ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޭ ޔޫކްރެއިންގެ ޝަހްތަރު ޑޮނޭޝް އާއި އިޓަލީގެ އިންޓަރ މިލާން ވާދަކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް އިންޓަރ މިލާން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ޖަރުމަނުގެ ޑުސެލްޑޯފް ގައި ކުޅުނު މި މެޗު އިންޓަރ މިލާނުން ކާމިޔާބުކޮށްފައިވަނީ 0-5 އިންނެވެ. މިއީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި އެއް މެޗެއްގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ރޭގެ މެޗުގައި އިންޓަރ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައިފައިވަނީ ފަހު ހާފުގަ އެވެ. އެ ޓީމުން މެޗުގައި ޖެހި ފުރަތަމަ ލަނޑު 19 ވަނަ މިނެޓްގައި ނިކޮލޯ ބަރޭލާ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދީފައިވަނީ އިންޓަރ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި އިންޓަރ އަށް ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗް ނަގައިދިން ކޯނަރަކުން އިޓަލީގެ ތަޖްރިބާކާރު ޑިފެންޑަރު ޑެނީލޯ ޑި އަމްބްރޯސިއޯ އެވެ. އޭގެ ދިހަ މިނެޓް ފަހުން އިބްޓަރ އަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އުމުރުން 22 އަހަރުގެ މާޓިނޭޒް އަނެއްކާވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކުރި އެވެ.
އިންޓަރ އިން ރޭގެ މެޗުގައި ޖެހި ފަހު ދެ ލަނޑަކީ މި ސީޒަނުގައި އިންޓަރ އަށް ގިނަ ގޯލްތަކެއް ކާމިޔާބުކޮށްދެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމޭލޫ ލުކާކޫ މެޗުގެ 78 އަދި 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން ދެ ލަނޑެވެ. މި އާއެކު މި ސީޒަނުގައި ލުކާކޫ ކާމިޔާބުކުރި ގޯލްގެ އަދަދު 33 އަށް އެރީ އެވެ. ރޭގެ މެޗުގައި ލުކާކޫ ގޯލްޖެހުމާއެކު ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން އޭނާ ލަނޑު ޖެހި މެޗުގެ އަދަދު ދިހަ އަކަށް އެރީ އެވެ. މީގެ އިތުރުން ފައިނަލް މެޗުގައި ލުކާކޫ ގޯލް ޖަހައިފި ނަމަ ކުޅުންތެރިޔާ އަލަށް ކުޅޭ ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާއަށް އޭނާ ވާނެ އެވެ. މި ރެކޯޑް މިހާރު އޮތީ ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯގެ އަތުގަ އެވެ.
ރޭގެ މެޗުގައި އިންޓަރ އިން ފުރަތަމަ ލަނޑު ޖަހައިފައިވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ޝަހްތަރަށް ވަރަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޝަހްތަރުގެ ޖޫނިއާ މޮރޭސް އަށް އިންޓަރ ގެ ގޯލާ ވަރަށް ކައިރިން ލިބުނު ބޯޅަ އޭނާ އަށް ފޮނުވާލެވުނީ ސީދާ އިންޓަރ ގެ ގޯލްކީޕަރާ ދިމާލަށެވެ.
ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ލިބުމާއެކު އިންޓަރ އަށް މިވަނީ 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ތަށްޓެއް އުފުލާލުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ. މި ސީޒަނުގައި އިންޓަރ އަށް އިޓާލިއަން ލީގު ގެއްލުނީ އެންމެ ޕޮއިންޓެއްގެ ތަފާތުން ޔުވެންޓަސް ކުރި ހޯދުމުންނެވެ. އެންމެ ފަހުން އިންޓަރ އިން ކާމިޔާބުކޮށްފައިވާ ދެ މުބާރާތަކީ 2010 ވަނަ އަހަރުގެ ސީޒަނުގެ ކޮޕާ އިޓާލިއާ އާއި ކުލަބް ވޯލްޑް ކަޕެވެ.
ޔޫރެޕާ ލީގުގެ ފައިނަލުގެ ޖާގަ އެއް ރޭ އިންޓަރ އިން ކަށަވަރުކުރި އިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ޓީމުގައި މަޝްހޫރު އެހެން ކްލަބްތަކުން ބޭނުން ނެތިގެން ދޫކޮށްލި ކުޅުންތެރިން ގިނަ ކަމެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ފަސް ކުޅުންތެރިންނަކީ މެންޗެސްޓަރ ޔުނައިޓެޑުން މި ސީޒަނުގައި އިންޓަރ އަށް ބަދަލުވި ލުކާކޫ، އޭޝްލީ ޔަންގް އަދި އެލެކްސިސް ސަންޗޭޒްގެ އިތުރުން ޓޮޓެންހަމްގެ ކުރީގެ މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން އަދި ޗެލްސީގެ ކުރީގެ ވިންގް ބެކް ވިކްޓަރ މޯސެސް އެވެ. އިންޓަރ ގެ ކޯޗަކަށް ހުރީ 2018 ވަނަ އަހަރު ޗެލްސީން ބޭރުކޮށްލި އެންޓޯނިއޯ ކޮންޓޭ އެވެ.
މިއީ އިންޓަރ މިލާނުން ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ދިހަ ވަނަ ފަހަރެވެ. ފައިނަލްގައި އިންޓަރ ވާދަކުރާނީ ޔޫރޮޕާ ލީގުގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ސެވިއްޔާ އާ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.