virtually. Thank the council & youth for their cooperation in completing the project. A colorful opening with the participation of both genders including children & youth. pic.twitter.com/YQmgsQdp2h
— Ahmed Mahloof (@AhmedMahloof) August 30, 2020
ރަސްމިޔާތުގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ އެކިއެކި ސަބަބުތަކާ ހުރެ ދަނޑު ނިންމާލުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަމަށާއި، އެކަމަކު އެއްކޮށް ނިންމާލައި ޒުވާނުންގެ އުއްމީދު ފުރިހަމަކޮށްދެވުމުން އުފާކުރައްވާ ކަމަށެވެ. މަހުލޫފް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމުން ދަރަވަންދޫގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެން އެރަށަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފަ އެވެ.
ދަރަވަންދޫ އަކީ މީގެ ކުރިން މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގައި ވާދަކޮށްފައިވާ ރަށެކެވެ. ފުޓްސަލް ދަނޑަށް ފަހު އެރަށު ޒުވާނުންގެ މިހާރު އުއްމީދަކީ ރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް އެޅިގެން ދިއުމެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުން އުޅޭ އެރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
ދަރަވަންދޫގެ ފުޓްސަލް ދަނޑާއެކު މި ސަރުކާރުން އެޅި ފުޓްސަލް ދަނޑުތަކުގެ އަދަދު 27 އަށް އެރީ އެވެ. މަހުލޫފް ވިދާޅުވީ މިހާރު 22 ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ ދަނޑުތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.