ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑާއި، އިންޓަރ މިލާން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މެންޗެސްޓަރ ޔުނައިޓެޑުން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައި މިވަނީ ރޭ ޖަރުމަނުގައި ޑެންމާކްގެ އެފްސީ ކޯޕަންހޭގަން އާ ވާދަކޮށް ކުޅުނު މެޗުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 0-1 އިން މޮޅުވެގެންނެވެ. އިންޓަރ މިލާން ސެމީފައިނަލަށް ދަތުރުކުރީ ޖަރުމަނުގެ ބެޔާ ލެވަކޫސަން އާ ދެކޮޅަށް ކުޅުނު މެޗް 1-2 އިން ކާމިޔާބުކޮށްގެންނެވެ.
ރޭ ޔުނައިޓެޑާއި ކޯޕަންހޭގަން ވާދަކުރި މެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް އެ ހާފުގައި އެ ޓީމުން ކޯޕަންހޭގަންގެ ގޯލަށް ބޯޅައެއް ވައްދާލައިފައިވެ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ކޯޕަންހޭގަންގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމައިފައިވަނީ އެއީ އެފްސައިޑެއް ކަމަށެވެ.
މެޗްގެ ފުރަތަމަ ހާފާއި ހިލާފަށް ފަހު ހާފުގައި ޔުނައިޓެޑްގެ ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އެ ޓީމުން ވަނީ ކޯޕަންހޭގަންގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. ގްރީންވުޑާއި، ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ބްތޫނޯ ފެނާންޑެސް ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތްއިރު މި ހާފްގައި ފޮނުވާލި ގިނަ ހަމަލާތަކެއް ކޯޕަންހޭގަންގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. މުޅި މެޗްގައި ޔުނައިޓެޑުން ގޯލާ އަމާޒުކޮށް ފޮނުވާލި 13 ހަމަލާއެއް ކޯޕަންހޭގަންގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފްގައި ޔުނައިޓެޑުން އުފެއްދި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑް ގޯލަށް އެތެރެކޮށްލި ނަމަވެސް ރެފްރީ ވަނީ އެ ބޯޅަ ރެޝްފޯޑް ފޮނުވާލައިފައިވަނީ އޮފްސައިޑް މަގާމެއްގައި ހުރެގެން ކަމަށް ނިންމައިފަ އެވެ.
ޔުނައިޓެޑުން ރޭގެ މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިފައިވަނީ ފެންނަންޑެސް އެވެ.
ރޭ އިންޓަރ މިލާނާއި ބެޔާ ލެވަކޫސަން ވާދަކުރި މެޗް ގައި ޖެހި ހުރިހާ ލަނޑެއްވެސް ފެނިފައިވަނީ ފުރަތަމަ ހާފުގައެވެ. އޭގެ ތެރެއިން ފުރަތަމަ ދެ ލަނޑު އިންޓަރ މިލާނުން ކާމިޔާބުކޮށްފައިވާއިރު ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޮލޯ ބަރޭއްލާ އެވެ. ދެވަނަ ލަނޑު މެޗްގެ 21 ވަނަ މިނެޓުގައި އޭޝްލީ ޔަންގު ދިން ޕާހަކުން ކާމިޔާބުކޮށްފައިވަނީ ރޮމޭލޫ ލުކާކޫ އެވެ. މި ދެކުޅުންތެރިންނަކީ ވެސް ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް އެކުގައި ކުޅެފައިވާ ދެކުޅުންތެރިންނެވެ. ރޭ ލުކާކޫ ޖެހި ގޯލަކީ މި ސީޒަނުގައި އޭނަ ޖެހި 31 ވަނަ ގޯލެވެ. އަދި މިއީ ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން އޭނާ ގޯލު ޖެހި ނުވަ ވަނަ މެޗެވެ. މިއީ އަދި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ހެދިފައި ނުވާ ރެކޯޑެކެވެ.
އިންޓަރ މިލާނުން މެޗުގެ ކުރީކޮޅު ދެ ލަނޑު ޖަހައި ރަގަޅު ލީޑެއް ހޯދައިފައި ވަނިކޮށް ބެޔާ ލެވަކޫސަން އަށް މެޗްގެ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައި ކައި ހަވާޓްސް އެވެ. މެޗުގެ މިހާ ކުރީކޮޅު ނަތީޖާގެ ފަރަގު ލެވަކޫސަން އަށް ކުޑަކުރެވުނު ނަމަވެސް އިތުރު ވަގުތަށް މެޗުގެ ކުޅުން ދަންމާލުމަށްޓަކައި ބޭނުންވި ގޯލް ކާމިޔާބުކުރެވޭ ވަރުގެ މަސައްކަތެއް އެ ޓީމަށް ކުރެވިފައެއް ނުވެ އެވެ.
ސެމީ ފައިނަލުގައި ޔުނައިޓެޑު ކުޅެންޖެހޭނީ މިރޭ ވޮލްވްސް އާއި ސެވިއްޔާ ވާދަކޮށްގެން މޮޅުވާ ޓީމަކާ އެވެ. އިންޓަރ މިލާން ވާދަކުރާނީ މިރޭ ބަސެލް އާއި ޝަކްތަރު ވާދަކުރާ މެޗުން ކުރި ހޯދާ ޓީމަކާ އެވެ. މެންޗެސްޓަރ ޔުނައިޓެޑް ސެމީގައި ވާދަކުރާ މެޗު އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު އިންޓަރ މިލާންގެ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރެއެވެ.