ފުރަތަމަ ސަފްޙާ / ޚަބަރު / މިއީ ފެއާޕްލޭ އަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތު: ސުޒޭން

މިއީ ފެއާޕްލޭ އަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތު: ސުޒޭން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 މެއި 2020

ކޮރޯނާވައިރަހުގެ ސަބަބުން ހުއްޓިފައިވާ ފުޓްބޯޅަ އަލުން ފަށާއިރު ކުރުން އެންމެ މުހިއްމު ކަމަކީ ފެއާޕްލޭ އަށް ބޯޅަ ބޭރަށް ޖެހުން ކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ. ސުޒޭން މިހެން ބުނީ ރޭ އެފްއޭއެމުން ސޯޝަލް މީޑިއާގައި ގެނެސްދިން “ލެޓްސް ޓޯކް ފުޓްބޯލް” ޝޯގައި ވާހަކަދައްކަމުންނެވެ. ސުޒޭންގެ އިތުރުން މި ޝޯގައި ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ބައިވެރިވި އެވެ.

ފެއާޕްލޭ އަށް ބޯޅަ ބޭރަށް ޖެހުން ސުޒޭން މާނަކުރީ މުޅި ފުޓްބޯޅަ އާއިލާ އެއްކޮށް ގުޅިގެން މަސައްކަތްކޮށް މިހާރު އޮތް އަޑިގަނޑުން އަރައިގަތުމުގައި އެހީވެދިނުމަށެވެ.

“މިހާރު ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާ އެއްކޮށް ފެއާޕްލޭ އަށް ދާންޖެހިފަ މިއޮތީ. އެއީ މި ވަގުތާ ހާލަތުގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަށް އެބަ އެއްބާރުލުން ދޭންޖެހޭ މިވަގުތު މިއޮތް ހާލަތުން އަރައިގަތުމަށް ކުޅުންތެރިންނަށް ހުރި މަގުތަށް ކޮށައިދިނުމުގައި” ކުރިއަށް އޮތް ސީޒަނަށް ރަނގަޅުކުރަންވީ ކަންކަމާއި ގުޅޭގޮތުން ކުރި މަޝްވަރާގައި ސުޒޭން ފާހަގަކުރި އެވެ.

ސުޒޭން ބުނީ އެންމެން އެއްކޮށް މަސައްކަތް ކުރިޔަސް ހިތްހަމަނުޖެހުންތަކާއި އުދާސްތައް ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށާއި، ގުޅިގެން މަސައްކަތް ކުރަންވީ ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ކަމަށެވެ. އެހެންވެ “ފެއާޕްލޭ އަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތު މިއީ”.

“މިއޮތީ ފުޓްބޯޅަ އިންޖަރީ ވެފަ. އެހެންވީމަ މިވަގުތަކީ އެއްގޮތަކަށް ވެސް އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރުމުގެ ބަދަލުގައި އެކުވެރިކަމާއެކު މިކަން ކުރިއަށް ގެންދަން ނުކުންނަންވީ ވަގުތު” މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި ސުޒޭން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން ފަހަކަށް އައިސް އެފްއޭއެމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އޭގެތެރޭގައި ކުރިން ފުޓްބޯޅައިގައި ހަރަކާތްތެރިވި މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. ސުޒޭން ބުނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއާ އެއްކޮށް މަސައްކަތް ކުރުމަށް ރާއްޖޭގެ ފުޓްބޯޅައިގެ ލީޑިން ހުރިހާ ބޭފުޅުން އަންނަންވީ ވަގުތަކީ މިއީ ކަމަށެވެ. އަދި، ފުޓްބޯޅަ އަށް ކޮންޓްރިބިއުޓް ކުރެވޭނެ ހުރިހާ އެންމެން ވެސް ނުކުމެ މާލީ ދަތިތަކާއި އެހެންވެސް ދަތިތަކާ އެއްކޮށް ފުޓްބޯޅަ އަލުން ފަށައިގަތުމަށް ހުރިހާ ބޭފުޅުންގެ އެހީތެރިކަން މިދަނޑިވަޅުގައި ބޭނުންވާ ކަމަށެވެ.

