ފުރަތަމަ ސަފްޙާ / ޚަބަރު / ސްކޮޑަށް ބަދަލެއް ނާދޭ، ޕްރެކްޓިސް ފަށާނީ ހުރިހާ ކުޅުންތެރިންނާ އެކު: ސުޒޭން

ސްކޮޑަށް ބަދަލެއް ނާދޭ، ޕްރެކްޓިސް ފަށާނީ ހުރިހާ ކުޅުންތެރިންނާ އެކު: ސުޒޭން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ޖޫން 2020

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ކުޅުންތެރިން ބާކީކޮށްފައި ނުވާނެ ކަމަށާއި، ދެން ވެސް ޕްރެކްޓިސް ފަށާނީ ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންނާއި އެކު ކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ. ސުޒޭން މިހެން ފުޓްބޯޅަ ސަޕޯޓަރަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާ އަށް މިއަދު ކުރިމަތިކުރުވި ސުވާލެއްގަ އެވެ.

މީގެ ދެދުވަސް ކުރިން ވަނީ ކުރިން ގައުމީ ޓީމަށް ނެގި ބައެއް ކުޅުންތެރިން ގައުމީ ޓީމުގެ ވައިބަރ ގްރޫޕުން ބޭރުކޮށް 25 ކުޅުންތެރިންނަށް މަދުކޮށްފަ އެވެ. އަދި، އެ 25 ކުޅުންތެރިންގެ ނަމުގައި ހަދާފައިވާ ވަކި ލިސްޓެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ލިސްޓުގައި ނުހިމެނުނު ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ބައެއް ކުޅުންތެރިން ހިމެނެ އެވެ.

މި ނޫހަށް ލިބިފައިވާ ލިސްޓުން އުނިކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް 21 މެޗުން 16 ގޯލު ޖަހައިދިން އިޝާން އިބްރާހީމް (ސައްޓު)، ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނާއިޒް ހަސަން (ދާދު)، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ޒުވާން ކުޅުންތެރިޔާ އަދި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު، ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް، މާޒިޔާ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)، ދާދިފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރި ކްލަބް އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އާދަމް އިމްއާން، އަދި ޔުނައިޓެޑް ވިކްޓްރީ އާއި ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ގޯލު ބެލެހެއްޓި ހަސަން ތޮލާލް (ތޮޕްލަކް) އެވެ. ފުރަތަމަ އެކުލަވާލި ސްކޮޑުގައި ނުހިމެނުނު ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) މިހާރު ވަނީ ޓީމުގައި ހިމަނައިފަ އެވެ. އަނިޔާގެ ސަބަބުން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް މިފަހަރުގެ ސްކޮޑުގައި ހިމަނާފައެއްނުވެ އެވެ. ކުރިން ނެގި ޕްރޮވިޝަނަލް ސްކޮޑުގައި ނުހިމެނުނު ނަމަވެސް އަނިޔާއިން ރަނގަޅުވެ އޭއެފްސީ ކަޕްގެ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ވެސް 25 ކުޅުންތެރިންގެ ލިސްޓުގައި ނެތެވެ.

https://www.facebook.com/ayya.esa/posts/828119614262196

ސުޒޭން ޖަވާބުދާރީވީ ސްކޮޑުން ބާކީވި ސައްޓު އާއި ގުޅޭގޮތުން ސަޕޯޓަރަކު ކުރި ސުވާލަކާއި ގުޅިގެންނެވެ.

“ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިއެއް ބާކީއެއް ނުކުރޭ، އަދި އަލަށް ސްކޮޑެއް ވެސް އެކުލަވާނުލާ، ފެބްރުއަރީގަ ޕްރެކްޓިސް މެދުކަނޑާލިފަހުން ގައުމީ ޓީމަށް އެއްވެސް ބަދަލެއް ނުގެނޭ. މީގަ ކޮންމެވެސް ވަރެއްގެ އޮޅުމެއް އުޅެނީ ކަމަށް ލަފާކުރެވެނީ. ސައްޓު ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނީ ކޮންއިރަކުތޯ ވެސް ވިސްނާލުން ރަނގަޅު” ސައްޓު ޓީމުން އުނިކުރުމުން ސަޕޯޓަރަކު ފާޅުކުރި ހިޔާލަށް ސުޒޭން ދިން ރައްދުގައި ބުނެފައިވެ އެވެ.

ސައްޓު އާއި އީސަ ގައުމީ ޓީމުގެ ސްކޮޑްގައި ހިމަނައިފި

މިހާރު ދައުރުވަމުންދާ 25 ކުޅުންތެރިންގެ ލިސްޓުގައި ސައްޓު އާއި ދާދު އަދި އިއްބެ ވަހީދު ނެތުމުން ގިނަ ބަޔަކު އަންނަނީ އެފްއޭއެމްއާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ޓީމަށް ފާޑުކިޔަމުންނެވެ. ބައެއް ސަޕޯޓަރުންގެ ނަޒަރުގައި 25 ކުޅުންތެރިންނަށް ކުޑަކުރާ ލިސްޓުގައި އެ ތިން ކުޅުންތެރިން ނެތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު، ގައުމީ ޓީމު އެކުލަވާލާނީ ކޯޗިން ޓީމުން ކަމަށް ވެފައި ކުޅުންތެރިން ނެގުމުގައި ކޯޗު ބޭނުންވާ ސްޓައިލްގެ ކުޅުންތެރިން ނަގާނެ ކަމަށް ބައެއް ސަޕޯޓަރުން ދެކެއެވެ.

އެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ސުޒޭން އިތުރަށް ބުނެފައިވަނީ ބައެއް ކުޅުންތެރިން ވައިބަރ ގްރޫޕުން ބޭރުކުރި ސަބަބު ބަލައިދޭނެ ކަމަށެވެ.

“ތީ ހަމަ ބޮޑު ދޮގެއް، ބަދަލެއް ގައުމީ ސްކޮޑަކަށް ނާދޭ، ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންނާއެކު ދެންވެސް ޕްރެކްޓިސް ފަށާނީ” ކުޅުންތެރިން އުނިކޮށްފައިވާތީ ސޯޝަލް މީޑިއާގައި ކުރެވޭ ބަހުސަށް ރައްދުދެމުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ބުންޏެވެ.

ސުޒޭންގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވެސް ވަނީ މި ނޫހާ ވާހަކަދައްކަވަމުން ގައުމީ ޓީމްގެ ސްކޮޑް އަދި ފައިނަލް ނުކުރާ ކަމަށާއި، އިތުރު ކުޅުންތެރިން އަދި ސްކޮޑްގައި ކޯޗް ހިމަނާނެ ކަމަށް ވިދާޅުވެފަ އެވެ.

ގައުމީ ސްކޮޑު އެންމެ ފުރަތަމަ އެކުލަވާލީ ފެބްރުއަރީ މަހު އެވެ. އެއީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ގަލޮޅު ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ނެގި ސްކޮޑެކެވެ. އެކަމަކު ކޮރޯނާވައިރަހުގެ ސަބަބުން އެ މެޗުތައް އޭރު ވަނީ ކެންސަލްކޮށްފަ އެވެ. ފުރަތަމަ ނެގި ސްކޮޑުން ފުރުސަތު ނުލިބުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ސައްޓު އާއި ޓީސީގެ އިސްމާއީލް އީސާ (މެސީ) އަދި، ކްލަބް ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރު ހިމެނެއެވެ. އެކަމަކު ސުޒޭން އެސިސްޓެންޓް ކޯޗުކަމާއި ހަވާލުމަށް ފަހު ޖެހިގެން އައި ދުވަހު މި ތިން ކުޅުންތެރިން ވަނީ ސްކޮޑަށް އިތުރުކޮށްފަ އެވެ. ގައުމީ ޓީމުގެ މުހިއްމު މަގާމާއި ހަވާލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ދެން އެކުލަވާލާ ސްކޮޑް ވެގެންދާނީ ފުޓްބޯޅަ ސަޕޯޓަރުންގެ އިތުބާރު ލިބޭ ސްކޮޑަކަށް ކަމަށެވެ.

ރާއްޖެ ހިމެނޭ ގޮތަށް ކޮލިފައިންގެ ހުރިހާ މެޗެއްގެ ޝެޑިއުލް އޭއެފްސީން މިހާރު ވަނީ ނެރެފަ އެވެ. އޭޝިއާ ސަރަހައްދުގެ ގްރޫޕް އޭގައި ރާއްޖެ ހިމެނޭއިރު ބާކީ އޮތީ ތިން މެޗެވެ. ޗައިނާއާ ދެކޮޅަށް އޮކްޓޫބަރު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭއިރު އެ މަހުގެ 13 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ކުޅޭނީ ފިލިޕީންސާ އެވެ.

ޗައިނާއާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގެ ޓީމުގެ ކޯޗުގެ ގޮތުގައި ހުންނާނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ތިބޭނީ ސުޒޭންގެ އިތުރުން ނެދަލެންޑްސްގެ ރެނޭ ހިންޑިންކެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރެވޭނެ ގޮތްތަކެއް އެފްއޭއެމުން މިހާރު އަންނަނީ ރާވަމުންނެވެ. މިގޮތުން އަންނަ މަސްތެރޭ ގްރޫޕްތަކަށް ބަހާލައިގެން ކުޅުންތެރިން ޕްރެކްޓިހަށް ނެރުމަށް ފަހު އަތޮޅުތެރޭގެ ރަށެއްގައި ކޭމްޕް ކުރުމުގެ ވިސްނުން ވެސް އެފްއޭއެމުން ގެންގުޅެ އެވެ. އަދި، އޮކްޓޫބަރު މަހު މެޗުތައް ފެށުމުގެ ކުރިން ގައުމީ ޓީމު ރާއްޖޭން ބޭރުގައި ކޭމްޕް ކުރާގޮތަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. މިފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!