ފުރަތަމަ ސަފްޙާ / ޚަބަރު / ސައްޓު ބާކީކޮށް ގައުމީ ސްކޮޑް ކުޑަކޮށްފި

ސައްޓު ބާކީކޮށް ގައުމީ ސްކޮޑް ކުޑަކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 9 ޖޫން 2020

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް 16 ގޯލު ޖަހައިދިން އިޝާން އިބްރާހީމް (ސައްޓު) ބާކީކޮށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ސްކޮޑް 25 ކުޅުންތެރިންނަށް ކުޑަކޮށްފި އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ތައްޔާރުވުމަށް ސައްޓު ހިމެނޭގޮތަށް 30 އަށް ވުރެ ގިނަ ކުޅުންތެރިންނާއެކު ޕްރޮވިޝަނަލް ސްކޮޑެއް އެކުލަވާލީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ. އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑުން ސައްޓު އަށް ފުރުސަތު ނުލިބުނު ނަމަވެސް ފަހުން ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. ސައްޓުއާ އެކު އޭރު ގައުމީ ސްކޮޑަށް އިތުރުކުރި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) ހިމެނެ އެވެ. ސްކޮޑަށް އިތުރުކުރުމުން، ޓީމާއެކު ސައްޓު ވަނީ ބައެއް ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފަ އެވެ.

އެނގިފައިވާ ގޮތުގައި ސައްޓުގެ އިތުރުން ވެސް އިތުރު ބައެއް ކުޅުންތެރިންވަނީ ސްކޮޑުން ބާކީކޮށްފަ އެވެ. އެކަމަކު އެ ކުޅުންތެރިންގެ ނަންތައް ރަސްމީކޮށް މީޑިއާއާ އަދި ހިއްސާކޮށްފައެއްނުވެ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ދެން ބާކީ ކުރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ޒުވާން ކުޅުންތެރިޔާ އަދި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު، ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް، މާޒިޔާ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)، ދާދިފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރި ކްލަބް އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އާދަމް އިމްއާން، އަދި ޔުނައިޓެޑް ވިކްޓްރީގެ ގޯލު ބެލެހެއްޓި ހަސަން ތޮލާލް (ތޮޕްލަކް) އެވެ. ފުރަތަމަ އެކުލަވާލި ސްކޮޑުގައި ނުހިމެނުނު ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) މިހާރު ވަނީ ޓީމުގައި ހިމަނައިފަ އެވެ. ތޮއްޕޭ އެންމެ ބޮޑަށް ފާހަގަކުރެވުނީ މިދިޔަ ސީޒަނުގެ ބޮޑުބައެއްގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ.

ސައްޓު ސްކޮޑުން ބާކީކުރިއިރު އޭނާ އަކީ ދިވެހި ކުޅުންތެރިންގެ ތެރެއިން މި ސީޒަނުގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ސައްޓުގެ އިތުރުން ޓީސީގެ އީސަ ވެސް ވަނީ 16 ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ އެއް ވަނަ އަހުމަދު ރިޒުވާން (ރިޒޭ) ހޯދިއިރު ދެ ވަނަ ލިބުނީ އަލީ އަޝްފާގް (ދަގަނޑޭ) އަށެވެ.

ބައެއް ކުޅުންތެރިން ސްކޮޑުން ބާކީކުރި ނަމަވެސް ރަސްމީކޮށް އެކުޅުންތެރިންނަށް އެފްއޭއެމުން އަދި އެކަން އަންގާފައެއްނުވެ އެވެ. ފެބްރުއަރީ މަހު ގައުމީ ސްކޮޑް އެކުލަވާލީ ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ އާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ. އެ މެޗުތަކަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޕްރެކްޓިސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

ރާއްޖެ ހިމެނޭ ގޮތަށް ކޮލިފައިންގެ ހުރިހާ މެޗެއްގެ ޝެޑިއުލް އޭއެފްސީން މިހާރު ވަނީ ނެރެފަ އެވެ. އޭޝިއާ ސަރަހައްދުގެ ގްރޫޕް އޭގައި ރާއްޖެ ހިމެނޭއިރު ބާކީ އޮތީ ތިން މެޗެވެ. ޗައިނާއާ ދެކޮޅަށް އޮކްޓޫބަރު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭއިރު އެ މަހުގެ 13 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ކުޅޭނީ ފިލިޕީންސާ އެވެ.

ޗައިނާއާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގެ ޓީމުގެ ކޯޗުގެ ގޮތުގައި ހުންނާނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ތިބޭނީ ނެދަލެންޑްސްގެ ރެނޭ ހިންޑިންކާއި ރާއްޖޭގެ ކާމިޔާބު ކޯޗު އަލީ ސުޒޭން އެވެ.

ކޮލިފައިން މެޗުތަކުގެ ކުރިން އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ މަސްތެރޭ ކުޅުންތެރިން ފަރިތަކުރުންތަކަށް ނެރުމަށެވެ. މިހާރު ޕްލޭންކޮށްފައިވާ ގޮތުން ޖުލައި މަހު ޕްރެކްޓިސް ކުރާނީ ގްރޫޕްތަކަށް ކުޅުންތެރިން ބަހާލައިގެންނެވެ. އަދި، މާލޭގައި ފަރިތަކުރުމުގައި ގޮންޖެހުންތަކެއް ހުރެއްޖެ ނަމަ އަތޮޅުތެރޭ ރަށެއްގައި ގައުމީ ޓީމު ކޭމްޕް ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!