“ރާއްޖޭގައި އެބަތިބި ވަރަށް ގާބިލް ބޭފުޅުން. ފުޓްބޯޅައިގެ ކަންކަމުގައި ޝާމިލްވެގެން ވަރަށް ކުރިއަށް ވަޑައިގެންނެވި ބޭފުޅުން. ނަމަވެސް މިވަގުތަކީ އެކަހަލަ ހިޔާލުތަފާތުވުންތައް ކުރިއަށް ނެރެ އުޅެންވީ ވަގުތަކަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ކުރިއެރުމަށް އެންމެން އެއްކޮށް މަސައްކަތް ކުރަންވީ ވަގުތު” ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗު ބުންޏެވެ.

ރޭގެ ޕްރޮގްރާމްގައި ސުޒޭން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެންމެ އަވަހަށް ވެސް ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ޖުލައި ހިސާބުގައި ކަމަށާއި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އެހާ އަވަހަށް ފަށަން ފަސޭހަ ނުވާނެކަމަށެވެ. އަދި، ސީޒަން ފަށާއިރު ވިސްނަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް ސުޒޭން ބުންޏެވެ. އެއްގޮތަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ކުރުކޮށްލުމަށް ފަހު އަންނަ އަހަރުގެ ޖޫންގައި ދިގު ސީޒަނަކަށް ދިއުން ކަމަށާއި، ނޫނީ މިހާރު އޮތް ބްރޭކް ދިގުކުރުމަށް ފަހު ކުރިން ސީޒަން ފެށިގޮތަށް އަހަރުގެ ކުރީކޮޅަށް ސީޒަން ބަދަލުކުރުން ކަމަށް ސުޒޭން ބުންޏެވެ. ސީޒަން އަލުން އެކުލަވާލާއިރު އިންޓަނޭޝަނަލް މެޗުތަކަށް ފަސޭހަވާނެ ގޮތަކަށް ކަލަންޑަރު ރޭވުން މުހިއްމު ކަމަށް ސުޒޭން ފާހަގަކޮށްފައިވެ އެވެ. ސުޒޭން ބުނީ ސީޒަން އަލުން ފަށާއިރު ރަނގަޅު ޕްލޭނަކާއެކު ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ކްލަބްތަކުގެ މާލީ ތަނަވަސްކަން ވެސް ރަނގަޅުވާން ޖެހޭ ކަމަށެވެ.

ސުޒޭން ވަނީ މިވަގުތު ފުޓްބޯޅައިގެ މާކެޓިންގެ މުހިއްމުކަން ފާހަގަކޮށް އެފްއޭއެމްގެ މާކެޓިން ޓީމުގައި ގާބިލްކަން ހުރިކަން ފާހަގަކޮށްފަ އެވެ. އަދި، އެފްއޭ އިން މާކެޓިން ވިސްނުމުގައި ކްލަބްތަކާއި ވާހަކަދައްކައި ކްލަބްތަކުގެ މެނޭޖްމަންޓުން އެފްއޭއާ ގުޅިގެން ކުރިއަށްދާނަމަ ދެތިން އަހަރުތެރޭ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް ސުޒޭން ބުންޏެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކުރިއަށް ނުގެންދަން ނިންމީ މިދިޔަ މަހު އެވެ. ފުޓްބޯޅަ ސީޒަން ނިންމާލިއިރު ބާކީ އޮތީ އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ދެމެޗާއި ފައިނަލް މެޗުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕެވެ. އެކަމަކު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އޭގެ ކުރިން ވަނީ ނިންމާލައިފަ އެވެ. ކުރިއަށް އޮތް ސީޒަން ފަށާނެ ވަކި މުއްދަތެއް ނޭނގޭއިރު އެފްއޭއެމުން މިހާރު އަންނަނީ ސީޒަން ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާތައް ކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!