ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑް ކުޅުންތެރިން ވަރުގަދަ ރޫހެއްގައި ތިބުމުން ސޯލްޝެއާގެ ހިތް ފުރިއްޖެ

ޔުނައިޓެޑް ކުޅުންތެރިން ވަރުގަދަ ރޫހެއްގައި ތިބުމުން ސޯލްޝެއާގެ ހިތް ފުރިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 ޖޫން 2020

އޭނާ ކޯޗުކޮށްދޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށާއި، ދެ ހަފްތާ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާއިރު އެޓީމުން ނަތީޖާ ނެރޭނެކަމަށް އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ލީގު މެދުކަނޑާލާފައިވާތާ ތިން މަހަށް ފަހު ލީގުގެ ކުޅުން އަލުން ފަށާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ބްރޭކަށް ފަހު ކުޅޭ ފުރަތަމަ މެޗުގައި ޔުނައިޓެޑުން ޖޫން 19 ވަނަ ދުވަހު ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. މިއީ މާޗް 12 ވަނަ ދުވަހު ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި އޮސްޓްރިއާގެ ލާސްކް އަތުން 5-0 އިން މޮޅުވި މެޗަށް ފަހު ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗެވެ.

ފުޓްބޯޅަ މެދުކަނޑާލުމުގެ ކުރިން ކުޅުނު 11 މެޗުން ވެސް ޔުނައިޓެޑް ބަލިވެފައެއްނުވެ އެވެ. ސޯލްޝެއާ ބުނީ ބްރޭކަށް ފަހު ވެސް ފޯމު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުން ކަމަށެވެ.

“ފުރަތަމަ މެޗު މިއޮތީ މީގެ ދެ ހަފްތާ ފަހުން. އެހެންވީމަ އަހަރެމެން ޖެހޭ އެބަ ޓްރެއިނިންތައް ރަނގަޅަށް ގެންގޮސް އެ މެޗު ކޮންޓްރޯލް ކުރަން. އެންމެންނަށް ވެސް އެނގޭ ޓޮޓެންހަމް ބަލިކުރެވޭނީ އެންމެ މޮޅު ކުޅުން ދައްކައިގެންކަން” ސޯލްޝެއާ ބުންޏެވެ.

ޓޮޓެންހަމް މެޗަށް ފަހު ޖޫން 24 ވަނަ ދުވަހު ޔުނައިޓެޑް ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. ޝެފީލްޑް ޔުނައިޓެޑް އަންނަނީ ޔުނައިޓެޑްގެ ފަހަތުން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް މަސައްކަތް ކުރަމުންނެވެ. ޝެފީލްޑާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ޖޫން 30 ވަނަ ދުވަހު ޔުނައިޓެޑުން ބްރައިޓަންއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ކުރިން ޖޫން 27 ވަނަ ދުވަހު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ކުޅޭނީ ނޯވިޗް ސިޓީއާ އެވެ.

“ކޮންމެ އިންޓަވިއެއްގައި ވެސް އަހަރެން ބުނަނީ ކުޅުންތެރިންގެ މޫޑާ ރޫހު ރަނގަޅޭ، އެކަމަކު މިފަހަރު މާބޮޑަށް ވެސް ރަނގަޅޭ ބުނެވޭނީ. މިދިޔަ މަސްތަކުގައި ކުޅުންތެރިން ވަނީ އަމިއްލަ އަށް ފިޓްނެސް ދަމަހައްޓާފައި، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ފަރިތަކުރުންތައް އަލުން ފަށާފައިވާ ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

ޕޮގްބާ ފަރިތަކުރުންތަކުގައި. މިހާރު ވަނީ އަނިޔާއިން ރަނގަޅުވެފައި

އަލުން ކުޅުމުގެ ތެރެއަށް ނުކުންނައިރު ސޯލްޝެއާ އަށް އޮތް ހިތްހަމަޖެހުމަކީ އަނިޔާގައި ތިބި އެޓީމުގެ މާކަސް ރަޝްފާޑާއި ޕައުލް ޕޮގްބާ ފިޓުވެފައިވުމެވެ. ލީގު މެދުކަނޑާލިއިރު އެޓީމުގެ ރަނގަޅު ފޯމެއްގައި އޮތުމުގެ އަސްލަކަށްވީ ޖެނުއަރީ މަހު އެޓީމާ ގުޅުނު ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް ދެއްކި މޮޅު ކުޅުމެވެ. ޕޮގްބާ ފިޓުވުމުން ސޯލްޝެއާގެ ޓީމު އެކުލަވާލާނެ ގޮތާމެދު ސަޕޯޓަރުންނާއި ފުޓްބޯޅަ ތަޖުރިބާކާރުން ވެސް އަންނަނީ ބަހުސް ކުރަމުންނެވެ. މި ސުވާލަށް ޖަވާބުދެމުން ސޯލްޝެއާ ބުނީ ޓްރެއިނިންގައި އެޓީމުން އާ ހިޔާލުތައް ނެރެމުން އަންނަކަމަށެވެ.

“ޓްރެއިނިންގައި ބޮޑަށް މި ބަލަނީ ކުރީގެ ފޯމަށް. އެކެއް ނޫނީ ދެ ބަދަލާއެކު މިހާރު މަސައްކަތްކުރަނީ. އުއްމީދަކީ ލޮކްޑައުންގެ ކުރިން ޓީމުގެ ފަރާތުން ފެނުނު ކުޅުން ތަކުރާރުވުން” ސޯލްޝެއާ ބުންޏެވެ.

އިނގިރޭސި ލީގުގައި ކުޅުނު 29 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ޔުނައިޓެޑް މިހާރު އޮތީ ފަސް ވަނައިގަ އެވެ. އެޓީމަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން ޗެމްޕިއަންސް ލީގުގެ ފަހު ޖާގައިގައި މިވަގުތު އޮތީ ޗެލްސީ އެވެ. ޔުނައިޓެޑްގެ ފަހަތުން ހަ ވަނައިގައި އޮތް ވުލްވްސް އާއި ހަތް ވަނައިގައި އޮތް ޝެފީލްޑަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. މި ޓީމުތަކުގެ އިތުރުން 41 ޕޮއިންޓުގައި އޮތް ޓޮޓެންހަމް އާއި 40 ޕޮއިންޓާއެކު ނުވަ ވަނައިގައި އޮތް އާސެނަލުން ވެސް އަންނަނީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އުއްމީދުކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!