އާދަޔާހިލާފު މޮޅު ހުނަރާއެކު މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސްގައި އެންމެން ހައިރާންކޮށްލި ކިރިގިސްތާނުގެ ފުޓްސަލް ކުޅުންތެރިޔާ ބެޓީބެކް އޫލޫ އުލާން، ގއ. ކޮލަމާފުށީގައި އޮންނަ ވާދަވެރި ފުޓްސަލް މުބާރާތުގައި ކުޅުމަށް އެރަށަށް ހިނގައްޖެ އެވެ.
ކޮލަމާފުށީގައި މިރޭ ފަށާ ސެ ކުއެޑާ ރަމަޟާން ކަޕްގައި އުލާން ކުޅޭނީ މިފަހަރުގެ މުބާރާތަށް ވަރުގަދަކޮށް ތައްޔާރުވި އެފްސީ ކޮމިޓީ ޓީމަށެވެ.
އެރަށުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކްލަބް، އެފްސީ ކޮމިޓީން ވަނީ އުލާންގެ އިތުރުން މިދިޔަ އަހަރުގެ ސެކްޓަރ ލީގުގައި ހޯކްސް އަށް ކުޅުނު ކިރިގިސްތާނަށް ނިސްބަތްވާ ނެޝްބެކޯވް ޖަނަބެކް ވެސް ގެނެސްފަ އެވެ.
ކްލަބް މޯލްޑިވްސްގައި ސްޓެލްކޯ މިދިޔަ އަހަރު ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި، އުލާން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިދިޔަ އަހަރުގެ އެ މުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދުނިޔޭގެ ފުޓްސަލްގެ އެއް ވަނަ ހޯދި ރިކާޑީނިއޯ އެޗްޑީސީ ޓީމަށް ގެނައުމުންނެވެ. އެކަމަކު، އެޗްޑީސީއާ ސްޓެލްކޯއާ ވާދަކުރި ގްރޫޕް ސްޓޭޖުގެ މެޗާއި، ގަދަ 16 ގެ މެޗުގައި ރިކާޑީނިއޯއަށް ވުރެ މީހުންގެ ސަމާލުކަން ހުއްޓުނީ އުލާން އަށެވެ.
އުލާންގެ ކޮށްޓުމާއި ނެއްޓުމުގެ ހުނަރާ އެކު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާއަކީ މިހާތަނަށް ރާއްޖޭގައި ކުޅުނު އެންމެ މޮޅު އެއް ބިދޭސީ ފުޓްސަލް ކުޅުންތެރިޔާ އެވެ.
އުލާން ކޮލަމާފުށީ މުބާރާތުގައި ކުޅޭއިރު، ކްލަބް މޯލްޑިވްސްއާ އެކު އުލާން އަށް އައީ ގިނަ އޮފާތަކެއް ލިބެމުންނެވެ. އޭގެތެރެއިން ބައެއް ފުރުސަތުގައި އުލާން ރާއްޖޭގައި ކުޅެފައިވެ އެވެ.

އުލާންގެ އިތުރުން އެފްސީ ކޮމިޓީން ފެންނާނެ ޖަނަބެކަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ބޭއްވި ސެކްޓަރ ލީގުގެ ފައިނަލަށް ހޯކްސް ކުރި ދަތުރުގައި ޖަނަބެކް މޮޅު ކުޅުމެއް ދެއްކި އެވެ. މުބާރާތުގައި ޖަނަބެކް ވަނީ ރަނަރަޕް ހޯދި ހޯކްސް ޓީމަށް 6 ގޯލު ކާމިޔާބުކޮށްދީ އެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
މިރޭ ކޮލަމާފުށީގައި ފަށާ ފުޓްސަލް މުބާރާތަކީ އެހެން އަހަރުތަކަށް ވުރެ ވާދަވެރި މަޝްހޫރު ކުޅުންތެރިން ހިމެނޭ މުބާރާތެކެވެ. ބިދޭސީ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ފުޓްސަލް ތަރިން ވެސް އެރަށުގައި މިފަހަރު ކުޅޭނެ އެވެ.
މުބާރާތުގައި އެފްސީ ކޮމިޓީގެ އިތުރުން ބައިވެރިވެފައިވަނީ، ސެ ކުއެޑާ އެފްސީ، ބްރަދާސް ސްޕޯޓްސް ކްލަބް، އާރުޑީސީ ފުޓްބޯލް ކްލަބް، އެފްސީ ވާގަލި އަދި ލުތުފަރު ސްޕޯޓްސް ކްލަބެވެ.
މިރޭ 9 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ސެ ކުއެޑާ އާއި ބްރަދާސް އެވެ. އޭގެފަހުން 10 ޖަހާއިރު ކުޅޭ މެޗުގައި އާރުޑީސީ އާއި ވާގަލި ބައްދަލުކުރާނެ އެވެ. މިރޭގެ ފަހު މެޗުގައި އެފްސީ ކޮމިޓީއާ ދެކޮޅަށް ނުކުންނާނީ ލުތުފަރު ސްޕޯޓްސް ކްލަބެވެ.
މުބާރާތުގައި ވާދަކުރާ 6 ޓީމުގެ މެޗުތައް ކުޅޭނީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ މެޗުތައް ނިމޭނީ މާރިޗު 18 ވަނަ ދުވަހު އެވެ.