ޖަރުމަނު ބުންޑަސްލީގާ ގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ޑޯޓްމަންޑުގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ 1-0 އިންނެވެ.
މި މޮޅާއެކު ބަޔާނުން އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގީ 28 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ޑޯޓްމަންޑަށް 28 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. މިރޭގެ މެޗުން ހޯދި މުހިއްމު މޮޅާއެކު ބަޔާނަށް ވަނީ ލީގު ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ. ލީގުގައި ބަޔާނަށް ބާކީ އޮތީ ހަ މެޗެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ކުޅުނުއިރު ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ތަނަވަސްކުރީ އެޓީމުންނެވެ. އެޓީމަށް މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗް އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ވިސްނުންތެރިކަމާއެކު ކިމިޗް ގޯލުގެ ތެރެއަށް ފޮނުވާލީ ޑޯޓްމަންޑުގެ ގޯލްކީޕަރު ރޯމަން ބުއާކީ ބޯމަތިންނެވެ. އެ ބޯޅަ މަތަކުރަން ކީޕަރު މަސައްކަތްކުރި ވަގުތު ގޯލުގެ ތެރެއަށް ވަނީ އަތުގައި ޖެހިފަ އެވެ.
ދެ ވަނަ ހާފު ޑޯޓްމަންޑުން ފެށީ ހޫލިއަން ބްރާންޓް އާއި ތޯމަސް ޑިލަނޭގެ ބަދަލުގައި ޖޭޑޮން ސަންޗޯ އާއި އެމްރޭ ޗޭން ކުޅެން އަރުވައިގެންނެވެ. މި ހާފުގައި ޑޯޓްމަންޑުން ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ހަމަލާތައް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ. އެޓީމުގެ ޗޭން އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއާ އަމާޒުވިއިރު ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ޖެހި ބޯޅައެއް ވެސް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފަ އެވެ.

މެޗުގައި ހާލަންޑް ބޯޅަ ހިފައިގެންދާއިރު ބަޔާންގެ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް ހުރަސް އަޅަނީ
ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވާޑް، އާލިން ބްރައުޓް ހާލަންޑަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ނުލިބުނުއިރު އޭނާ ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ބަދަލުކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ޖެހިޖެހިގެން ދެ މެޗެއްގައި ހާލަންޑަށް ގޯލު ނުޖެހުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޖެހިޖެހިގެން ދެ މެޗުގައި ހާލަންޑަށް ގޯލު ނުޖެހުނީ ނޯވޭގެ މޯލްޑޭ އަށް ކުޅުނު ދުވަސްވަރު އެވެ. އެއީ ގާތްގަނޑަކަށް މީގެ ދެ އަހަރު ކުރި އެވެ.
މިރޭގެ މެޗުން ބަޔާން މޮޅުވިއިރު ލީގުގެ ފުރަތަމަ ބުރުގައި ވެސް ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ބަލިކޮށްފަ އެވެ. 75،000 ސަޕޯޓަރުން ކުރިމަތީ އެމެޗުން ބަޔާން މޮޅުވީ 4-0 އިންނެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޖަރުމަނު ލީގުގެ މެޗުތައް މިހާރު ކުރިއަށްގެންދަނީ ސަޕޯޓަރުން ނުވައްދަ އެވެ.