ލީގުގެ އެއްވެސް މެޗަކުން ބަލި ނުވެ ސީޒަން ނިންމައިގެން އާސެނަލުން ހަދާފައިވާ ރެކޯޑް ލިވަޕޫލަށް ނުހެދުމުން އުފާވި ކަމަށާއި އެކަމަކު މެޗެށް ބަލާލަންވިޔަސް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމަށް ދެން ނުދާނެ ކަމަށް އެ ޓީމްގެ ކުރީގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.
އާސެނަލްގެ ކޯޗް ކަމުން ފްރާންސްގެ އާސެން ވެންގާ ވަކިވީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޯޗެއްގެ ގޮތުގައި ވެންގާ ހަރަކާތްތެރިވެފައި ނުވާއިރު ކުރިއަށް އޮތް ތަނުގައި ވެސް ކޯޗެއްގެ ގޮތުގައި ފެނުން ދުރު ކަމަށް އޭނާ ވަނީ ބުނެފައެވެ. ވެންގާ އާސެނަލްގެ ކޯޗް ކަމުގެ މަގާމުން ވަކިވީ އެ ކްލަބްގައި 22 އަހަރު ހޭދަކުރުމަށްފަހު އެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ވަނީ ތިން ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބުކޮށްފައެވެ.
ދުނިޔޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ކުރަމުން އަންނަ މަސައްކަތުގައި މިހާރު އިސް ދައުރެއް އަދާކުރަމުން އަންނަ އުމުރުން 70 އަހަރުގެ ވެންގާ ކުޅިބަލާ މީހެއްގެ ގޮތުގައި ނަމަވެސް އެމިރޭޓްސް ސްޓޭޑިއަމުން ކުރިއަށް އޮތް ތަނުގައި ފެނިދާނެތޯ ބީން ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ވެންގާ ބުނެފައިވަނީ އެކަން އެގޮތަށް ނުވާނެ ކަމަށެވެ.
“އަހަރެން އެމިރޭޓްސް ސްޓޭޑިއަމް އަށް އެނބުރި ގޮސްދާނެތަ؟ އަހަރެންގެ އަމިކއްލަ ނަފްސަށް އަހަރެން އަބަދުވެސް ބުނަމުން އައީ އަހަރެން އާސެނަލް ދޫކޮށްލީ އެއްކޮށޭ. އެއީ އަހަރެންގެ ނިންމުން.” ވެންގާ ބުނެފައިވެއެވެ.
އާސެނަލް އަށް އެއްވެސް ހައިސިއްޔަތަކުން އެނބުރި ނުދާނެ ކަމަށް ވެންގާ ބުނިއިރު އާސެނަލުން އަންނަނީ އެމިރޭޓްސް ސްޓޭޑިއަމްގެ ބޭރުގައި ވެންގާގެ ސްޓެޗޫ އެއް ބެހެއްޓުމަށްޓަކައި ތައްޔާރު ވަމުންނެވެ.
“އާސެނަލްގައި އަހަރެން ހޭދަކުޖރި މުއްދަތުގައި 1235 މެޗެއްގައި އަހަރެން ޓީމަށް އިރުޝާދު ދިނިން. އާސެނަލް އާއެކު އުފާވެރި އަދި ހިތްދަތި ތަޖްރިބާތަކެއް އަހަރެން ކުރިން. އެކަމަކު އަހަރެން އަބަދުވެސް މަސައްކަތްކުރަމުން އައީ ކްލަބްގެ މުހިއްމު އަސާސްތައް ދަމަހައްޓަން. އަހަރެން ހީކުރަން އަހަރެންނަށް އެކަން ކުރެވުނު ކަމަށް.” އާސެނަލްގައި ވެންގާ ހޭދަކުރި ދުވަސްތަކުގެ ހަނދާން އާކުރަމުން ވެންގާ ބުންޏެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އާސެނަލްގެ ކޯޗެއްގެ ގޮތުގައި ވެންގާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ ޕްރިމިއަރ ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ 2003 ވަނަ އަހަރުގެ ސީޒަންގެ ތަށި އާސެނަލުން އުފުލާލުމެވެ. މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައިވެސް އަދި މިހާތަނަށް އެއްވެސް ކްލަބަކަށް ހާސިލްކުރެވިފައި ނެތް ކާމިޔާބެކެވެ. މި ކާމިޔާބީ މި ސީޒަނުގައި ލިވަޕޫލުން ހޯދަފާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވަޓްފޯޑާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވުމާއެކު އާސެނަލްގެ ރެކޯޑާއި ހަމަކުރަން ލިވަޕޫލުން ކުރަމުން އައި އުއްމީދު ވިއްސިވިހާލިވިއެވެ.
“ތެދެއް. އެއީ (ލިވަޕޫލް ބަލިވުން) ލިބުނު ޒާތެއްގެ ހިތްހަމަޖެހުމެއް. އަހަރެމެން އަބަދުވެސް ބޭނުންވޭ ކަމެއް ހާސިލްކުރާ ހަމައެކަނި ބަޔަކީ އަހަރެމެންނަށް ވާން. އެމީހުންނަށް އެހިސާބަށް ދެވުނީސް. އެކަމަކު އެނގިގެން މިދިޔައީ އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫންކަން. އެ ދުވަހު އާސެނަލްގެ ސަޕޯޓަރުންގެ ފަރާތުން އަހަރެންނަށް ވަރަށް ގިނަ މެސެޖް ލިބުނު.” ވދެންގާ ބުންޏެވެ.